މާނަވީ ގޮތެއްގައި ކީރިތި ޤުރުއާނާ ގާތްވުމަށްޓަކާ ކީރިތި ޤުރުއާން ތަޖުވީދުމަގުން ރީތިކޮށް ކިޔަވަން ސަމާލުކަން ދޭ ފަދައިން ކީރިތި ޤުރްއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަންކުރަން އަބަދުވެސް ސަމާލުކަން ދޭން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ
ރޭ އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުއާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ސާޖިދާ ވަނީ ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ރީތިކަމާއި ފުރިހަމަކަން ކީރިތި ޤުރުއާނުގެ އިރުޝާދުގެ އަލީގައި ލިބިގަތުމަށް ބާރުއަޅުއްވާފައެވެ. އަދި މި ފަދައިން އަމަލުތައް ބެހެއްޓުމުން ދިރިއުޅުމަށާއި މުޅި މި ގައުމަށް ހެޔޮބަދަލު އަންނާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސާޖިދާ ވަނީ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމައަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމުގައި ފާހަގަކުރައްވާފައެވެ.
އީގަލްސް ކޮމިއުނިޓީއިން އިޖުތިމާއީ ކަންކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވަމުން ސާޖިދާ ވަނީ އެފަދަ މަސައްކަތްތައް ކުރުމަށް ބާރުއަޅުއްވާފައިވެއެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ މުޖުތަމައުގެ ކަންކަން ކުރިއެރުވުމަށް ފަރުދީ ޒިންމާ އަދާކުރެއްވުމަށްވެސް ބާރުއަޅުއްވާފައެވެ.
އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުއާން މުބާރާތް ބާއްވާފައިވަނީ ނިމިގެންދިޔަ ރަމަޟާންމަހު ތާޖުއްދީން ސުކޫލްގެ ދަރިވަރުންނަށް ހާއްސަކޮށްގެންނެވެ. މި މުބާރާތުގައި ޖުމްލަ 174 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ.
މި ރަސްމިއްޔާތުގައި އީގަލްސް ކޮމިއުނިޓީގެ ފަރާތުން ހުށަހެޅި ރިޕޯޓުގައި އެ ކޮމިއުނިޓީގެ ފަރާތުންވަނީ އިޖުތިމާއީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ދެމުންދާ އެއްބާރުލުން ފާހަގަކޮށް އެކަމަށްޓަކައި ޝުކުރުއަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބަލައިގެން ކިޔެވުމަށާއި ނުބަލައި ކިޔެވުމަށް އަދި ހާފިޒުންނަށް ހާއްސަކޮށް މިއަހަރަށްވުރެ ފުޅާދާއިރާއެއްގައި އިތުރު ޤުރުއާން މުބާރާތެއް ބޭއްވުމަށް މަސައްކަތްކުރާނެކަން ފާހަގަކޮށްފައެވެ.