މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އަށް ޑިރެކްޓާ ޖެނެރަލަކު ހޯދަން އިއުލާން ކޮށްފިއެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ބުނީ، މަސައްކަތަށް އިތުރަށް ހަރުދަނާކޮށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިދާރީ އާ މެނޭޖްމަންޓެއްގެ ބޭނުންތެރިކަން ބޮޑުވުމާއެކު، އެކަން އަވަސްކޮށް ވަގުތުން ކުރަންޖެހިފައި ހުރި މަސައްކަތްތަކަށް މަޑުޖެހުމެއް އަޔަނުދިނުމަށްޓަކައި، ސިވިލް ސާވިސްގެ ތެރޭގައި (އެހެން އިދާރާއެއްގައި) މަސައްކަތް ކުރައްވަމުން ގެން ދިޔަ ޑިރެކްޓާ ޖެނަރަލެއް ހަމަޖައްސައި އެބޭފުޅާގެ ބެލުމުގެ ދަށުން ކުރަން ހުރި މަސައްކަތަށް ކުރިޔަށް ގެންދަން ވަނީ ފަށާފައެވެ.
މިއާއެކުވެސް، ތެލެސީމިއާ ގާނޫނުގައި ބުނާ ފަދައިން މޯލްޑިވިއަން ބްލަޑް ސާވިސަސް އަށް ފަންނީ ޑިރެކްޓާ ޖެނެރަލެއް ހަމަޖައްސަން ޖެހޭ ކަމަށާއި މިއީ ވަކި އިޖުރާއާތުތަކަކާއި އުސޫލުތަކެއްގެ ތެރެއިން ގާނޫނާ އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ކަމެއް ކަމަށް އެ ސާވިސް އިން ބުނެއެވެ. އަދި މިއީ ވަގުތު ހޭދަވާ އިޖުރާއާތެއް ކަމަށާއި ތެލެސީމިއާ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތީން، ޑިރެކްޓާ ޖެނެރަލެއް އައްޔަންކުރުމަށްޓަކައި އިއުލާނު ކުރާ ކަމަށް އެމްބީއެސް އިން ބުނެއެވެ.
އެގޮތުން ގެޒެޓުގައި އެމްބީއެސް އިން ޑިރެކްޓާ ޖެނެރަލް އެއް ހޯދުމަށް ކޮށްފައިވާ އިުލާންގައި ބުނެފައިގޮތުގައި އެމގަާމަނަށް ދެވޭ މުސާރައަކީ 21،884 އެވެ. އަދި އެލަވަންސްގެ ގޮތުގައި 12،534 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ހާޒިރީ އެލަވަންސްގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް 339 ރުފިޔާ ދޭނެ ކަމަށް އެ އިއުލާންގައި ބުނެއެވެ.
މި މަގަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ހުށަހެޅުމަށް އެމްބީއެސްއިން ބުނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް 3307365 އަށް ގުޅުމަށް ވެސް އެ ސާވިސް އިން ބުނެއެވެ.
ތެލަސީމިއާ ސެންޓަރުން ދޭ ހިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން އެތަނުން ފަރުވާ ހޯދާ މީހުންނާއި އެ މީހުންގެ އާއިލާތަކުން ވަނީ މުޒާހަރާ ކޮށްފައެވެ. މި ކަމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތެލަސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުގެ ހިދުމަތްތައް ބައްލަވާލައްވާފައެވެ. އެއާއެކު ރައީސް ވަނީ ހުޅަހެޅުއްވި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވާ ފިޔަވަޅުތައް އަޅަން ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ވަނީ ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ހައްލުކުރުމަށް ނިންމަވާފައެވެ.
އެއަށްފަހު މިދިޔަ މަހުގެ 24 ވަނަ ދުވަހު އެމްބީއެސްގެ ޑިރެކްޓަރުގެ މަގާމަށް ވަގުތީ ގޮތުން ވަނީ އަހްމަދު މައުސޫމް އައްޔަންކޮށްފައެވެ.