ތެލަސީމިއާ ކުދިންނަށް ކުނިވެފައި ނުވަތަ ތަގައްޔަރުވެފައިވާ ލޭ އެޅިކަމަށް ބުނެ ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާ މަންސަތަކުގައި ފަތުރަމުންދާ ހަބަރުތަކަކީ ހަޤީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ބުނެ، މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ އާދީއްތަ ދުވަހުގެ ރޭ 21:00 ހާއިރު މަރުކަޒު ބަންދުކުރި ފަހުން، ލޭ ރައްކާކުރުމަށް ބޭނުންކުރާ 2 ނަންބަރު ފްރީޒަރަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށެވެ. މިކަން ފާހަގަވީ އެ ފްރީޒަރުގެ ފިނިހޫނުމިން މޮނިޓާ ކުރާ އެލާޓް ސިސްޓަމުން ރޭގަނޑު 22:01 ހާއިރު ފޮނުވި މެސެޖަކުންނެވެ. އެލާޓް ލިބުމާއެކު ކަމާގުޅޭ 5 މުވައްޒަފަކަށް މަޢުލޫމާތު ދެވި، އޭގެ ތެރެއިން 3 މުވައްޒަފަކު ވަގުތުން ހާޒިރުވެ އެ ފްރީޒަރުގައި ހުރި 12 ލޭ ޕެކެޓް ވަނީ ރައްކާތެރިކަމާއެކު ސްޓޭންޑް-ބައި ފްރީޒަރަކަށް ބަދަލުކޮށްފައިވާކަމަށް ބްލަޑް ސާވިސަސް އިން ހާމަކޮށްފައިވެއެވެ.

ބްލަޑް ސާވިސަސް އިން ބުނީ އާންމުކޮށް ލޭ ރައްކާކުރާ ފްރީޒަރުގެ ފިނިހޫނުމިން 2 އާއި 6 ޑިގްރީ ސެލްސިއަސްއާ ދެމެދު ހުންނަން ޖެހޭއިރު، އެ ވަގުތު ފިނިހޫނުމިން 11 ޑިގްރީއަށް އަރާފައިވާކަން ފާހަގަވިކަމަށެވެ. ނަމަވެސް ބައިނަލްއަގްވާމީ ސިއްހީ މިންގަނޑުތަކަށް ބަލާއިރު، 10 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިނުވާ ގޮތަށް ވަގުތީ ގޮތުން ލޭ ރައްކާކުރެވޭނެ ކަމަށާއި، އެހެންކަމުން އެ ލެޔަކީ ކުނިވެފައި ނުވަތަ ތަގައްޔަރުވެފައިވާ ލޭ ނޫންކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އެ ސާވިސަސްއިން ބުނެއެވެ.

އެހެންނަމަވެސް، ލޭގެ ކޮލިޓީ އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށްޓަކައި އެ ލޭ ޕެކެޓްތައް ބޭނުންނުކުރަން ނިންމާފައި ވަނިކޮށް، އިދާރީ އޮޅުމަކުން ހޯމަ ދުވަހުގެ ހެނދުނު ތިން ކުއްޖަކަށް ވަނީ އެ ފްރީޒަރުގައި ހުރި ލޭ އަޅާފައެވެ. މިކަން ފާހަގަވީ 09:30 ހާއިރު ލޭ އަޅާ ނިމުނު ފަހުންކަމަށް ބްލަޑް ސާވިސަސް އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މި ހާދިސާއާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ވަނީ ތަހުގީގު ޓީމެއް އެކުލަވާލާފައެވެ. އަދި ލޭ އެޅުމުގެ ކަންކަމުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ މުވައްޒަފު، ތަހުގީގުގެ ބޭނުމަށް 23 އޭޕްރިލް އިން ފެށިގެން ވަޒީފާއަށް ނުކުތުން މަނާކޮށްފައިވާކަމަށް އެ ސާވިސަސްއިން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބާކީ ހުރި 9 ޕެކެޓް ލޭ ބޭނުންނުކުރަން ނިންމައި، އެ ފަރާތްތަކަށް ވަނީ އާ ލޭ ޕެކެޓް ހޯދައިދީފައެވެ. އަދި ލޭ އެޅުނު ތިން ފަރާތުގެ ތެރެއިން އެކެއްގެ އާއިލާއާއި މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީއާ ބައްދަލުކޮށް، ހުރިހާ ސައްހަ މައުލޫމާތެއް ފޮރުވުމެއް ނެތި ހިއްސާކޮށްފައިވާނެ ކަމަށްވެސް ބްލަޑް ސާވިސަސް އިން ހާމަކުރެއެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ބަޔާނުގައި ދިވެހި ރައްޔިތުންނާއި ހިދުމަތް ހޯއްދަވާ ފަރާތްތަކުގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، ކަމުގެ ހަގީގަތް އޮޅުވާލައިގެން ބައެއް މީޑިއާތަކުން ފަތުރަމުންދާ ދޮގު ހަބަރުތައް ކުށްވެރިކުރަމުން، ސިއްހީ ހިދުމަތް ދިނުމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދެއްވުމަށް ވަނީ އެދިފައެވެ.