ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓުގައި ހިމެނޭ 14 ޓަވަރެއްގެ 85 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، (އެފްޑީސީން) ބުނެފިއެވެ.

ޕީއެްސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުން އަންނަ 32 ޓަވަރުގެ ސްޓްރަކްޗަރަލް މަސައްކަތްތައް އެކޮށް ނިމިފައިވާކަމަށެވެ. އޭގެ ތެރެއިން 14 ޓަވަރެއްގެ ފިނިޝިން މަސައްކަތް އެއްކޮށް ނިމިފައިވާކަން ފާހަގަކޮށް ހަމްދާން ވިދާޅުވީ ފިނިޝިންގެ ބާކީ މަސައްކަތްތައްވެސް އަވަހަށް ނިންމާލުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހުރިހާ ޓަވަރެއްގެ މަސައްކަތްތައް ނިންމުމަށް އަމާޒު ހިފާފައިވާކަމަށެވެ. ފްލެޓްތައް ނިންމުމަށްފަހު ސަރުކާރާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެެ. ކުރީ ސަރުކާރުން ފްލެޓްތަކުގެ މަސައްކަތުން ބައެއް އުނިކޮށްފައިވީނަމަވެސް އުނިކުރި ކަންތައްތައް ހިމަނައިގެން މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކޮށް ހަމްދާން ވިދާޅުވީ ފެނާއި ކަރަންޓާއި އިންޓަނެޓް ފަދަ ހިދުމަތްތައް އެފްޑީސީން ފްލެޓްކަށް ގުޅާނެކަމަށެވެ. އަދި ފްލެޓްގެ ހައްގުވެރިން އެތަންތަނަށް ބަދަލުވާއިރު އެ ހުރިޙާ ހިދުމަތްތަކެއް ހުންނާނެކަމަށް ހަމްދާން ވިދާޅުވިއެވެ.

ކުރީ ސަރުކާރުން އާންމުކުރި ފްލެޓު ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަމުގެ ޝަކުވާއާއި އެކު މި ސަރުކާރުން ވަނީ އަލުން އެ ލިސްޓު ބަލާ ލިސްޓަށް ބަދަލުގެނެސްފައެވެ. އަދި މިދިޔަ މަހުގެ 27 ވަނަ ދުވަހު ލިސްޓު އާންމުކުރިއިރު ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ އެއްވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.