އެއްވެސް ތަފާތު ކުރުމެއް ނެތި، ދިވެހި މުޖްތަމައުން ލިބެން އޮތް ކޮންމެ ފުރުސަތެއް ތެލެސީމިއާ ކުދީންނަށް ފަހިކޮށް ދޭން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ތެލެސީމިއާ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައެވެ.

އާބާދީގެ ނިސްބަތުން ބަލާއިރު ތެލެސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތީ އެއް ގައުމަކީ ދިވެހިރާއްޖެކަން ފާހަގަކޮށް ރައީސް ވިދާޅުވީ ތެލަސީމިއާ އާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ދިވެހިރާއްޖޭގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

ތެލެސީމިއާ ކުދިންގެ ސިއްހަތު ސަލާމަތުން ބޭތިއްބުމަށާއި އެކުދީންނަށް ގަވާއިދުން ފަރުވާ ދިނުމަށް އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކުދީންނާ އޯގާތެރިކޮށް މުއާމަލާތު ކުރުމާއި އުނގަންނައިދިނުމާއި އާމުދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން މި ގައުމުން ލިބިދޭ ހުރިހާ ފުރުސަތަކާއި ހައްގުތަކެއް ވެސް އެކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން އަމަލާއި ބަހުން ސާބިތުކޮށްދޭން ޖެހޭ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ތެލަސީމިއާ ކުދީންނަށްޓަކައި އެމަނިކުފާނު ހާމަކުރެއްވި ތަސައްވުރާއި ވީ ވައުދުތައް ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށެވެ. އަދި އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވަން ކުރާ މަސައްކަތުން އެކުދީންނާއި އާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ތެލަސީމިއާގެ އުނދަގޫ ތަހައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމައު ބައިވެރިވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އެ ކުދީންނަށް ލިބިފައިވާ ހުނަރުތައް ތަރައްގީކޮށް، އުންމީދާއެކު ދިރިއުޅުން ބިނާކޮށްދިނުމުގައި އަދި އެ ކުދީންނަށް ދަތިވާ ކޮންމެ ކަމަކަށް ފަސޭހަ އަލިމަގެއް ކޮށައި ދިނުމުގައި ކޮންމެ ދިވެހި ރައްޔިތަކުމެ ސަރުކާރަށް އެއްބާރުލުން ދިނުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ތެލެސީމިއާގެ އުނދަގޫ ބަރުދާސްކުރާ ކުދީންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން ލިބިގަންނަންވީ އީޖާބީ ފިލާވަޅު ތަކެއް ކަމަށެވެ.