ގަވާއިދާހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގިގެ ދަށުން ގަވާއިދާ ހިލާފަށް ހުޅުމާލޭގައި ދިރިއުޅެމުންދިޔަ 8 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ރޭ ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ 4 އެކަމަޑޭޝަން ބްލޮކެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
ރޭ ހިންގި އެ އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން އަންނަނީ ޑީޕޯޓް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަަރު ފެށީ މި އޮޕަރޭޝަންގެ ދަށުން ގަވާއިދާ ހިލާފަށް އުޅުމުންދިޔަ 5،000އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވެއެވެ.
މި މަސައްކަތުގައި މި އަހަރުގެ އަމާޒަކީ އެ އަދަދު ދެގުނަ ކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ކުރާ މަސައްކަތާއި ރެއިޑު އޮޕްރޭޝަންތައް އަވަސް ކޮށް، މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން މި އަހަރު އަތޮޅު ތެރެއަށް ޒިޔާރަތްކޮށް ގަވާއިދާ ހިލާފަތް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.