ދިވެހިރާއްޖޭގެ ގޮލްފް އެސޯސިއޭޝަނުން 2025 ވަނަ އަހަރުގެ މޯލްޑިވްސް އޯޕަން ގޮލްފް މުބާރާތުގެ ޖާޒީއާއި ފިލާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު މި ފިލާ ރައީސް މުއިއްޒަށް އަރުވާފައިވަނީ ގޮލްފް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު ނަޒީރު ކަމަށެވެ. މި ގޮލްފް މުބާރަތަކީ މި މަހުގެ 25 ވަނަ ދުވަހު ސްރީލަންކާގެ ވިކްޓޯރިއާ ގޮލްފްގައި ފެށޭ މުބާރާތެކެވެ.
ރައީސް އޮފީހުން ބުނީ މޯލްޑިވްސް އޯޕަން 2025 އަކީ ދިވެހިރާއްޖޭގައި ގޮލްފް ކުޅުން ކުރިއަރުވައި ތަރައްގީ ކުރުމަށް ގޮލްފް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ވަނީ ގްރައުންޑް ގޮލްފް ވެސް ތައާރަފްކޮށްފައެވެ. ގްރައުންޑް ގޮލްފް ތައާރަފްކޮށްފައިވަނީ 2019 ވަނަ އަހަރު އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކޮށްގެންނެވެ. އެގޮތުން މިއީ މާބޮޑު ވަރުބަލިކަމެއް ނެތި ލުއި ކުޅިވަރެއްގެ ގޮތުގައި ކުޅެވޭ ޒަމާނީ ކުޅިވަރެކެވެ.
ގޮލްފް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ކުޅޭ ކުޅިވަރެކެވެ.