ކުޑައިރުން ފެށިގެން އަމިއްލަ ހުނަރާއި ޝައުގުވެރިކަން ހުންނަ ކަންކަން ދެނެގަތުމަކީ މުސްތަގުބަލުގައި ކުރިއަށް ދިއުމަށް ކޮށޭ މަގެކެވެ. ދިރިއުޅުމުގެ މައިދާނުގައި ކުރިއަށް ދިއުމަށް އެކި މީހުން އެކި ދާއިރާތައް އިހުތިޔާރު ކުރާއިރު، އެ މީހެއްގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮންމެ މީހަކުވެސް ކުރާނެއެވެ. އެގޮތުން ތަފާތު ކޯސްތަކާއި، ޓްރެއިނިންތައް ހެދުމުގެ އިތުރުން ހުނަރުތައް ތަރައްގީ ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެކެވެ.
މި ބީދައިން "ދަ ޕްރެސް" މީހުން ސެގްމެންޓުގައި މިއަދު މި ގެނެސްދެނީ ކުޑައިރު ޝައުގުވެރިވި ދާއިރާއިން ކާމިޔާބު ކަމާއެކު ކުރިއަށް ދިޔަ ހިތްވަރު ގަދަ ކަނބަލެއްގެ ވާހަކައެވެ. ކ. ދިއްފުއްޓަށް އުފަން އައިޝަތު ޒަހިއްޔާ (ޒަހީ) އަކީ ކުޑައިރުން ފެށިގެން ފެހުމުގެ ދާއިރާއަށް ޝައުގުވެރިވެ އެ ދާއިރާއިން ކުރިއަށް ދާން ބޭނުންވި ކަނބަލެކެވެ.
ޒަހީ ފާހަގަކުރި ގޮތުގައި ފުރަތަމަ އަލަށް ފަހަން ފެށިއިރު ހެނދުންތައް ކެނޑުނީ އެންމެ ބޭނުންވާ ގޮތަކަށް ނޫނެވެ. ނަމަވެސް ހިތްވަރު އެލުވައި ނުލާ ކުރި ބުރަ މަސައްކަތާއެކު މިއަދު ޒަހީ އަކީ ކުޅަދާނަ ފެހުންތެރިއެކެވެ. ޒަހީ ކިޔައިދިން ގޮތުގައި ފެހުމުގެ ކޯހެއް ޒަހީ ވަނީ ހަދާފައެވެ. ގިނަ ހެދުންތައް ފަހަން މި ކޯހުން ޒަހީ ދަސްކުރިއެވެ. އޭގެތެރޭގައި ތަފާތު ވައްތަރުގެ ކޯޓާއި މިން ނަގައިގެން ހެދުން ފެހުން ހިމެނެއެވެ.
ބިޒްނަސް ފުޅާކުރީ ވެޑިން ޑްރެސްތައް ފަހާފަ ޕޭޖަށް އަޕްލޯޑު ކޮށްގެން
ޒަހީ ކިޔައިދިން ގޮތުގައި ޒަހީގެ ބިޒްނަސް ފުޅާވެގެން ދިޔައީ ވެޑިން ޑްރެސްތައް ފެހުމަށް ފަހު އިންސްޓަގްރާމުގައި ޕޭޖެއް ހަދާ އެއަށް އަޕްލޯޑު ކުރި ހިސާބުންނެވެ. ޒަހީގެ ރީތި ވެޑިންތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ އިރު، ޒަހީއަށް އޮތް ޑިމާންޑުވެސް ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ޒަހީ ގިނައިން ފަހާ އުޅެނީ ވެޑިން ޑްރެސްގެ އިތުރުން ތަފާތު ޕާޓީ ހެދުންތަކެވެ. އޭގެ ތެރޭގައި އެކި ކަހަލަ ގައުންސް އާއި ބްރައިޑްސް މެއިޑު ހެދުންތަކުގެ އިތުރުން ތަފާތު ޑިޒައިންތަކުގެ އަބާޔާތައް ހިމެނެއެވެ.
އިންސްޓަގްރާމުގައި ޒަހީ ހިންގާ ޕޭޖު "ޒަހީ ޑިޒައިންސް އެމްވީ" އަށް ބަލާލުމުން ޒަހީގެ ހުނަރުވެރިގެން ފެނިގެން ދާނެއެވެ. ޒަހީ ފާހަގަކުރި ގޮތުގައި ޒަހީގެ މި މަސައްކަތް މިހާ ހިސާބަށް ދިއުމުގައި ޒަހީގެ އާއިލާގެ ބޮޑު އެހީތެރިކަމެއް ވެއެވެ. އެކަމަށް ޒަހީގެ ހިތުގައި އޮތީ އާއިލާގެ މެމްބަރުންނަށް ހާއްސަ ލޮތްބެކެވެ.
