ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދު ކުރުމާ ގުޅިގެން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ ބަލައިނުގަނެ، އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު ފައިދާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޝަމްއާން މަގާމުން ވަކިކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި 22 ވަނަ ދުވަހު ފުލުހަށް ހާޒިރުކޮށް އޭނާގެ ބަންދަން ވަނީ 15 ދުވަސް ޖަހާފައެވެ.

މި މައްސަލައާއި ގުޅިގެން ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ ހަތަރު އޮފިސަރަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ތ. ބުރުނި، މޫނިމާގެ އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަނަ އިސްމާއީލް، ގ. ހެޕީސައިޑް އުމުރުން 37 އަހަރުގެ އިބްރާހިމް އަހްމަދު އަދި ހަމައެގޭ އުމުރުން 47 އަހަރުގެ ހަސަން ސަހެޝާންގެ އިތުރުން މ. ހަޒާރީވިލާ އުމުރުން 40 އަހަރުގެ އަހްމަދު ލައްސާން އެވެ.

މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުން ވަނީ ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް، އެ ގެއިން ގިނަ އަދަދެއްގެ ފައިސާ ހޯދާފަ އެވެ. އެއަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ.

އަދި އެ ރެއިޑުގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000ރ ދިނުމުން ދޫކޮށްލީ ޝައްމާންގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. ހަމަ އެހެންމެ އެ ބިދޭޭސީ މީހާ ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާއާ ބައްދަލުކޮށް އެ ފައިސާ ޝައްމާންގެ ގެއަށް ގެންދިޔަ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.