ސައްހަ ވިސާ ނެތި މާލޭގައި ގވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މަސައްކަތްތެރިންތަކެއް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

މި ބިދޭސީންތައް އަތުލައިގަނެފައި ވަނީ އިމިގްރޭޝަންގެ ޓާސްކޯ ފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އެގޮތުން މާލޭގެ ބާޒާރުމަތި ސަރަހައްދުގައި ހިންގަމުންދާ ގުދަންތަކާއި ފިހާރަތައް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިއަ 08 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ހާމަ ކުރެއެވެ.

މި ސަރަހައްދަކީ އާންމުންގެ ފަރާތުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ތަނެއްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދެއްވެސް މެއެވެ.

މިއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މިފަދަ އޮޕަރޭޝަންތަކުގެ ސަބަބުން ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ވިޔަފާރިތަކަށް ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިލާން ޖެހޭނެއެވެ.

ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން އަންނަނީ ޑީޕޯޓް ކުރަމުންނެވެ. އެގޮތުން މިދިޔަ އހަަރު ފެށީ މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން އަނބުރާ ގައުމަށް ވަނީ ފޮނުވާލާފައެވެ.

އަދި މި މަސައްކަތުގައި މި އަހަރުގެ އަމާޒަކީ އެ އަދަދު ދެގުނަ ކުރުން ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މީހުން ފުރުވާލުމުގެ މަސައްކަތާއި ރެއިޑު އޮޕްރޭޝަންތައް އަވަސް ކޮށް، މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން މި އަހަރު އަތޮޅު ތެރެއަށް ޒިޔާރަތްކޮށް ގަވާއިދާ ހިލާފަތް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ.