އާއިލާ އަކީ އެމީހަކާއި ލޭގެ ގޮތުން ގުޅިފައިވާ މީހުންނާއި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހުންނެވެ. މިއީ އިސްލާމް ދީނުގައި ވެސް މަތިވެރި ކުރައްވާފައިވާ ގުޅުމަކަށްވާއިރު އާއިލީ ގުޅުން ނުވަތަ ލޭގެ ގުޅުން ކަނޑައިފި މީހާ ސުވަރުގެ ނުވަންނާނެކަމަށް ގުރުއާނުގައި ވެސް އަންގަވާފައި ވެއެވެ. މިއީ މިހާ މާތް ގުޅުމެއް ނަމަވެސް މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި އާއިލީ ގުޅުން ދަމަހައްޓާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ގިނަފަހަރަށް މިފަދަ ގޮތްތައް މެދުވެރިވަނީ މީހުން ދައްކާ ދޮގު ވާހަކަތަކަށް އިތުބާރުކޮށް ކުށް ނުކުރާ މީހުންނާމެދު ނުބައި ތުހުމަތުތައް ކުރެވިގެންނެވެ. ދޮގަކީ އެންމެ ބާރަށް ފެތުރޭ އެކައްޗެއްކަން ހުދު ތިމާއަށް އެނގި ހުރި ނަމަވެސް ވާހަކައެއް އަޑުއިވިއްޖެނަމަ ކަމުގެ ތެދުދޮގު ބަލާ ގަބޫލު ކުރެވެނީއެވެ. އެއާއެކު އެއްކަލަ ގުޅުން ހީނަރުވެ ގިނަ ފަހަރަށް އަނގައިން ނުބުނެވޭ ހިސާބަށް ދެއެވެ.
މިހެން ބުނި ނަމަވެސް އާއިލީ ގުޅުން ދަމަހައްޓާ އެ ގުޅުން ހަރުދަނާ ކުރުމަށް ރެއާ ދުވާލު މަސައްކަތް ކުރާ މީހުން އަދި ވެސް މުޖްތަމައުން ފެނިގެން ދިޔުމަކީ ހިތަށް ހަމަޖެހުން ލިބޭ ކަމެކެވެ.
މި ލިޔުމުގައި ވެސް ގެނެސްދޭން މިއުޅެނީ ހީނަރުވެފައިވާ މިފަދަ ގުޅުންތައް ބަދަހިކޮށް އެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ ވާހަކައެވެ. މިފަދަ ބަރަކާތްތެރި މަހެއް ނިމުމާއެކު އާއިލީ ގުޅުން ދެމެހެއްޓުމަށް އިސްކަން ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ހުދު އަޅުގަނޑަށް ވެސް ގަބޫލު ކުރެވޭތީއެވެ.
މާފަށް އެދި މާފް ކުރުން:
ކޮންމެ މީހަކަށްވެސް ކުށްކުރެވޭނެއެވެ. ނަމަވެސް ބޭބެއަކު ނުވަތަ ކޮއްކޮއަކު ނުވަތަ އާއިލާގެ އެހެން މީހެއްވެސް ކުށެއް ކޮށްގެން އެކަމާ އޭނާއާއި އޭނާގެ އަނބިދަރިން ދެކެ ރުޅި އައުމުގެ ނުވަތަ އެމީހުންނާ އެއްގޮތަކަށްވެސް ވާހަކަ ނުދައްކާ މުޅިން ގުޅުންތައް ކަނޑާލައިގެން އުޅުން އެއީ އެންމެ ރަނގަޅު ގޮތެއްނޫނެވެ.
އެމީހަކު ކުރީ ގާނޫނީ ކުށެއްކަމުގައިވިޔަސް ލޭގެ ގުޅުމަކީ ކަނޑާލެވޭނެ އެއްޗަކާ މެދު އެއްވެސް ޝައްކެތް ނެތެވެ. އަނގައިން ބުނެލާ ބަހަކުން ނުގުޅޭ މި މަތިވެރި ގުޅުން ދެމެހެއްޓުމަށް ކުށެއްކޮއްފި މީހަކަށް މާފުދޭށެވެ. މާފަށް އެދުމާއި މާފް ކުރުމަކީ ވެސް އިސްލާމީ ރިވެތި އާދައެކެވެ.
މުއާސަލާތީ ގުޅުންތައް ބަދަހިކުރުން:
ދުރުގައިވާ މައިންބަފައިންނާއި އާއިލާގެ އެހެން ބައިވެރިންނަށް ގުޅައިގެން ވާހަކަ ދައްކާ ހަދާށެވެ. ގިނަ ގިނައިން ވާހަކަ ދެއްކުމަކީ ގުޅުން އިތުރަށް ބަދަހިވެގެންދާ ކަމަކަށްވާއިރު އަޅުގަނޑުމެން އަބަދުމެ ކައިރީގައި ގެންގުޅޭ އެކައްޗަކީ އަމިއްލަ މޯބައިލް ފޯނެވެ. އެ ފޯނުން އާއިލާގެ މީހުންނާ ގުޅާ ވާހަކަ ދައްކާ ކަންކަން ހިއްސާ ކުރުމަކީ ވެސް އެ ގުޅުން ރަނގަޅު ކުރުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ.
