ބެޓްްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގައި ރާއްޖެ ތަމްސީލް ކުރަމުން އަންނަ "ޓޫ އޮފް އަސް" ބޭންޑުގެ ހަތަރު ވަނަ ފެނިލުމުގައި ހުށަހަޅައިދިން ހުށަހެޅުމާއެކީ އަނެއްކާވެސް ދިވެހި ގައުމީ ދިދަ އުފުލިގެން ހިންގައްޖެ ކަމަށް ނެޝަނަލް ސެންޓާ ފޮ ދި އާޓްސް އިން ބުނެފިއެވެ.

އިންޑިއާގެ ސަރުކާރު ހިއްސާވާ ޕަބްލިކް ޓީވީ ބްރޯޑްކާސްޓަރު ދުރްދަރްޝަންގެ ރިއަލިޓީ ޝޯއެއް ކަމަށްވާ" ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" އަކީ ވޯލްޑް އޯޑިއޯ ވިޝުއަލް އެންޑް އެންޓަޓެއިންމަންޓް ސަމިޓް (ވޭވްސް) ގައި ހިމެނޭ ބައިނަލްއަގުވާމީ މިއުޒިކް މުބާރާތެކެވެ. މި ޝޯވްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހިތްގައިމު ބޭންޑްތައް މިއުޒިކް އޮފްގައި ވާދަކުރެއެވެ. ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ބޭންޑުތަކުން ބައިވެރިވެފައިވާ އިރު، މި މުބާރާތަކީ އޮރިޖިނަލް މިއުޒިކް ދައްކާލައި، މިއުޒިކް އިންޑަސްޓްރީގައި އުފެއްދުންތެރިކަން ކުރިއެރުވުމަށް ފަރުމާކޮށްފައިވާ މުބާރާތެކެވެ.

އެގޮތުން މި ރިއަލިޓީ ޝޯވްގައި ރާއްޖެ އިން ބައިވެރިވާ ބޭންޑް އަކީ 5 މެންބަރުން ހިމެނޭ "ޓޫ އޮފް އަސް" އެވެ. މި ޝޯވްގައި ޓޫ އޮފް އަސް އެންމެ ފުރަތަމަ ހުށަހަޅައި ދިނީ މަޝްހޫރު ދިވެހި ލަވަ "އެއްޗެއް ކަޅެއް" އެވެ. އެ ޕާފޯމަންސަށް ޖަޖުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

މި ޝޯވްގައި އެ ބޭންޑުން ދެއްކި ދެވަނަ ހުށަހެޅުމަކީ ވެސް ގިނަ ބައެއްގެ ތައުރީފު ލިބުނު ހުށަހެޅުމެކެވެ. އެއީ ރާއްޖޭގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ މަރްހޫމް މެޒޯ މޯޑްގެ “ކަމަނަ ގޯތީ އާދަނުތާ” ލަވަ އާއި މޭނާ ހައްސާނުގެ “ފިނިފިނި ވާރޭގާ ތެމުނީމާ” ލަވައިގެ ފިއުޝަންއެކެވެ. މި ހުށައެޅުން ނިމުމުން އަނޫ މަލިކް ބުނީ “މުޅި ތަނުގައި އަލިފާން ޖަހައިފި”ކަމަށާއި އޭނާއަށް ވަނީނަމަ “ޕާފޯމަންސް އޮފް ދަ ޑޭ”ގެ ފަހުރުވެރި އެއްވަނަ “ޓޫ އޮފް އަސް” އަށް ދޭނެ ކަމަށެވެ. މި ހުށަހެޅުމަށް ވަނީ އެ ޕާފޯމަންސް އޮފް ދަ ޑޭ" ލިބިފައެވެ.

ޓޫ އޮފް އަސް ބޭންޑް ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގައި

މި ޝޯވް ގައި ކޮންމެ ހަފްތާއަކު ތަފާތު ބޭންޑްތައް ހުށަހެޅުންތައް ހުށަހަޅައި ދޭނެއެވެ. ކޮންމެ ދުވަހަކު އާ 4 ބޭންޑެއް ޕާފޯމް ކުރާ އިރު އެ ދުވަހަކު އެންމެ މޮޅު ހުށަހެޅުން ހުށަހަޅާ ބޭންޑެއް 5 ވަނަ ޝޯވް (ހުކުރު ދުވަހުގެ ބެޓްލް ޝޯވް) އިން ޖާގަ ލިބޭނެއެވެ. އެގޮތުން ހަތަރު ޝޯވް އިން ހޮވޭ ބެސްޓް ހަތަރު ބޭންޑްގެ ބެޓްލް ކުރިއަށް ދާނީ ހުކުރު ދުވަހުއެވެ. އެ ގޮތުން ރާއްޖެ ވަނީ ޕާފޯމަންސް އޮފް ދަ ޑޭ އާ އެކު ހުކުރު ދުވަހުގެ ބެޓްލް އަށް ހޮވިފައެވެ.

މިދިޔަ ހުކުރު ދުވަހު ޓޫ އޮފް އަސް އިން ވަނީ ވަރަށް ފުރިހަމަ ހުށަހެޅުމެއް ހުށަހަޅައި ދީފައެވެ. އެއީ ހިންދީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ރަފީގެ 'ބަދަން ޕެ ސިތާރެ' މި ލަވައެވެ. މި ހުށަހެޅުމަށް ވެސް ޖަޖުންގެ ފަރާތުން ވަނީ ވަރަށް އުންމީދީ ތައުރީފްތަކެއް ލިބިފައެވެ.

ބައިންލްއަގްވާމީ ރިއަލިޓީ ޝޯވްއެއްގައި ރާއްޖޭގެ ބޭންޑެއް ތަމްސީލް ކުރަމުން އަންނާތީ އެތައް ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. އެގޮތުން ނެޝަނަލް ދެންޓާ ފޮ ދި އާޓްސް އިން ބުނީ، އެ ބޭންޑުން އަނެއްކާ ވެސް ރާއްޖޭގެ ދިދަ އުފުލާލައި، މޮޅު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ބޭންޑުގެ ހުނަރާއި އަޒުމަށް އެއްބާރުލުން ދޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ދުނިޔޭގެ އެތަކެއް ގައުމެއްގެ ނަޒަރު މިހާރު ހުއްޓިފައިވާ ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގައި ހުށަހަޅަމުން އަންނަ ދިވެހި ބޭންޑް "ޓޫ އޮފް އަސް" ގައި ހިމެނޭ ފަސް މެންބަރުންނަކީ އަހުމަދު އަދުހަމް، އަބްދުالله ޝަމްރޫހު، މުހައްމަދު ނަސޫހު ބިން ނަސްރުއްދީން، އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) އަދި އަހުމަދު ޖަޝީމެވެ.

ރާއްޖޭގެ އިތުރުން އަފްގާނިސްތާން، މޮރިޝަސް، ތަޒިކިސްތާން، ސިންގަޕޫރު، ރަޝިއާ، ނޭޕާލް، ސްރީލަންކާ، ސްޕެއިން އަދި އިނގިރޭސިވިލާތުގެ ބޭންޑުތަކުން މި ޝޯގައި ބައިވެރިވެއެވެ.