އެސްޓީއޯއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޭޑިއޯގްރާފަރުން ތަމްރީނުކުރުމަށް ކޯހެއް ހިންގައިފިއެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކުރެވިފައިވާ ދެ އަހަރުގެ ނަޒަރީ ތަމްރީނާއި ހަ މަސް ދުވަހުގެ އަމަލީ ތަޖުރިބާ ހިމެނޭ މި ކޯހުގައި ދަރިވަރުންގެ ކިޔެވުން ފެށީ އޮކްޓޯބަރު 2022 ގައެވެ.
އެސްޓީއޯއިން މި ކޯސް ހިންގަން ފަށާފައި ވަނީ ޓްރެއިނިންގް އިންސްޓިޓިއުޓެއް ގާއިމުކޮށް، 2019 ވަނަ އަހަރު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހުއްދަ އާއެކު ވެސް މެއެވެ. އަދި ފުރަތަމަ ބެޗްގެ ދަރިވަރުންގެ ކިޔެވުމުގެ އެންމެހައި ޚަރަދުތައް އެސްޓީއޯގެ ފުލް ސްކޮލަރޝިޕްގެ ދަށުން ހަމަޖެއްސުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމާ ް، ކިޔަވަމުންދާ މުއްދަތުގައި ކޮންމެ ދަރިވަރަކަށް މަހަކު 2,300 ރުފިޔާގެ ޕޮކެޓްމަނީއެއް ދީފައި ވެއެވެ.
މީގެ އިތުރުން ވެސް ދަރިވަރުންގެ ކްލިނިކަލް ތަމްރީނާއި އިންޓާންޝިޕް ފުރިހަމަކުރުމަށް، އެސްޓީއޯއިން މާލޭގެ އެންމެ ބޮޑު ފަސް ހޮސްޕިޓަލުތައް ކަމަށްވާ އައިޖީއެމްއެޗް، އޭޑީކޭ، ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ޓްރީޓޮޕް އަދި ހުޅުމާލެ ހޮސްޕިޓަލާއެކު ވަނީ އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ. އިންޓާންޝިޕް ފެށުމުގެ ކުރިން ދަރިވަރުންނަށް މޮޓިވޭޝަނަލް އަދި ކަސްޓަމާ ކެއާ ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.
އަދި ފެބްރުއަރީ 2025 ގައި އިންޓާންޝިޕް ނިންމައި، ދަރިވަރުންނަށް ސެޓްފިކެޓް ދޫކޮށް އިންޓާންޝިޕްގެ މުއްދަތުގައި ދަރިވަރުންގެ އިލްމީ ފެންވަރާއި ހޭލުންތެރިކަމުގެ މިންވަރު ރަނގަޅުކަން ހާމަވެގެން ދިޔަ ކަމަށް އެސްޓީއޯއިން ބުނެއެވެ. މިއީ ކޯހުގެ ފެންވަރު ރަނގަޅުކަން ދައްކުވައިދޭ ހެއްކެއް ގޮތުގައި އެސްޓީއޯއިން ދެކޭއިރު ކޯހުގައި ބައިވެރިވި 25 ދަރިވަރުންގެ ތެރެއިން 23 ދަރިވަރުން ވަނީ ކާމިޔާބުކަމާ އެކު ކޯސް ފުރިހަމަކޮށްފަ އެވެ.
ކޯސް ފުރިހަމަ ކުރި ދެ ދަރިވަރަކު އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ވަޒީފާ އަދާކުރަމުންދާއިރު އެހެން ދަރިވަރުން މިވަގުތު ވަޒީފާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެސްޓީއޯއިން ބުނެއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށް 23 ދިވެހި ރޭޑިއޯގްރާފަރުން އިތުރުވުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ، ދިވެހި މުޖުތަމައަށް މުހިންމު މިފަދަ މަޝްރޫއެއްގެ ތެރެއިން ގާބިލު ޒުވާނުންތަކެއް އުފެއްދުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެސްޓީއޯއަށް ލިބިގެންދިޔަ ފަހުރެއް ކަމަށެވެ.
އަދި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ބިނާކުރަނިވި ހިދުމަތްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ތައްޔާރަށް ތިބި ކަމަށް އެސްޓީއޯއިން ބުނެއެވެ.