މިއަދު ކުރެވޭ އެންމެ ބޮޑު އެއް ފާފައަކީ ހަޑިހުތުރު ބަހުން މީހުންގެ އަބުރަށް އަރައިގަތުން ކަމަށާއި، މިކަން ސޯޝަލް މީޑިއާގައި މިއަދު އާންމުވެފައިވާ ކަމަށް، ހުކުރު ހުތުބާގައި ބުނެފިއެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހު ދިން ހުތުބާގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ ރޯދައިގެ ހިކުމަތްތަކުގެ މައްޗަށެވެ. ކީރިތި ޤުރުއާނުގެ އާޔަތަކުން މިސާލު ނަގައި ހުތުބާގައި ބުނީ، މާތް ﷲ ރަމަޟާން މަސް ފަރުޟުކުރައްވާފައިި ވަނީ މުސްލިމުން ތަގުވާވެރިކަން ހާސިލްކުރުމަށްޓަކައި ކަމަށެވެ.

ހުތުބާގައި ބުނީ، ރޯދައަކީ މާތް ﷲ ގެ އަމުރުފުޅުތައް ގާއިމްކޮށް، އެކަލާނގެއަށް ކިޔަމަންތެރިވުމާއި އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެ ބޮޑަށް އެހީތެރިވެދޭ އެއް އަޅުކަން ކަމަށެވެ. އެއަށްފަހު ރޯދައިގެ ބައެއް ހިކުމަތްތައް ހުތުބާގައި ބަޔާންކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން
  • އަވަށްޓެރިންނަށް ކަމޭހިތުމާއި ފަގީރުންނަށް އެހީވުން ފަދަ އާދަތައް އަށަގަތުމަށް މަގުފަހިކޮށްދިނުން
  • ހަރާމް އަމަލުތަކާ ދުރުހެލިކުރުވުން
  • ޝައިތާނާ ނިކަމެތިކޮށްލައި ވަސްވާސްތަކާ ދުރުވުން

"އެހެންކަމުން ރޯދައަކީ އިންސާނާގެ ނަފުސު، ހެޔޮ ކަންކަމަށް ހާނުވައިދޭ، ތަރުބަވީ އަޅުކަމެކެވެ، ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ނަފްސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނެއެވެ،" ހުތުބާގައި ބުންޏެވެ.

"ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާގެ ކިބައިގައި ރަހުމާއި ކުލުނު އުފެދުން ހިމެނެއެވެ، ރޯދައަށް ހުންނަ ހިނދު އިހުސާސްވާ ކަރުހިއްކުމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަގީރުންނާއި މިސްކީނުންގެ އިހުސާސްތައް ދެނެގަނެވޭނެއެވެ، އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފުސު އެދި ގޮވާނެއެވެ، އެ ރިވެތި އަހްލާގީ ސިފަތަކުގެ ސަބަބުން، ރޯދަވެރިޔާގެ ނަފުސު ތާހިރުކޮށް ޒީނަތްތެރިކޮށްދެއެވެ،"

ހަމަ އެފަދައިން ރޯދައަށް ހުރުމުން އިންސާނާ ދޮގު ހެދުމާއި ޒުވާބުކުރުމާއި ހަޑިހުތުރު ބަހުން އެއްކިބާކުރުވާ ކަމަށް ހުތުބާގައި ބުންޏެވެ. ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅަކުން މިސާލު ނަގައި ހުތުބާގައި ބުނީ، ރޯދައަށް ހުރެ މީހުންނާ އަރައިރުންވެ ޒުވާބުކުރާ މީހުންގެ ރޯދައިން އެ މީހުންނަށް މާ ގިނަ ޘަވާބެއް ނުލިބޭނެ ކަމަށެވެ.

ހުތުބާގައި ފާހަގަކުރި ގޮތުގައި، މިއަދު މާ ބޮޑު ކަމެއްގެ ގޮތުގައި ނުދެކި އަރައިގަނެވޭ އެންމެ ބޮޑު އެއް ފާފައަކީ ޣީބަބުނުމާއި ދެބައޮޑުވުމާއި ހަޑިހުތުރު ބަހުން މީހުންގެ އަބުރަށް އަރައިގަނެ އުނދަގޫކުރުމެވެ. މިކަން ސޯޝަލް މީޑިއާގައި މިއަދު އާންމުވެފައިވާ ކަން ވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ރޯދައިގެ ފުރިހަމަ ފައިދާއާއި ރޯދަ ފަރުޟުކުރެއްވުނު ހިކުމަތް ހާސިލްކުރެވޭނީ މާތް ﷲ އެންގެވިގޮތަށް ރޯދަ ހިފައި، ރޯދަ ހިފުމުގައި ކީރިތި ރަސޫލާގެ ސުންނަތަށް ތަބާވެގެން ކަމަށް ހުތުބާގައި ބުންޏެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ، ސިއްރާއި ފާޅުގައި، ތިމާ ކުރާ އަމަލުތައް ﷲ ތައާލާ ބައްލަވައިވޮޑިގެންވާ ކަން ދަނެ، ތިމާގެ ނަފުސު ތަހުޒީބުކުރުމެވެ، ރޯދައަކީ ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެކެވެ، ރޯދަވެރިޔާ ރޯދަ ގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ، މާތް ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ،" ހުތުބާގައި ބުންޏެވެ.