ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް)ގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޑިފެންސްއިން ހުޅުވާލައިފިއެވެ.

ޑިފެންސް މިނިސްޓްރީއިން ބުނީ މި ހިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށެވެ. އަދި މި ހިދުމަތުގައި ބައިވެރިވުމަށް ހުށަހަޅާ އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކު ގައުމީ ހިދުމަތާއި ގުޅުމަށް އެ ޒުވާނެއްގެ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް ޑިފެންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ހިދުމަތް ކުރެވޭނެފަދަ ސިއްހަތެއްގައި ހުރި ފަރާތެއް ކަމުގައިވާންވާނެ ކަމަށާއި ޕްރޮގްރާމްގެ ބައިވެރިން ހޮވާނީ މެޑިކަލް އެސެސްމެންޓެއް ފުރިހަމަ ކުރުމަށްފަހު ކަމަށް ޑިފެންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޑިފެންސް މިނިސްޓްރީއިން ބުނީ ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، އެ ފަރާތްތައް މި ހިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވެންސެއް ދޭނެ ކަމަށެވެ. އަދި ޕްރޮގްރާމުގެ ދަށުން ތަމްރީނު ފުރިހަމަ ކުރުމަށްފަހު، ކަނޑައެޅޭ ދާއިރާތަކުން ވަޒީފާއަށް ގުޅުމުގެ ފުރުސަތު ދެވޭނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް ނުވަތަ ޑިފެންސް މިނިސްޓްރީގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.

ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

2024 ވަނަ އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމް އިއުލާނުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން ތަމްރީން ލިބިފައި ތިބި، އަހްލާގް ރަނގަޅު ގައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމުގައި ވަނީ ވިދާޅުވެފައެވެ. 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމް އިފްތިތާހްކުރުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާ ކަމަށާއި، އެ ޕްރޮގްރާމް މި އަހަރުގެ އޭޕްރީލްމަހު ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.