ދިވެހިންގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ބަރުދަން އިތުރުވާ މީހުން ގިނައެވެ. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމާއި ގޭގައި ދަރިން ތަރުބިއްޔަތު ކުރުމުގައި އުޅޭ މީހުންނަށް ގިނަ ފަހަރު އޮންނަނީ އަމިއްލަ ނަފްސަށް ކަމެއް ކޮށްލަން ހުސްކޮށްލާނެ ވަގުތެއް ނުވެފައެވެ. މިގޮތަށް އުޅެން ޖެހޭ މީހުންނަށް ދިމާވާ ނަފްސާނީ މައްސަލަތައް ވެސް މަދެއް ނޫނެވެ. މާ ބޮޑަށް ފަލަވުމުން ބުލީގެ ޝިކާރައަކަށް ވެ، ސްޓްރެސްވުމާއި، އަމިއްލަ މިހާއަށް އޮންނަ އިތުބާރު ކުޑަވެ، ނަފްސު މަތިން ފޫހިވެ ދިރިއުޅުން މަތިން ފޫހިވެ، ދާއިމީ އެތައް ބައްޔަކަށް ބޭސްކުރަން ޖެހޭ އެތައް ބަޔަކު އުޅެއެވެ.
ރޯދަމަހަށް ހާއްސަކޮށްގެން ގެނެސްދޭ 'މީހުން' ސެގްމެންޓްގައި މިއަދު މި ގެނެސްދެނީ މިފަދަ މީހުންނަށް އެހީވެދިނުމަށް މަސައްކަތް ކުރާ ވެލްނަސް ކޯޗެއް ކަމަށްވާ އުމުރުން 38 އަހަރުގެ ފާތިމަތު ޝިފްނީގެ ވާހަކައެވެ. ޝިފްނީ މި މަސައްކަތަށް ނިކުތީ އޭނާގެ ދިރިއުޅުމުގައި ކުރި ހިތި ތަޖުރިބާތަކަކުން އަރައިގަތުމަށް ފަހު އެފަދަ އެތައް ބަޔަކަށް އެހީވުމުގެ މަގްސަދުގައެވެ.
ޝިފްނީ އަކީ ބަރު ދަން ލުއި ކުރުމަށް އެހީ ވެދީ، ގޭގައި ތިބޭ އަންހެނުންނަށް ދަރިން ކައިރީގައި ތިބެގެން ފައިސާ ހޯދުމަށް މަސައްކަތް ކުރުމަށް ފުރުސަތު ހޯދޭނެ ގޮތްތައް ކިޔައި ދީ އެފަދަ ފުރުސަތުތައް ފަހިކޮށް ދޭ މީހެކެވެ. ވެލްނަސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށިގޮތް ހިއްސާ ކުރަމުން ޝިފްނީ ބުނީ، އޭނާގެ ދިރިއުޅުމުގައި ތަހައްމަލު ކުރި ކަންކަމުން އަރައިގަންނަން ވަރަށް ބުރަ މަސައްކަތްތަކެއް ކުރި ކަމަށެވެ. ދެ ދަރިން ލިބުނު ފަހުން ޝިފްނީ ވަރަށް ބޮޑަށް ފަލަވި ކަމަށާއި ބަރުދަން 100 އިން މައްޗަށް އެރި ކަމަށެވެ.
އެ ދުވަސްވަރު އޭނާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، އަމިއްލަ މީހާއަކީ ހުތުރު މީހެއް ކަމަށް ގަބޫލު ކުރެވުނެވެ. ހިކެން ވެސް އެތައް މަސައްކަތެއް ކުރި ކަމަށާއި އެގޮތުން ޑައިޓް ކުރުމާއި ކަސްރަތު ކުރި ނަމަވެސް އެއްވެސް ގޮތަކަށް ބަރުދަން ލުއި ނުވުމުން ވަރަށް ބޮޑަށް މާޔޫސް ވި ކަމަށް ޝިފްނީ ބުނެއެވެ. އެގޮތުން އެއް އަހަރު ދުވަހު ހިކެން ފިޓްނަސް ޓްރެއިނާއަކާ އެކީ މަސައްކަތް ކުރި ނަމަވެސް އެދެވޭ ނަތީޖާއެއް ނުލިބުނެވެ. އެކަމުގައި ވެސް ވަރަށް ބޮޑެތި ހުރަސް ތަކަކާ ޝިފްނީއަށް ކުރިމަތިލާން ޖެހުނެވެ.
