ރުޅިވެރިކަމާއި ހަސަދަވެރިކަމުން ހިތްތައް ސާފުކުރުމަށާއި، މައިންބަފައިން ހިތުގައި ނުޖައްސައި ރަހިމުގެ ގުޅުން ދެމެހެއްޓުމަށް، ހުތުބާގައި ނަސޭހަތްދީފިއެވެ.

މި އަހަރުގެ ފިތުރު އީދު ދުވަހުގެ ހުތުބާގައި ބުނީ، އިސްލާމީ އީދުތަކުގައި އެންމެން ބައިވެރިކުރަން ޖެހޭ ކަމަށާއި، އެގޮތުން އީދުގެ އުފަލުގައި މުއްސަނދިން ފަގީރުންނާއި މިސްކީނުން ބައިވެރިކޮށް އީދު ދުވަސް ފާހަގަކުރަން ޖެހޭ ކަމަށެވެ. އީދަކީ ޒީނަތްތެރިވުމުގެ މުނާސަބަތެއްކަން ފާހަގަކޮށް އެ ދުވަހު ޒީނަތްތެރިވުމަކީ ސުންނަތެއްކަން ހުތުބާގައި ފާހަގަކުރިއެވެ.

ހުތުބާގައި ވަނީ، އިސްލާމީ އަގީދާ ކުރިޔަށް ހުރި ޖީލުތަކަށް ފޯރުކޮށްދީ، އިސްލާމީ ޝަހުސިއްޔަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް އަޒުމް ކަނޑައެޅުމަށް އިލްތިމާސްކޮށްފައެވެ.

އާންމު ގޮތެއްގައި ކޮންމެ ހުތުބާއެއްގައި ވެސް ވަކި މައުޟޫއެއް އޮވެއެވެ. މިއަދުގެ ހުތުބާގައި އެގޮތުން އަލިއަޅުވާލާފައިވަނީ ރުޅިވެރިކަމާއި ހަސަދައިން ހިތްތައް ސާފުކޮށް މައިންބަފައިންގެ ހިތުގައި ނުޖެއްސުމާއި ރަހިމުގެ ގުޅުން ނުވަތަ ލޭގެ ގުޅުން ދެމެހެއްޓުމާ ގުޅޭ ގޮތުންނެވެ.

އެގޮތުން ރުޅިވެރިކަމާއި ހަސަދަވެރިކަމުން އާންމުންގެ ހިތްތައް ސާފުކޮށް ބައިބައިވުންތައް ނައްތާލުމަށާއި، މައިންބަފައިންގެ ހައްގުތަކުން ފަށައި އެ މީހުން ހިތުގައި ނުޖައްސަން އަޒުމް ކަނޑައެޅުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.

"ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ މައިންބަފައިންގެ ހައްގުތަކާ ގުޅިފައިވާ ކަމެކެވެ. މިއަދު ގާތް ތިމާގެ މީހުންނަށް ޒިޔާރަތްކޮށް ހެޔޮ ފޯރުވާށެވެ. އީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުވާށެވެ. އަދުގެ ދުނިޔޭގައި މިއީ ވަރަށް ފަސޭހަ ކަމެކެވެ. އެކަމަށް ހޭދަކުރާން ޖެހޭނީ ކުޑަ ހިނދުކޮޅެކެވެ. އެ މީހުން ތިބާ އާ ގުޅުން ނުބޭއްވިޔަސް، ތިބާ އެމީހުންނާ ދުރަށް ނުދާށެވެ." ހުތުބާގައި ނަސޭހަތްތެރިވިއެވެ.

މީގެ އިތުރުން ގާތް ތިމާގެ މީހުންގެ މެދުގައި ގުޅުން ބަދަހިކޮށް ރަހުމަތްތެރިންނަށް ތަހުނިޔާ ކިޔައި ހެޔޮ ދުއާކުރުމަށް ވެސް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

އީދުގެ އުފާ ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައި ތިބި މުސްލިމް އަޚުންނާއި އުޚްތުންގެ މަތިން ހަނދާންކޮށް އެ މީހުންގެ ހިތާމައިގައި ބައިވެރިވެ، އެ ހިތާމަތަކުން ސަލާމަތްކޮށްދިނުމަށް އެދި ދުއާކުރުމަށް ހުތުބާގައި އިލްތިމާސްކުރިއެވެ. އަދި އަހަރެމެންގެ މެދުގައި ހުރި އަރައިރުންތައް ނައްތާލުމަށް ވެސް އިލްތިމާސްކުރިއެވެ.

"އިސްލާމްދީން ގޮވައިލަނީ އަހަރެމެންނަކީ، އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާ ބަޔަކުކަމުގައި ވުމަށެވެ. އަނިޔާވެރިޔާ އާއި އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހަކާ ދެމެދު ލޯތްބެއް ނޯންނާނެއެވެ. ހަގީގީ ލޯބި އޮންނާނީ އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެގެންނެވެ. ބާރުގަދަ މީހާ ނިކަމެތި މީހާގެ އަތުގައި ހިފައިގެންނެވެ. އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިދީގެންނެވެ." ހުތުބާގައި ބުންޏެވެ.