ޒަހީގެ ފެހުންތައް ފެނި އާޝޯހުވި މީހުންގެ އެންމެ ބޮޑު އެދުމަކަށް ވެގެން ދިޔައީ ޒަހީ ފަހާ ކޯހެއް ހިންގައިދިނުމަށެވެ. ނަމަވެސް މިކަން ކުރަން ޒަހީ ބޭނުމެއް ނުވެއެވެ. ސަބަބެއް ކަމުގައި އޭނާ ފާހަގަކުރަނީ ކުރު މުއްދަތުގައި ކުދިންގެ އަތުން ބޮޑު އަގެއް ނަގާ ހިންގާ މިފަދަ ކޯސްތަކުން އެކަށީގެންވާ މިންވަރަށް ކުދިންނަށް އެއްޗެހި ދަސްނުވެދާނެތީއެވެ.
މިފަދައިން މަސައްކަތްތައް ކުރާ ކޮންމެ މީހަކަށްވެސް އެކަމެއް ކުރުމުގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތި ލާން ޖެހޭނެއެވެ.
މިހާރު ވަކިން ފަހާނެ ތަނެއް ނެތީމަ ވަރަށް އުނދަގޫވޭ
ޒަހީ ފާހަގަކުރި ގޮތުގައި މިހާރު ޒަހީ ވަކިން ފަހާނެ ތަނެއް ނެތުމަކީ މި މަސައްކަތް ކުރުމުގައި ދިމާވާ ގޮންޖެހުމެެކެވެ. ކޮވިޑުގެ ކުރިން ވަކިން ފަހާ ތަނެއް ޒަހީ ގެންގުޅުނު ނަމަވެސް މިހާރު ޒަހީ ފަހަނީ ގޭގެ ސިޓިން ރޫމުގައެވެ. މިކަމުގެ ސަބަބުން ގޭތެރެ ވަރަށް ބޮޑަށް ހަޑިވާ ކަމަށާއި ތަފާތު ފޮތިތައް ކަނޑާއި އެ މަސައްކަތް ކުރުމަކީ ވަރަށް ޑަސްޓު ވެސް ގޭތެރޭގައި އުފެދޭ ކަމެއްކަމުގައި ޒަހީ ބުންޏެވެ.
ޒަހީ އިތުރަށް ފާހަގަކުރި ގޮތުގައި ޒަހީގެ ކުދިންނަކީ ޑަސްޓަށް އެލާޖިކު ވާ ކުދިންނެވެ. އެހެންކަމުން މިއީ ޒަހީއަށް ދިމާވާ ވަރަށް އުނދަގޫ ކަމެއް ކަމުގައި އޭނާ ބުނެއެވެ. މުސްތަގުބަލަށް ޒަހީ ދެކޭ އުންމީދުތައް ފޮންޏެވެ.
ރެންޓު އަގުބޮޑު ކަމުން ވަކިން ފަހަން ހާއްސަކޮށް މާލެއިން ކުއްޔަށް ތަނެއް ނުނެގި ނަމަވެސް ޒަހީގެ އުންމީދަކީ އަވަސް މުސްތަގުބަލެއްގައި ބޮޑު އެޕާޓްމެންޓެއް ނެގުމެވެ. 3 ރޫމްގެ އެޕާޓްމެންޓެއް ނަގާ އެ ތަނުން އެއް ރޫމަކީ ވަކިން ފެހުމަށް ހާއްސަ ރޫމެއް ކަމުގައި ހަދާނެ ކަމަށް ޒަހީ ބުނެއެވެ.
އާމްދަނީ ހޯދަން މިއީ ކުރަން ރަނގަޅު މަސައްކަތެއް
ޒަހީ ފާހަގަކުރާ ގޮތުގައި ގޭގައި ހުރެގެން އާމްދަނީ ހޯދުމަށް ހާއްސަކޮށް އަންހެން ކުއްޖަކަށް ކުރެވޭނެ އެންމެ ރަނގަޅު އެއް މަސައްކަތަކީ ފެހުމެވެ.
ނޮވެމްބަރު ޑިސެމްބަރާއި، ސުކޫލު އެކި އެކި ޗުއްޓީތަކުގެ އިތުރުން ރީތި ޑޭޓުތަކުގައި ފެހުމަށް އޮންނަ ޑިމާންޑު ބޮޑު ކަމަށް ޒަހީ ބުނެއެވެ. ހާއްސަކޮށް ވެޑިން ތަކެވެ. ޒަހީ ވެޑިން ޑްރެސް ތަކުގެ އޯޑަރުތައް މަހެއް ކުރިން ނަގަން ފަށައެވެ.
ޒަހީ ބުނާ ގޮތުގައި މި މަސައްކަތް ކުރުމަކީ އެކަމަށް ވަރަށް ވަގުތު ދީގެން ކުރެވޭނެ މަސައްކަތެކެވެ. ވަކިން ހާއްސަކޮށް ކަސްޓަމަރުންގެ އިތުބާރު ހޯދުމަކީ މަސައްކަތުގައި ކުރިއަށް ދިއުމަށް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ވެޑިން ތަކާއި އެހެނިހެން ހެދުންތައްވެސް ނިންމަން ބުނާ ދުވަހަށް ނިންމުމާއި ފިޓިން ހަދަން ބުނާ ދުވަހު ފިޓިން އަށް ކަސްޓަމަރުން ގެނައުމަކީ މުހިންމު ކަމެކެވެ. މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ޒަހީ ދޭން ބޭނުންވާ މެސެޖަކީވެސް އެއީއެވެ.