ސިޔާސީ ފިކުރު ތަފާތުވުމަކީ އަނެކާގެ އަބުރު ކަތިލައި، ބޮލުގައި ދޮގު އިލްޒާމު އެޅުވުމަށް އޮތް ހުއްޖަތެއް ނޫން ކަމަށް ރިޔާސީ ގަނޑުވަރުގެ މިނިސްޓަރު އަދި ރައީސްގެ ބޭބޭފުޅު އިގްބާލް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިގްބާލް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދާއި، އާއިލާއަށް އަމާޒުކޮށް ފަތުރަމުންދާ ދޮގު މައުލޫމާތުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ނެރުއްވި ބަޔާނެއްގައެވެ.

އިގްބާލް ވިދާޅުވީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީން ކަށަވަރުކޮށްދީފައިވާ ހައްގެއް ނަމަވެސް، އެއީ ވަކި އިންތަކަކާއި މިންތަކެއްގެ ތެރޭގައި އޮންނަންޖެހޭ ކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއިން ފެށިގެން 69 ވަނަ މާއްދާގެ ނިޔަލަށް ބަލައިލުމުން، އަސާސީ ހައްގުތަކާއި މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވާނޭ ގޮތުގެ މަތީންކަން ސާފުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިނިވަންކަމާއެކު ބަސްބުނާ އިންސާނާގެ ދުލުގެ އެއްކޮޅުވެސް އޮތީ ހައްޔަރުވެފައެވެ. މިނިވަންކަމާއެކު ވައިގެތެރޭގައި ވިހުރެމުންދާ ދިދައިގެ އެއްކޮޅުވެސް ހައްޔަރު ކޮށްފައިވާ ފަދައިންނެވެ،" އިގްބާލް ވިދާޅުވިއެވެ.

މީހުންގެ އަބުރާބެހުމާއި، ދޮގު އިލްޒާމު އެޅުވުމާއި، މުޖުތަމައުގެ މަސްލަހަތު ގެއްލޭފަދަ ކަންކަން ކުރާ ފަރާތްތަކުން އެކަންކަމަށް ޖަވާބުދާރީވާންޖެހޭނެ ދުވަހެއް އަންނާނެކަން ހަނދާންކޮށްދެއްވަމުން އިގްބާލް ވިދާޅުވީ، މިފަދަ ކަންކަން ކުރާ ފަރާތްތަކަކީ ތަހުޒީބުގެ އިންތައް ފަހަނަޅައި ގޮސްފައިވާ ބައެއް ކަމަށެވެ. އަދި ތިމާ އަނެކުންނާ ދިމާލަށް ކުރާ ދޮގު އިލްޒާމުތަކުގެ ސަބަބުން އެމީހެއްގެ އާއިލާއަށް ކުރާނެ އަސަރުތައް ވަޒަންކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އިގްބާލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒަކީ ދިވެހި ރައްޔިތުންގެ އަޣްލަބިއްޔަތުން އިންތިހާބުކޮށްފައިވާ ރައީސެވެ. އެމަނިކުފާނާއި އާއިލާއާ ބެހޭގޮތުން ކިތަންމެ ވަރަކަށް ދޮގު ފެތުރިޔަސް، ރައީސްގެ އަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އެމަނިކުފާނަކީ ގާނޫނާ ހިލާފު ކަންކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމުގެ ޔަގީންކަން އިގްބާލް ދެއްވިއެވެ.

"ރައީސް މުއިއްޒުގެ އާއިލާއާއި ބެހޭ ގޮތުން ކިތަންމެ ވަރަކަށް ދޮގު މަޢުލޫމާތު ފަތުރައި، ރައީސްގެ އިސްތަށިފުޅުގައި ކިތަންމެ ވަރަކަށް ދޮގު އިލްޒާމުތައް އެޅުވިޔަސް، އަދި ކިތަންމެ ވަރަކަށް ރައީސްގެ ޒާތީ ދިރިއުޅުއްވުމާ ބެހުނަސް، މާތް الله ގެ އިރާދަފުޅާއިއެކު ރައީސް މުއިއްޒުގެ ސަހްޝަކަށް އެއްވެސް ލޮޅުމެއް ނާރާނެ"
އިގްބާލް

ބަޔާން ނިންމަވާލައްވަމުން، މިނިސްޓަރު އިގްބާލް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއާ ބެހޭގޮތުން ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތައް މިހިނދުން މިހިނދަށް ހުއްޓާލައި، ރިވެތި އަހުލާގުގެ ތެރެއަށް ރުޖޫއަވުމަށް ހުރިހާ ފަރާތްތަކަށް އިހުތިރާމާއެކު އިލްތިމާސް ކުރައްވާފައެވެ.