މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސް ސެންޓަރު ހުޅުމާލޭގެ އިމާރާތަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީލު ވިދާޅުވީ، މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސް ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވުމުގެ އިތުރަށް އެ އިމާރާތް ބާވެ ބައެއް ބައިތައް ވެއްޓިފައިވާ ކަމަށެވެ. އެ ތަނުގެ ހާލަތު ހުރި ގޮތް ހާމަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ތަނަކީ ތެލެސީމިއާ ކުދިންނަށް ހިދުމަތް ފޯރުކޮށްދޭން އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. އެހެން ކަމުން އެ އިމާރާތް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން މިހާރު ވަނީ މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސްއަށް އިމާރާތެއް ހަމަޖެހިފައި ކަމަށް ވެސް ހަލީލު ވިދާޅުވިއެވެ. އެ އިމާރާތް ތައްޔާރު ކުރާނީ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާ މަޝްވަރާ ވެސް ކުރުމަށްފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ އިމާރާތުގައި ހުންނަން ޖެހޭ ވަސީލަތްތައް ވެސް މޯލްޑިވްސް ބްލަޑް ބޭންކާ ވެސް ހިއްސާ ކޮށްފައި ވާނެ ކަމަށް ހަލީލު ވިދާޅުވިއެވެ.

މިހާރު އެ އިމާރާތުގެ ޑިޒައިން ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ މަޝްރޫއުއަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކަމަށް ހަލީލު ވިދާޅުވިއެވެ. އެގޮތުން ވަރަށް ކައިރި މުސްތަގްބަލެއްގައި އާ އިމާރާތަށް ބަދަލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ބްލަޑް ބޭންކް ސާވިސް ސެންޓަރު ހުޅުމާލެއަށް ބަދަލު ކުރަން ނިންމާފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ތެލެސީމިއާ ހޮސްޕިޓަލެއް ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން އެ ހޮސްޕިޓަލް ގާއިމް ކުރާނީ ހުޅުމާލެގައި ކަމަށާއި އެތަން ޑިޒައިން ކުރާނީ ރަށްރަށުން ވެސް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ހުރެވޭނެ ގޮތަށް އެކޮމޮޑޭޝަން ވެސް ހަމަޖެހޭނެ ގޮތަށް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.