ތެލަސީމިއާ ކުދިން ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް، ރާއްޖޭގައި ތިބެގެން ބޯން މެރޯ ކްރޮސްމެޗް ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ލެސީމިއާ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ މިކަން ހާމަ ކުރައްވާފައެވެ.

ހަލީލް ވިދާޅުވީ މީގެކުރިން ބަލިމީހާގެ ބޯން މެރޯ އަދި ޑޯނާގެ ބޯން މެރޯ މެޗް ވޭތޯ ބެލުމަށް ކުރަންޖެހޭ ޓެސްޓުތައް ކުރަން ޖެހެނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. އެގޮތުން ޓެސްޓު ހެދުމަށް ބަލިމީހާ، ޑޯނާ އަދި ބެލެނިވެރިން ރާއްޖެއިން ބޭރަށް ގޮސްގެން ނޫނީ އެކަން ނުކުރެވޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ފައިސާގެ ގޮތުންނާއި ވަގުތު ގޮތުން ވެސް އެކަމަށް ބެލެނިވެރިންވަމުން ދަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެއާހިލާފަށް ރައީސްގެ އިސްނެންގެވުމުގެ މަތިން މިއަދު ރާއްޖޭގައި ތިބެގެން މި ޓެސްޓު ހެދުމުގެ އިންތިޒާމްތައް ހަމަޖެހިގެން ގޮސްފައިވާ ކަމަށެވެ.

އެގޮތުން މާޗު މަހުގެ 7 ވަނަ ދުވަހު ޓެސްޓު ކުރުމުގެ ފުރަތަމަ ބުރު ވަނީ ނިންމާލާފައިވާ ކަމަށާއި އެ ބުރުގައި 13 ފަރާތެއްގެ ޓެސްޓު ހަދާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި މަހުގެ ތެރޭގައި ނުވަތަ އަންނަ މަހުގެ ތެރޭގައި އޭގެ ދެވަނަ ބުރު ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ތެެލެސީމިއާ ހޮސްޕިޓަލެއް އެޅުމަކީ ރައީސްގެ ތަސައްވުރެއްކަން ފާހަގަ ކުރައްވާ ހަލީލް ވިދާޅުވީ ރައީސްގެ ވިސްނުންފުޅާއެކު އެތަންވެގެން ދާނީ މި ސަރަހައްދުގައި ވެސް ގާއިމް ކުރެވޭ އެފަދަ އެންމެ ވަރުގަދު ހޮސްޕިޓަލަށް ކަމަށެވެ. އެގޮތުން އެ ތަނުގައި ރާއްޖޭގައި ތިބެގެން ބޯން މެރޯ ހެދޭނެ އިންތިޒާމްތައް ހަމަޖެހުމާއި އަދި އޭގެއިތުރުން ފަހުގެ ސައިންސްގެ ޒަރިއްޔާއިން މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް ފަހުގެ ލެބްތައް ގާއިމް ކުރާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.