ކެއިންބުއިމުގައި ބޭނުންކުރާ ލޮނު އުފައްދަން ރާއްޖޭގައި ގާއިމު ކުރި ފުރަތަމަ ފެކްޓްރީގެ މަސައްކަތް ނިންމައި ހުޅުވައިފިއެވެ.

ޖަޕާނުގެ ކުންފުންޏަކާ، ދިވެހި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެމްޑީޕް އިންވެސްޓްމަންޓް ގުޅިގެން ހއ. ދިއްދޫގައި ގާއިމުކުރި މި ފެކްޓްރީ ތަރައްގީ ކުރުމަށް އެ ރަށު ކައުންސިލުން ވަނީ 15000 އަކަފޫޓްގެ ބިމެއް 15 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްފައެވެ. ރާއްޖޭގެ ކަނޑުގެ ލޮނުގެ ކޮލިޓީ ޖަޕާނުގައި ޓެސްޓުކުރުމަށްފަހު މިދިޔަ އަހަރު މި ފެކްޓްރީގެ އަމަލީ މަސައްކަތް ފަށާފައިވާއިރު މި ފެކްޓްރީ ތަރައްގީ ކޮށްފައި ވަނީ އައްޔާއި ހޫނު ބޭނުންކޮށްގެން ލޮނުފެން ގުދުރަތީގޮތުން ހިއްކައިގެން، ލޮނު އުފައްދާގޮތަށެވެ.

މި ފެކްޓްރީގައި 3 ބާވަތެއްގެ ލޮނު ތައްޔާރުކުރުމަށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި ހިމެނެނީ އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ލޮނާއި، ބައެއް ހާއްސަ ބާވަތްތައް ހިމެނޭ ލޮނެވެ. މީގެއިތުރުން މި ފެކްޓްރީގައި ލޮނު މަސް ތައްޔާރުކުރުމަށް ހާއްސް ލޮނުވެސް ތަޖުރިބާކުރުމަށް ހަމަޖެހިފައިވާއިރު ލޮނުގެ އުފެއްދުންތައް ރާއްޖޭގެ ރިސޯޓްތަކަށާ، މީހުން ދުރިއުޅޭ ރަށްތަކަށް މާކެޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕް އިންވެސްޓްމަންޓްއިން ބުނީ އެހެން ގައުމުތަކުގެ ކަނޑުގެ ލޮނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ލޮނަކީ ކޮލިޓީ ރަނގަޅު އަދި ސިއްހަތަށް ފައިދާހުރި މާއްދާތަކުގެ މިންވަރުވެސް މަތި ލޮނެއްކަމަށެވެ. ލޮނު ބެޗެއް ތައްޔާރުކުރުމަށް ހަފްތާއެއްހާ ދުވަސް ނަގާއިރު ހިކި ލޮނު ތައްޔާރުކުރާނީ މޫދުން ނަގާ ލޮނު ފިލްޓާކޮށް ސާފުކުރުމަށްފަހުގައެވެ. އަދި ކޮންމެ މަހެއްގައިވެސް ތައްޔާރުކުރާ ލޮނުގެ ބެޗުތައް، ރާއްޖޭގެ އިތުރުން ޖަޕާނުގައިވެސް ޓެސްޓުކުރުމަށް ވަނީ ހަމަޖެހިފައެވެ.