ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު އިބްރާހީމް (ކައްޕި) އަށް ސްޓްރޯކެއް ޖެހި އައިޖީއެމްއެޗްގައި ފަރުވާ ދެމުން އެބަދެއެވެ.
ކައްޕިއަށް ސްޓްރޯކެއް ޖެހުނީ އިއްޔެ މެންދުރުފަހު އޮފީހުގައި ހުއްޓައެވެ.
އޭނާގެ ގާތް މީހަކު ބުނި ގޮތުގައި އޭނާގެ ސިކުނޑީގެ ތިން ނާރެއް ބްލޮކްވެފައިވާ ކަމަށެވެ. އަދި މުޅިން ރަނގަޅު ވާނީ އެކަމަށް ފަރުވާ ކޮށްގެން ކަމަށް އޭނާ ގާތް މީހަކާ ހަވާލާދީ ބުންޏެވެ.
ކައްޕިއަކީ ވިކްޓަރީން އުފެދުނު ފުޓްބޯޅަ ތަރިއެކެވެ. ވިކްޓަރީގެ އިތުރުން އޭނާ ވަނީ ފަހުން ވާދަވެރި ނިއު ރޭޑިއަންޓަށް ވެސް ކުޅެފަ އެވެ.
ވިކްޓްރީ އަށް 1992 އިން 2002 އަށް ކުޅުނު ކައްޕި އަކީ އެ ޓީމުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެއްވެސް މެއެވެ. އޭނާ ވަނީ އެ ޓީމާ އެކު ގައުމީ މުބާރާތް ފަސް ފަހަރު ހާސިލް ކޮށްފައެވެ.
މީގެ އިތުރުން ވެސް އެފްއޭ ކަޕް ދެ ފަހަރު، އަދި ކަޕްވިނާސް ކަޕް 2 ފަހަރު މަތިން އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ.
އޭގެ ތެރެއިން އެންމެ ހާއްސަ ކާމިޔާބަކީ 2002 ވަނަ އަހަރު ވިކްޓްރީން ގައުމީ މުބާރާތް ދެ ވަނަ ފަހަރަށް މިލްކުކުރިއިރު ކެޕްޓަނުގެ ގޮތުގައި ތަށި އުފުލާލުމެވެ. އަދި ހަމަ އެހެންމެ 1999 ވަނަ އަހަރު އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޯދާ ދިނުމުގައި ވެސް އޭނާގެ ދައުރު ބޮޑެވެ.