އެކުގައި ވަގުތު ހޭދަކޮށް ހަދިޔާ ބަދަލު ކުރުން:
އާއިލީ މެންބަރުން ގުޅިގެން އެކުގައި އައު ކަންތައްތަކެއް ކުރާށެވެ. މުޅި އާއިލާ މެންބަރުންނަށް ހުޅުވާލައިގެން ޖޮގިން ނުވަތަ ކަސްރަތު ޕްރޮގްރާމެއް ފެށުން، އާ ބޯޑް ގޭމެއް ކުޅެން، އާ ކްރާފްޓެއް ހޯދައިގެން ނުވަތަ ތަފާތު ކާނާތައް ތައްޔާރުކޮށް ބަދަހިވެލާށެވެ.
ފިލްމު ބެލުމަށް ނުވަތަ ގޭމްތައް ކުޅުމަށް ނުވަތަ ކަރޯކޭ ޖެއްސުމަށް ހަފުތާގެ ކޮންމެވެސް އެއް ރެއެއް ކަނޑައަޅާށެވެ. ކަންކަން ރޭވުމާއި ނިންމުމުގައި ޢާއިލާގެ ތުއްތުކުދިންނާއި ކުޑަކުދިންގެ މަޝްވަރާއާއި ލަފާވެސް ހޯދާށެވެ. އެކުދިންގެ ބަހަކީވެސް މުހިންމު ބަހެއްކަމަށް ދެކެންވާނެ އެވެ. އަދި ހަމަ އެހެންމެ އަންނަ ހާއްސަ މުނާސަބާތަކުގައި އެކަކު އަނެކަކަށް ހަދިޔާ ބަދަލު ކުރުމަކީ ވެސް އެ ގުޅުން އިތުރަށް ވަރުގަދަ ވެގެންވާނެ ކަމެކެވެ. ހަދިޔާ ބަދަލު ކުރުމުގައި ވެސް ދެ ފަރާތުން މަސައްކަތް ކުރަން ޖެހޭނެއެވެ.
އެކަކު އަނެކަކުގެ ގޯސްވާހަކަ ދެއްކުން ހުއްޓައިލުން:
ބޭބެ ގާ ތު ދައްތަގެ ގޯސްވާހަކަ ދެއްކުމާއި ދައްތަ ގާތު ކޮއްކޮގެ ގޯސް ވާހަކައާއި ކަންތައްކުރާ ގޮތުގެ ވާހަކަ ދެއްކުން މިހާރުން މިހާރަށް ހުއްޓާލާށެވެ، އިސްލާމްދީނުގައި ވެސް އެންމެ ބޮޑަށް ނަހީ ކުރައްވާފައިވާ ދެބައޮޑުވުމުގެ ކަންކަމަކީ އެ ގުޅުން ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތަށް އެޅިގެންދާނެ ބޮޑު ހުރަހެކެވެ.
އޭގެ ސަބަބަކީ ތިމާއަށް ނޭނގިނަމަވެސް އާއިލާގެ އެހެން މެމްބަރަކާ މެދު އަނެކާގެ ހިތުގައި އެ އުފެއްދެނީ ނަފްރަތެވެ. އޭގެ ސަބަބުން އެދެމީހުން އެކަކު އަނެކަކަށް ނަފްރަތުކުރުން އިތުރުވެއެވެ. އެހެން ކަމުން މިފަދަ ނުބައި އަމަލުތަކުން ތިމާ އާއި ތިމާގެ އާއިލާ ދުރުކުރާށެވެ.
މީގެ އިތުރުން ވެސް އާއިލާ ތެރޭގައި ޖެހޭ ކުދިކުދި މައްސަލަތައް އަވަހަށް ހައްލު ކުރުމަކީ ވެސް އާއިލީ ގުޅުން ދެމެހެއްޓުމަށް ޓަކައި މުހިންމު ކަމެކެވެ. މައްސަލައެއް ޖެހޭ ހިނދު ވާހަކަ ދައްކާ އެކަމެއް ހައްލު ކޮށްލަން ވާނެއެވެ. އެއްކޮޅުން އާއިލީ ގުޅުން ކަނޑާލަން މަސައްކަތްކުރިއަސް ކުރެވެން ހުރި މިންވަރަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރާށެވެ. އާއިލީ ގުޅުން ބަދަހިކުރުމުގައި ކާމިޔާބު ނުވެއްޖެނަމަ މަސްލަހަތު އެންމެ ރަނގަޅު ގޮތަކަށް ދިރިއުޅުމާއިގެން ކުރިއަށްދާށެވެ.
އާއިލީ ގުޅުން ދަމަހައްޓަން ޖެހޭނީވެސް ދީނުގައިވާ ހުދޫދުގެ ތެރެއިންނެވެ. މައިންބަފައިން ރުއްސަން ވެސް އަދި އަނބިމީހާ ރުއްސަންވެސް ދީނާއި ޚިލާފް ކަމެއް ކޮށްގެން ނުވާނެ އެވެ. ﷲ ނުރުއްސަވާ ކަމަކަށް މައިން ބަފައިން އަމުރު ކުރިޔަސް އެކަމެއް ކުރާކަށް ނުޖެހޭނެ އެވެ.