2007 ވަނަ އަހަރުން ފެށިގެން އުފަންވި އަދި އުފަންވާ އެންމެނަށް ދުންފަތް މަނާކުރުމަށް ކެބިނެޓުން ނިންމައިފިއެވެ.

މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގެ ނިންމުމުގައި ވަނީ ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް 'ޖެނެރޭޝަނަލް ބޭން' އެއް ތަންފީޒުކުރުމަށެވެ.

މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އެގޮތުން ގާނޫނަށް އިސްލާހު ގެނެސް ތަސްދީގުކުރާ ތާރީހުން ފެށިގެން ގާނޫނަށް އަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ނޮވެންބަރު 1، 2025 ގައި މި ގާނޫނަށް ތަންފީޒުކުރަން ފެށުމަށް ވެސް ކެބިނެޓުން ނިންމައިފައިވެއެވެެ.

މީގެއިތުރުން ކެބިނެޓުން ނިންމާފައި ވަނީ ޓޮބޭކޯ ސިޒޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އިން މިނިސްޓްރީ އޮފް ހެލްތަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށެވެ.

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް، ރައީސް ޑރ. މުހައްމަދު އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލެއްވިއެވެ. އެ ޕޯލްގެ ނަތީޖާ ދައްކާ ގޮތުގައި ގިނަ ބަޔަކު ތާއީދުކޮށްފައި ވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ އަދި އުފަންވާ މީހުންނަށް ދުންފަތް މަނާކުރުމަށެވެ.

މިއީ ދިވެހިރާއްޖޭގެ ރައީސްއަކު ދައުރުގެ ތެރޭގައި މުހިންމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް މީސް މީޑިއާ މަންސައެއްގައި ހުޅުވާލެއްވި މިފަދަ ފުރަތަމަ ޕޯލެވެ. ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.