ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ހއ. އަތޮޅުގެ 7 ރަށެއްގައި ސެލްފް-ސާވިސް ބޭންކިން އޭޓީއެމް ގާއިމްކޮށް، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދޭން ފަށައިފިއެވެ.

މިއަދު އަލަށް އޭޓީއެމްގެ ހިދުމަތް ފެށި ރަށްތަކަކީ އުތީމު، ތުރާކުނު، އުލިގަމު، މުޅަދޫ، މާރަންދޫ، ތަކަންދޫ އަދި މުރައިދޫއެވެ.

އޭޓީއެމްތަކުގެ ހިދުމަތް ފެށުމަށް މިއަދު އެ ރަށްތަކުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ޓޫރިޒަމް އެންޑް އެންވާރަންމަންޓް މިނިސްޓަރާއި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޓް ޓްރޭޑް މިނިސްޓާގެ އިތުރުން ބޭންކުގެ ސީއީއޯ އާއި މެނޭޖިން ޑިރެކްޓަރު، ޗެއާޕާސަން އަދި ޗީފް ބިޒްނަސް އޮފިސަރ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވީ، މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުގެ ދަށުން ހއ. އަތޮޅުގައި އޭޓީއެމްތައް ގާއިމްކުރެވުމާއެކު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ބޭންކިން ހިދުމަތް ފުޅާކުރުމުގެ ދަތުރުގައި ވަރަށް ބޮޑު ކުރިއެރުމެއް މި ވަނީ ލިބިފައި ކަމަށެވެ. މިއީ ވަރަށް އުފާކުރާ ކަމެއް ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި 24 ގަޑިއިރު އަސާސީ ބޭންކިން ހިދުމަތްތައް ލިބޭނެ ވަސީލަތް ގާއިމުވުމާއެކު ހއ. އަތޮޅުގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އިންގިލާބީ ބަދަލެއް ގެނައި ދިވަހެއްގެ ގޮތުގައި މިއަދު ޝަރީފް ސިފަކުރެއްވިއެވެ.

ހއ. އަތޮޅުގައި ގާއިމުކުރެވުނު އޭޓީއެމްތަކުގެ ހިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސާވިސް ބޭންކިން ސެންޓަރާއި، 165 އޭޓީއެމްއާއި، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތަކެއް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ.