މާލޭގެ ހެންވޭރުގައި ހުރި އުސް އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގައި އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މުޒާހަރާ ކުރަން ފަށައިފިއެވެ.
ހެންވޭރު ޕޮލިސް ސަރަހައްދުގައި ކުރިއަށް ދާ މި މުޒާހަރާގެ ބައިވެރިން ދަނީ އެ އަންހެން މީހާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލަމުންނެވެ. އެގޮތުން މި ހާދިސާގައި މިނިވަން ތަހުގީގެއް ކުރަން މުޒާހަރާގެ ބައިވެރިން ގޮވާލާފައި ވާއިރު، ރޭ ސިއްރު ނޫސް ކޮންފެރެންސް ބޭއްވީ ކީއްވެތޯ ވެސް މުޒާހަރާގެ ބައިވެރިން ދަނީ ސުވާލު ކުރަމުންނެވެ.
މީގެއިތުރުން އަންހެން މީހާގެ އައިޑެންޓިޓީ ހާމަކޮށްފައި ވާއިރު، މި މައްސަލައިގައި ދެން ޝާމިލުވާ 7 މީހުންގެ އައިޑެންޓިޓީ ހާމަނުކުރަނީ ކީއްވެތޯވެސް މުޒާހަރާގެ ބައިވެރިން ވަނީ ސުވާލު އުފައްދާފައެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މިއަދު އެމްޑީޕީ އިން ވެސް ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެ ހާދިސާގެ ތަހުގީގުގައި ފުލުހުން އަމަލުކުރަމުންދާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީއިން ނެރުނު ނޫސްބަޔާނުގައި ބުނީ މި ހާދިސާއާ ގުޅޭ ބައެއް މައުލޫމާތުތައް ހިފަހައްޓައި، ސިއްރު ނޫސްވެރިންގެ ބައްދަލުމެއްގައި އަނިޔާ ލިބުނު ޒުވާނާގެ މައުލޫމާތުތައް ހާމަކޮށްފައި ވުމަކީ އެ އިދާރާގެ ފަރާތުން ފެނިގެންދިޔަ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
މި ހާދިސާގެ ތަހުގީގުގައި އާންމު އުސޫލުގެ ބޭރުން ހާއްސަ ގޮތަކުން ފުލުހުން އަމަލު ކުރަމުންދާ ކަމުގެ ތުހުމަތުތައް އަމާޒުވެފައި ވާއިރު، ފުލުހުންގެ މެދުގައި އޮންނަ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ތުހުމަތުވާ ފަރާތްތަކާމެދު އަމަލުކޮށް، މިނިވަން ތަހުގީގެއް ހިންގުމަށް އެމްޑީޕީއިން ވަނީ ހަރު އަޑުން ގޮވާލާފައެވެ.
މި މައްސަލައިގައި ފުލުހުންނަށް އަމާޒުވެފައިވާ ތުހުމަތުތަކާއި ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ފުރިހަމަ ތަހުގީގެއް ހިންގުމަށް ވަނީ ނިންމާފައެވެ. އެންއައިސީ އިން ބުނީ އެ ކޮމިޝަންގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ހިންގާ މި ތަހުގީގަކީ ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ހިންގާ ތަހުގީގެއް ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން މައުލޫމާތު ދިނުމަށް ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ 'ސިއްރު' ބައްދަލުވުމުގައި ފުލުހުން ވަނީ މި ކޭސްއާ ގުޅޭ ސީސީޓީވީ ފުޓޭޖްތައް ދައްކާ މިހާތަނަށް ތަހުގީގަށް ހޯދިފައިވާ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކޮށްފައެވެ. ފުލުހުން ބުނީ ސޯޝަލް މިޑިއާގައި އެ އަންހެން މީހާ ރޭޕް ކުރި ކަމަށް ބުނި ކަމުގައި ވިޔަސް އެފަދަ ހެއްކެއް ނެތް ކަމަށެވެ. އަދި އެ އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫން ކަމަށާއި އެއީ އޭނާ އަމިއްލަ އަށް ވެއްޓުނު ހާދިސާއެއް ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 7:23 ހާއިރުއެވެ. ސީނަށް ގޮސް ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެން މީހާ ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.