މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ހިމެނޭ އާއިޝަތު ލަޔާލީ އިގްބާލް، ގ. ނޯތުބްރީޒް، ކ. މާލެ އަކީ މުލިއާގޭގެ މިނިސްޓަރު އިގްބާލް އާދަމްގެ ދަރިއެއް ކަމަށް ބުނެ ދައުރުކުރާ ވާހަކަތައް އިގްބާލް ދޮގުކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިގްބާލް ވިދާޅުވީ ދައުރުކުރާ ފޮޓޯގައިވާ ލަޔާލީއަކީ އޭނާގެ ދަރިއެއް ނޫންކަމަށާއި އަދި އެއްވެސް ގޮތަކުން އާއިލާވެސް ކުއްޖެއް ނޫން ކަމަށެވެ. މިއާއެކު އިގްބާލް ވަނީ ހަގީގަތް އޮޅޭ މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ގޮވާލާފައެވެ.
21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މި ހާދިސާއާ ގުޅިގެން އެ ރޭ އޭނާއާއެކު އުޅުނު 8 މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. ނަމަވެސް ލަޔާލީ މެލޭޝިއާއަށް ފުރާފައިވާ ކަމަށް ބުނެވެސް ސޯޝަލް މީޑިއާގައި ވަނީ ވާހަކަތަކެއް ފެތުރިފައެވެ. ނަމަވެސް ފުލުހުން ވަނީ އެއީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް ބުނެފައެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ އިރުއޮއްސި 6:20 ހާއިރު ވަނީ ރައުދު ހައްޔަރުކޮށްފައެވެ. ރައުދަކީ ޔުމްނުއާއެކު އޭނާ ވެއްޓުނު ގޭގައި ހަރަކާތްތެރިވި ޒުވާނާކަން ފާހަގަކުރެވެއެވެ.
މި މައްސަލައާ ގުޅިގެން ރައުދާއި، ޔުމްނު ހިމެނޭހެން 7 ފަރާތެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި މި މައްސަލައާއި ގުޅިގެން މާންދޫގެ ޓެރެސްއާއި 2 ވަނަ އަދި 4 ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލިގެ 3 ވަނަ ފަންގިފިލާ ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޔުމްނު ވެއްޓުނު މި ހާދިސާއާއި ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން ވަނީ ރޭވެސް މުޒާހަރާ ކޮށްފައެވެ. އެ ޒުވާނުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ވަކި ބަޔަކަށް ވަކި ގޮތަކަށް ފުލުހުން އަމަލު ކުރާ ކަމުގެ ތުހުމަތުގެ އިތުރުން މި ކޭސްގައި ބައިވަރު ކަންކަން ފޮރުވަން މަސައްކަތް ކުރާ ކަމަށް ބުނެފައި ވެއެވެ. ރޭ ދަންވަރު މި ހަރަކާތް ނިންމާލީ މިރޭ ވެސް އެ ހަރަކާތް ބާއްވާނެ ކަމަށް އިއުލާނުކޮށްފައެވެ.
ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އިތުރުން އެކި މުއައްސަސާތަކަށް ކުރެވޭ ތުހުމަތު ތަކާއެކު އިއްޔެ ހެނދުނު ވަނީ ފުލުހުންގެ ހާއްސަ ނިއުސް ކޮންފަރެންސެއްވެސް ބާއްވާފައެވެ. އެ ނޫސްވެރިންގެ ބައްދަލުުވުމެއްގައި ވަނީ ހާދިސާގެ ކުރިން ހ. ފެންޓެނޯއީ ގޭގައި ޔުމްނު އާއި އޭނާއާ އެކު ހުރި ރައުދު އަހުމަދު ޒިލާލްގެ ހަރަކާތްތައް ފެންނަ ސީސީޓީވީ ފުޓޭޖުތައް އާންމުކޮށްފައެވެ.