ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ފޮނި ނަތީޖާ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭ ނެރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މިހާރުގެ ޒުވާނުންނަށް އަމާޒުކޮށްގެން، އެ މީހުންނާއި ގުޅޭ ގޮތަށް ފެށި "ދެނޯ" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޔޫތު މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަދި ޒުވާނުންގެ ފަރާތުން ރައީސަށް ލަފާ ދޭ ކޮމިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ނަޒާ ނަސީމް ހުށަހަޅާދޭ މ ޕޮޑްކާސްޓްގެ ފުރަތަމަ ޝޯގައި ރައީސް ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ދިރިއުޅުމާއި ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން ނަޒާ ރައީސް އާއި ކުރި ސުވާލަކީ ޑޮލަރުގެ މައްސަލައަށް ހައްލު ލިބޭނެތޯއެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. "ހައްލުވާނެ، އޭގައި ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ، އަޅުގަނޑުމެން މިހާރު މިތިބީ ރަނގަޅު ޓްރެކެއްގައި، ޑޮލަރު މާރު ކުރަންވެސް އެންމެންވެސް އެއްބާރުލުން ދޭ، ވަރަށް ޝުކުރު އަދާކުރަން، ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީއަށް ވެރިންނަށް،". ރައީސް ވިދާޅުވިއެވެ.

އަދި އެކަމުގައި އަމިއްލަ ކުންފުނިތަކުގެ އެއްބާރުލުންވެސް ލިބޭކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިހާރު އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތާވަލާއި އެއްގޮތަށް އެޅެމުންދާނަމަ އެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 2027 ގެ ކުރިން އެ މައްސަލަ އެއްކޮށް ހައްލުވެ މިހާރުގެ އަސްލު ރޭޓުގައި ޑޮލަރު ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ހެދުމެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލައަކީ ހައްލުނުވެ އަހަރުތަކަކަށް ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. ރަސްމީ އެކްސްޗޭންޖް ރޭޓަކީ 15.42 ރުފިޔާ ވިޔަސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅެނީ 17 ރުފިޔާ އާއި 19 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ. މީގެ ސަބަބުން ރާއްޖޭގައި މުދަލުގެ އަގުތައް މަތިވެ އޭގެ ނޭދެވޭ އަސަރު މުޅި އިގްތިސާދަށް ކުރިމަތިވެއެވެ.