ދަރިން ގޮވައިގެން އަބަދު ގޭގައި ހުންނަ މަންމައަކަށް ވެފައި ޝިފްނީއަށް ކަސްރަތު ކުރަން ތަނަކަށް ދިއުން ވެސް ވެގެން ދިޔައި ވަރަށް ބޮޑު ޗެލެންޖަކަށެވެ. ދަރިން ގޭގައި ބައިތިއްބާފައި ދާން ޖެހުމުން ކަސްރަތު ކުރަން ގޮސް ހުންނަ އިރު ވެސް ކުދިންނަށް ވެދާނެ ގޮތަކާ މެދު ވިސްނޭ ކަމަށާއި އަދި ގެއިން ގުޅައިފިއްޔާ އަވަހަށް ދާން ޖެހޭނެތީ ނަފްސާނީ ގޮތުން ބޮޑެތި އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހުނެވެ. ހަމައެއާއެކު އޭރު ކެއުންބުއިން ބަހައްޓަން ޖެހޭ ގޮތް ނޭނގި އޮތުމުން ކަސްރަތު ކުރިއަސް ބަރުދަން ލުއި ކުރުމުގައި މާ ބޮޑު އެދެވޭ ނަތިޖާއެއް ނުފެނުނެވެ. އެއާއެކު ކޮންފިޑެންސް ލެވެލް ދަށަށް ވެއްޓި ދިރިއުޅުން މަތި ފޫހިވެފައި ހުއްޓާ ޝިފްނީއަށް ހިތްވަރު ލިބުނީ އޭނާގެ އެކުވެރިއެއްގެ ހަށިގަނޑަށް އައި ބަދަލު ފެނިގެންނެވެ.
އެ އެކުވެރިއާއަށް ގުޅައިގެން ބަރުދަން ލުއި ކުރަން ބޭނުންވާ ކަން ޝިފްނީ ހާމަކުރިއެވެ. އެއާއެކު ބަރުދަން ލުއި ކުރާ ޕްރޮގްރާމެއް ކުރިއަށް ގެންދާކަން ހާމަކުރުމުން އެ ޕްރޮގްރާމްގައި ޝިފްނީ ބައިވެރިވީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. ބަރުދަށް ލުއި ކުރުމަށް ފެށި ދަތުރުގައި ވަރަށް ބޮޑު ކާމިޔާބީއެއް ލިބުނެވެ. ހަމަސް ދުވަހުގެ ތެރޭގައި 27 ކިލޯ ލުއިކޮށްލި އިރު، ނަފްސާނީ ގޮތުން ވެސް މީހާއަށް ވަނީ ވަރަށް ރަނގަޅު ބަދަލުތަކެއް އައިސްފައި ކަމަށް އޭނާ ބުނެއެވެ. ބަރުދަން ލުއި ކުރުމަށް ކުރިން އޮތް އުންމީދު ގެއްލިފައި އޮއްވާ މިއީ ކުރެވިދާނެ ކަމެއް ކަން ޝިފްނީއަށް އެނގުނީ އަމިއްލަ މީހާއަށް އައި ބަދަލު ފެނުމުންނެވެ.
އެއާއެކު ޝިފްނީ ބެނުންވީ އޭނަ ފަދައިން ބަރުދަން ލުއި ކުރަން ބޭނުންވެފައި ތިބި މީހުންނަށް އެހީވާށެވެ. ބަރުދަން ލުއި ކުރަން އެތައް މަސައްކަތެއް ކޮށް އުންމީދު ކަނޑާލާފައި ތިބި އެތައް ދިވެހިންނެއް ރާއްޖޭގައި އުޅޭ އިރު އެމީހުންނަށް އެހީވެ، މިއީ ކުރެވިދާނެ ކަމެއް ކަން ސާބިތުކޮށް ދިނުމަށް ޝިފްނީގެ ތަޖުރިބާ ހިއްސާ ކުރަން ފެށިއެވެ. ބަރުދަން ލުއި ކުރުމުގެ ޕްރޮގްރާމްގެ ތެރޭގައި ކޯޗެއްގެ ގޮތުގައި ޝިފްނީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެ ދުވަހަށް ފަހު އަބަދުވެސް މަހެއްގެ މައްޗަށް 30 މީހުންނާއެކު ޝިފްނީ އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ.
