ލޭ ހޯދަން ރައްޔިތުން އަދިވެސް ގަނަތެޅެނީކަމަށާއި، މި ދަތިކަމަށް އަދިވެސް ހައްލެއް ނުލިބޭކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޕީ މުހައްމަދު ވިދާޅުވީ އޭ ނެގެޓިވް ލޭ ނުލިބިގެން މިއަދުވެސް ބަޔަކު އެބަ އުޅޭކަމަށާއި، ތަރައްގީގެ މުހިއްމު އެއްބަޔަކީ ރައްޔިތުން ގަނަނުތެޅޭނެ ނިޒާމުތަކެއް ގާއިމް ކުރެވުން ކަމަށެވެ. ލޭ ހޯދުމަށް ފަސޭހަ ނިޒާމެއް އަދިވެސް ގާއިމު ނުކުރެވޭކަން ފާހަގަކޮށް އެމްޕީ ވިދާޅުވީ މިކަމުގައި އަމަލީ އެހީތެރިކަން ފޯރުކޮށްދޭންވެސް އެތައް ފަހަރަކު ހުށަހެޅިފައިވާކަމަށެވެ.
އެއާއެކު އެމްޕީ ވަނީ 16 ޖޫން 2025 ގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް ފޮނުއްވި ސިޓީއެއް ހިއްސާކުރައްވާފައެވެ. އެ ސިޓީގައި ލޭގެ ހިދުމަތް މޮނިޓާކުރާ މޯލްޑިވިއަން ބްލަޑް ސާވިސަސްއާއި ލޭގެ ހިދުމަތުގެ ސިޔާސަތުތައް ކަނޑައެޅުމާއި މިނިސްޓަރަށް ލަފާދިނުމަށްޓަކައި އެކުލަވާލާފައިވާ ނޭޝަނަލް ބްލަޑް ކައުންސިލާއެކު ފެބްރުއަރީ 24، 2025 ގައި ބައްދަލުކުރައްވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން އެދުވަހު ލޭ ހޯދުމަށް ދިމާވާ ދަތިތަކަށް އެ އަހަރުގެ ޖޫން މަހުގެ ތެރޭ ހައްލެއް ލިބޭތަން ފެންނަން ފަށާނެ ކަމަށް އެ ފަރާތްތަކުން ފާހަގަކުރި ކަމަށާއި، ނަމަވެސް މިއަދާއި ހަމައަށްވެސް އެ ފަރާތްތަކާއި މަތިކުރެވިފައިވާ ޒިންމާ އަދާކުރެވިފައިނުވާކަމަށް އެމްޕީ މުހައްމަދު ވަނީ ވިދާޅުވެފައެވެ.
އިތުރަށް އެމްޕީ ވިދާޅުވީ މިކަމުގެ ކަންބޮޑުވުންތައް ހިމަނާ ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއްވެސް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހުށަހެޅޭނެ ގޮތް ހައްދަވާ ދެއްވުމަށް އެދިފައިވާކަމަށާއި، ނަމަވެސް އެކަންވެސް އަދި ވެފާ ނުވާކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި އޭ އަދި ބީ ނެގަޓިވް ލެޔަކީ އާންމުކޮށް ހޯދަން އުނދަގޫ ލެޔެކެވެ. ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމްތައް ދޭތެރެ ދޭތެރެއިން ހިންގާއިރު ލޭ ހަދިޔާ ކުރެވޭނީ އުމުރުން 18 އަހަރުވެފައިވާ، ބަރުދަނުގައި 45 ކިލޯ ހުންނަ އަދި ހިމޮގްލޮބިން ކައުންޓް 12.5 އަށް ވުރެ މަތީ މީހުންނަށެވެ.
