އޮމާންގެ މުސްކާޓްގައި ހުންނަ ސުލްތާން ގާބޫސް ގްރޭންޑް މިސްކިތަކީ އެ ގައުމުގެ އެންމެ ބޮޑު މިސްކިތެވެ. 1992 ވަނަ އަހަރު އޭރު އޮމާންގެ ސުލްތާން ގަބޫސް ބިން ސައިދް އަލް ސައިދް ވަނީ އެ ގައުމުގައި ބޮޑު މިސްކިތެއް އަޅުއްވަން ބޭނުންފުޅުވާކަން އިއުލާންކުރައްވާފައެވެ. އަދި 1993 ވަނަ އަހަރު މި މިސްކިތުގެ މަސައްކަތް ފެށުމަށް ތައްޔާރުވެ 1994 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ބައުޝަރުގައި މި މިސްކިތް ބިނާކުރާނެ ބިމެއް ހަމަޖެހިގެން ދިޔައެވެ. އަދި އެ އަހަރުގެ ޑިސެމްބަރު މަހު މިސްކިތް ބިނާކުރަން ފެށިއިރު، މި މިސްކިތް ބިނާ ކުރުމަށް 6 އަހަރާއި 7 މަސް ހޭދަވިއެވެ.
މި މިސްކިތަކީ ތަފާތު ވައްތަރުގެ ހިލަތަކުން ހަދާފައިވާ މިސްކިތެކެވެ. މިސްކިތް އިމާރާތް ކުރުމަށް ގާތްގަނޑަކަށް 300،000 ޓަނުގެ ވެލި އިންޑިއާއިން އެތެރެކޮށްފައިވެއެވެ. އަދި މިސްކިތް ޒީނަތްތެރިކުރުމަށް ލަކުޑިއާއި ބިއްލޫރިން ހަދާފައިވާ ދޮރާއި ކުޑަދޮރާއި ބޭނުންކޮށްފައިވެއެވެ. މިސްކިތުގައި ފަސް މުންނާރު ހުރިއިރު މައި މުންނާރުގެ އުސް މިނުގައި 90 މީޓަރު (300 ފޫޓް) ހުރެއެވެ. އަދި އަދި ހަތަރު ފްލެންކިން މުންނާރުގައި 45.5 މީޓަރު (149 ފޫޓް) އުސްމިން ހުރެއެވެ.
ގާބޫސް ގްރޭންޑް މިސްކިތުގެ އެންމެ ހާއްސަ ކަންތައްތަކުގެ ތެރޭގައި ނަމާދުކުރާ ހޯލުގެ ތަޅުންގަނޑު ނިވާކޮށްފައިވާ ކާޕެޓް ފާހަގަކޮށްލެވެއެވެ. އެއީ، 1،700،000،000 ނޮޓް ހިމެނޭ، 21 ޓަނު ބަރުދަނުގެ ކާޕެޓެކެވެ. އަތުން ވިޔެފައިވާ އެ ކާޕެޓް ހެދުމަށް 600 އަށްވުރެ ގިނަ މަސައްކަތްތެރިން 4 އަހަރު ހޭދަކޮށްފައިވެއެވެ. މިއީ ކްލާސިކަލް ޕާޝިއަން ޓަބްރިޒް، ކަޝަން އަދި އިސްފާހާން ޑިޒައިން އެއްކޮށްގެން ހަދާފައިވާ ކާޕެޓެކެވެ.
މިސްކިތުގެ ނަމާދު ކުރާ ހޯލުގައިވާ ޗާދަލިއާއަކީ އިޓަލީގެ ކުންފުންޏަކުން އުފައްދާފައިވާ 46 ފޫޓުގެ ބޮޑު ޗާދަލިއާއެކެވެ. މި މިސްކިތަކީ 90 މީޓަރު (300 ފޫޓު) އުސްމިނުގައި މިސްކިތެއްކަމުން، ޗެންޑަލިއާ ނިސްބަތުން ކުޑަކޮށް ފެނުނު ނަމަވެސް މިއީ ކުރިން ދުނިޔޭގެ އެންމެ ބޮޑު ޗާދަލިއާއެވެ. މި ޗާދަލިއާގައި 8.5 ޓަނުގެ ބަރުދަނެއް ހުންނައިރު، 600،000 ކްރިސްޓަލް ހިމެނެއެވެ. އަދި1،122 ހެލޯޖަން ބޮކި ހަރުކޮށްފައިވެއެވެ. މީގެ އިތުރުން އެ ޑިޒައިންގެ ތިރީސް ހަތަރު ކުދި ޗާދަލިއާތައް އިމާރާތުގެ އެހެން ހިސާބުތަކުގައި ހަރުކޮށްފައިވެއެވެ.
މިސްކިތުގެ ނަމާދުކުރާ މައި ހޯލުގައި 6500 އަށް ވުރެ ގިނަ މީހުންނަށް އަޅުކަންކުރެވޭ އިރު އަންހެނުންނަށް ހާއްސަކޮށްފައިވާ ޖާގައިގައި 750 މީހުންނަށް އަޅުކަންކުރެވޭނެއެވެ. މީގެ އިތުރުން ބޭރު ތާރު އަޅާފައިވާ ބިމުގައި 8000 މީހުންނަށް އަޅުކަންކުރެވޭނެ ޖާގަ ހުރިއިރު އެތެރޭގެ ގޯތިތެރެއާއި ޕެސޭޖްވޭތަކުގައި ޖުމްލަ 20،000 މީހުންނަށް އަޅުކަންކުރެވޭނެ ޖާގަ ތަނަވެސްވެފައިވެއެވެ.