ބަރުދަން ލުއި ކުރުމަށް ހިންގާ ޕްރޮގްރާމް ހިންގަމުން ދަނީ ވީޑޫ މެދުވެރިކޮށް މެލޭޝިއާގެ ކުންފުންޏަކާ ގުޅިގެންނެވެ. މިއީ އޮންލައިންކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމުން ގޭގައި ތިބޭ މީހުންނަށް އަދި ބިޒީ ޝެޑިއުލްގައި މަސައްކަތް ކުރާ މީހުންނަށް މިއީ ވަރަށް ފަސޭހަވާނެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުން އެޕް އެއް މެދުވެރިކޮށް ބައިވެރިންނަށް ކެއުންބުއިން ބަހައްޓަން ޖެހޭ ގޮތާއި، މީލްތައް ނަގާއިރު ޕޯޝަން ބަހައްޓަން ޖެހޭ މިންވަރާއި 8 ގަޑިއިރު ނިދުމަށް ބާރު އަޅާނެއެވެ.
ހަމައެއާއެކު ކޮންމެ ދުވަހަކު ފެންބޯ މިންވަރު މޮނިޓާ ކުރާ އެ އެޕްގައި ވަކި ކަސްރަތުތަކެއް ފުރިހަމަ ކުރަން ޖެހެއެވެ. މި ޕްރޮގްރާމްގެ ތެރޭގައި ގޭގައި ތިބެ މަސައްކަތް ކޮށްގެން ފައިސާ ހޯދަން ބޭނުންވާ ފަރާތްތަކަށް ވެސް ހިލޭ ކޯސްތައް ކުރިއަށް ގެންގޮސް އެ ފަރާތްތަކަށް ވެސް ފުރުސަތުތައް ހޯދައި ދެއެވެ. މިއީ ދުޅަހެޔޮ ސިއްހަތެއް ބިނާ ކުރުމަށާއި ނަފްސާނީ ދުޅަހެޔޮކަން ވެސް އިތުރުކޮށްދޭނެ ޕްރޮގްރާމެއް ކަމަށް ޝިފްނީ ބުނެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން ކެއުންބުއިމާއި ފެން ބުއިމާއި ނިދުން ފަދަ ކަންކަން ބަހައްޓަން ޖެހޭ ގޮތްތައް ބުނެދޭ އިރު، މި ޕްރޮގްރާމް 6 މަސް ދވަހަށް ފުރިހަމަ ކުރުމުން އެދެވޭ ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް ޝިފްނީ ބުނެއެވެ. 6 މަސް ދުވަހު ލައިފްސްޓައިލްއަށް ގެންނަ ދުޅަހެޔޮ ބަދަލަށް ފަހު ޕްރޮގްރާމުން ވަކިވެގެން ދިޔަޔަސް އެ ދުޅަހެޔޮ ލައިފްސްޓައިލްގައި އުޅެން މީހާ ހުންނާނީ އާދަވެ ހޭނިފައެވެ. އެހެންކަމުން ސިއްހަތަށާއި ހަށިގަނޑަށް ގެއްލުންވާ ފަދަ ލައިފްސްޓައިލަށް އަނބުރާ ދިއުމުގެ ފުރުސަތު ކުޑަވެގެން ދާނެ ކަމަށް ޝިފްނީ ބުނެއެވެ.
ބަރުދަން ލުއި ކުރުމުގައި އެކި މީހުންގެ ބަރުދަން ލުއިވާ މިންވަރު ދާނީ އެކި މިންވަރަށް ކަމަށް ޝިފްނީ ބުނެއެވެ. ކޮންމެ މީހެއްގެ މެޓަބޮލިޒަމް ރޭޓް ތަފާތު ވާ އިރު، ބައެއް މީހުންގެ ބަރުދަން ލުއިވާ މިންވަރު ލަސް ވިޔަސް އަނެއް ބައި މީހުންގެ ބަރުދަން ލުއިވާ މިންވަރު އަވަސްވާ ކަމަށް ޝިފްނީ ބުނެއެވެ. ނަމަވެސް ގިނަ މީހުން ބޭނުން ވަނީ ވަރަށް އަވަހަށް ބަރުދަން ލުއި ކުރާށެވެ.
