ކަޝްމީރުގައި ބަޑިޖަހާ 26 މީހަކު މަރާލި ހާދިސާ އާ ގުޅިގެން އަޅާ ފިޔަވަޅުތަކެއްގެ ގޮތުގައި އިންޑިއާގައި ތިބި ޕާކިސްތާން މީހުން ބޭރުކުރުމުގެ މަސައްކަތް އިންޑިއާ ސަރުކާރުން ފަށައިފިއެވެ.
އެގޮތުން އިންޑިއާގައި ހުންނަ ޕާކިސްތާންގެ އެމްބަސީގައި ތިބޭ އަސްކަރީ އެޑްވައިޒަރުންނާއި ވިސާއާ ނުލައި ސާކް ގައުމުތަކަށް ދަތުރު ކުރުމަށް ދީފައި އޮންނަ ހުއްދައިގެން ދަށުން އިންޑިއާއަށް އެތެރެވެފައި ތިބި ޕާކިސްތާނުގެ ރައްޔިތުން އިންޑިއާ އިން ފައިބަން ވަނީ އަންފާއެވެ. ވިސާގެ ދަށުން ތިބި މީހުންނަށް 48 ގަޑިއިރު ދީފައި ވާ އިރު އެމްބަސީފައި ތިބި ނޭވީ, ޑިފެންސް އަދި އަސްކަރީ އެޑްވައިޒަރުންނަށް ވަނީ ހަފްތާއެއްގެ މުހުލަތު ދީފައެވެ.
ދާދި ދެންމެ ބޭއްވި ޕްރެސް އެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ މިސްރީ ވިދާޅުވީ, އެ ހަމަލާ ދިން ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށެވެ. ނަމަވެސް ހަމަލާގެ ބަދަލު ހިފާނެ ކަމެއް ނުވަތަ ނޫންކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.
ހަމަލާގެ ތުހުމަތު ނުވަތަ އިނގިލި ޕާކިސްތާނަށް އަމާޒު ކުރާއިރު އިންޑިއާއިން ވަނީ އެގައުމުގެ ސަމާލަތީ ބާރުތައް ކުއްލި ހާލަތަށް ގެނެސް ތައްޔާރުވެފައެވެ. އަދި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ދަތުރު ކުރާ އައްޓާރީ ދޮރޯށި މިހާރު ވަނީ ބަންދު ކޮށްފައެވެ. އަދި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ގާއިމު ކޮށްފައި އޮންނަ 'އިންޑަސް ވޯޓާ ޓްރީޓީ' ވެސް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. މި މުއާހަދާއަކީ ދެގައުމަށް ލައްވާ ގޮތަށް އޮންނަ ފެނުގެ އާރުތައް ދެފަރާތަށް ބެހުމާބެހޭ ގޮތުން އެކުލަވާލަފައި އޮންނަ މުއާހަދާއެކެވެ.
އިންޑިއާގެ ކަޝްމީރުގައި ބަޑިހިފައިގެން ހުރި މީހަކު ދިން ހަމަލާގައި މަރުވި ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ޕާސްޕޯޓް އޮތް 25 މީހަކާއި ނޭޕާލްގެ މީހެކެވެ. މި އެންމެންނަކީވެސް ފަތުރުވެރިންގެ ގޮތުގައި ކަޝްމީރަށޤ ދިޔަ މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.
ކަޝްމީރަކީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ތަނެކެވެ. އިންޑިއާގެ މައި ސަރުކާރުގެ ކޮންޓްރޯލަށް ކަޝްމީރުގެ އިންޑިއާ ފަޅި ނެގުމަކީ އެތާނގައި ދިރިއުޅޭ ގިނަ މުސްލިމުން އެހާ ރުހޭ ކަމެއް ނޫނެވެ. މިހަމަލާ އާ ގުޅިގެން މިހާތަނަށް 1500 މީހަކު އިންޑިއާ ސިފައިން ހައްޔަރު ކޮށްފައި ވާ އިރު ހަމަލާ ދިން މީހާ ހޯދުމަށް އިންޑިއާގެ ބޮޑު ފައުޖެއް މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.
މި ހަމަލާގެ ޒިންމާ ޓެރަރިސްޓް ޖަމާއަތަކުން ނަގާފައި ވާ އިރު އެމީހުން ބުނަނީ ކަޝްމީރުގެ އަސްލު މިހާރު ގެއްލިގެން ދާ ކަމަށާއި ކަޝްމީރާ ގުޅުމެއް އިންޑިއާގެ ދުރުހިސާބުތަކުން 85,000 އަށް ވުރެ ގިނަ މީހުން އެތަނަށް ގެންގޮސް ވަޒަންވެރި ކުރުވާފައި ވާ ކަމަށެވެ.
ހަމަލާގެ ޒިންމާ އުފުލި ޖަމާއަތަކީ ޕާކިސްތާންގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ވާ ލަޝްކަރޭ ތޮއިބާގެ ގޮތްޕެއް ކަމަށް ހަބަރުތައް ބުނެއެވެ.
މި ހަމަލާ އާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު މިހާރު ސައުދީއަށް ކުރައްވާ ދަތުރު ކުރުކޮށްލައްވައި ވަނީ ގައުމަށް އެނބުރިވަޑައިގަތުމަށް މިސްރާބު ޖައްސަވާފައެވެ. ހަބަރުތައް ބުނާގޮތުން އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ހޫނުވެ ދެފަރާތުން ވަނީ އެލާޓަށް އައިސްފައެވެ. މާދަމާގެ ވަގުތެއްގައި ދެގައުމުގެ އިސްވެރިން އެގައުމެއްގެ އެންމެ މަތީ ގައުމީ ސަލާމަތާ ގުޅޭ އިސްވެރިންނާއެކު ބައްދަލުވުންތައް ބާއްވާނެއެވެ.