ސައުދީ ސަރުކާރުން، ދިވެހިރާއްޖެއަށް 25،000 މުސްހަފު ހަދިޔާކޮށްފިއެވެ.
މާލެއާއި އަތޮޅުތަކުގެ ޤުރްއާން ކުލާސްތަކާއި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ މުސްހަފުތައް ހަވާލުކޮށްފައި ވަނީ މިނިސްޓްރީއާއި ސައުދީ އެމްބަސީއާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއަދު އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މުސްހަފްތައް މިނިސްޓަރީއާއި ހަވާލުކޮށްދެއްވީ ސައުދީ އެމްބަސީގެ ފަރާތުން ޗާޖް ޑި އެފެއާޒް ފަހުދު އަލްދޯސްރީ އެވެ. އަދި އިސްލާމީކަންތައްތަކާ ބެހޭ މިނިސްޓްރީގެ ފަރާތުން މުސްޙަފްތަކާއި ހަވާލުވެލެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ، ސައުދީއިން ރާއްޖެއަށް ދެމުންދާ ދީލަތި އެހީތެރިކަމަށް ޓަކައި އެ ގައުމުގެ ރަސްގެފާނު ސަލްމާން ބުން އަބްދުލް އަޒީޒާއި އެ މަނިކުފާނުގެ ވަލިއްޔުލް އަހުދު އަލްއަމީރު މުހައްމަދު ބުން ސަލްމާންއަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މިއީ ސައުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން ހާމަވެގެންދާކަމެއްކަމަށާއި ސައުދީ ސަރުކާރުން ހަދިޔާކުރި މުސްހަފްތަކަކީ ކީރިތި ޤުރުއާނުގެ އިލްމު ފުޅާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރްއާން ކުލާސްތަކާއި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ފުޅާކުރުމަކީ ރައީސް ވަރަށް ބޮޑު އިސްކަމެއްދެއްވާ މަސައްކަތެކެވެ.