އާންމު ގޮތެއްގައި މީހުންގެ ބަރުދަށް އިތުރުވަނީ ކުއްލިއަކަށް ނޫނެވެ. ބަރުދަން އިތުރު ވަނީ ވެސް އެތައް ދުވަހެއްގެ މަތިންނެވެ. އެހެންކަމުން މީގައި އެންމެ ރަނގަޅު ގޮތަކީ މަޑުމަޑުން ބަރުދަން ލުއި ކުރަމުން ދިއުން ކަމަށް ޝިފްނީ ބުނެއެވެ. ކުއްލިއަކަށް ވަރަށް އަވަހަށް ބަރުދަން ލުއި ކޮށްލައިފި ނަމަ، އެމީހަކު އަނެއްކާ ޖަންކް ފުޑް ފަދަ ސިއްހަތަށް ގެއްލުންވާ ފަދަ ކާނާއަށް ބަދަލުކޮށްލާ ހިސާބުން ކުއްލިއަކަށް ވަރަށް އަވަހަށް ބަރުދަން އަނެއްކާ އިތުރުވެގެން ދާ ކަމަށް ޝިފްނީ ބުނެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ޝިފްނީ ކުރި ތަޖުރިބާއިން ހާސިލްވި އެންމެ ބޮޑު ކަމަކީ އަމިއްލަ ނަފްސު ދެކެ ލޯބިވާން ދަސްކުރި ކުރުން ކަމަށް ޝިފްނީ ފާހަގަ ކުރެއެވެ. ކޮންމެ ކަމެއް ދިމާވިޔަސް އެކަމަކާ ހިތްވަރާ އެކީ ކުރިމަތިލާން ދަސްވިއެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމުން ފިލާވަޅު ލިބިގަނެ ދުޅަހެޔޮ ވިސްނުމަކާ އެކީ ކުރިއަށް ދިއުމަށް މަގުފަހިވެގެން ދިޔަ ކަމަށް ޝިފްނީ ބުނެއެވެ.
މީހާގެ ކޮންފިޑެންސް ބޫސްޓް ވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މި ޕްރޮގްރާމުން ދަސްކޮށް ދެނީ ބަރުދަން ލުއި ކުރުމަށް މީހުން މޯޓިވޭޓް ކުރުން އެކަނި ނޫން ކަމަށް ޝިފްނީ ބުނެއެވެ. މި ޕްރޮގްރާމުން ދަސްވި ކަންކަމުން ވިސްނުން ތަރައްގީވެ، މީހާއަށް އަންނަ ކުރިއެރުމަކީ ދިރިއުޅުމުގެ ކޮންމެ ކަމަކާ ކުރިމަތިލުމަށް ވެސް ލިބޭނެ ހިތްވަރެއް ކަމަށް ޝިފްނީ ބުނެއެވެ.
މިފަދައިން ދިރިއުޅުމުގައި ދިމާވާ ކަންކަމުން ދިރިއުޅުން މަތިން ފޫހިވެފައި، ނުވަތަ ބަރުދަން ލުއި ނުވާނެ ކަމަށް ނިންމާ ތިމާ މީ ހުތުރު މީހެއް ކަމަށް، ފަލަ މީހެއް ކަމަށް ގަބޫލު ކޮށްގެން ތިބޭ މީހުންނަށް ޝީފްނީ ދޭން ބޭނުންވާ މެސެޖަކީ، ނެގެޓިވް ހިޔާލުތަކަށް ފުރުސަތު ނުދިނުމެވެ. އަމިއްލަ ނަފްސު ދެކެ ލޯބިވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރު ކުރަން ގަދައަޅާ މަސައްކަތް ކުރަން ޝިފްނީ ނަސޭހަތްތެރި ވެއެވެ. އެއްވެސް މީހަކަށް ބަރޯސާވެގެން ނުތިބުމަށާއި ކޮންމެ ކަމެއް ވެސް ކުރަން މަސައްކަތް ކޮށް ހިތްވަރު ލައިފި ނަމަ ކުރެވޭނެ ކަމަށާއި އެއްވެސް މީހަކީ ބޭކާރު މީހެއް ނޫން ކަން ހަނދާން ކުރުމަށް ޝިފްނީ ބާރު އަޅައެވެ.
ރާއްޖޭގައި މިހާރު އޮބެސިޓީ މީހުން އިތުރުވަމުން އަންނަ އިރު، ދާއިމީ ބަލިތަކަށް ބޭސް ބޭނުންކުރާ މީހުން ވެސް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް އާއި ހަކުރު ބަލީގެ އިތުރުން ޕީސީއޯއެސް ހުންނަ މީހުން އިތުރުވަމުން އަންނަ ކަމާ ގުޅުވައި ޝިފްނީ ބުނީ، މި ހުރިހާ ކަމެއްގެ ހައްލަކަށް އޮތީ ލައިފްސްޓައިލާއި ކެއުން ބުއިން ބަދަލުކޮށްލުން ކަމަށެވެ. ޖަންކް ފުޑް ކެއުން ހުއްޓާލައި ދުޅަހެޔޮ ކާނާއާ މީހާ ގާތްވެއްޖެ ނަމަ ވަރަށް ގިނަ މައްސަލަތަަކަށް ހައްލު ލިބިގެން ދާނެ ކަމަށް ޝިފްނީ ބުނެއެވެ. ހަމައެއާއެކު ކަސްރަތު ކުރަން މާގިނަ ވަގުތު ހޭދަ ނުކުރިއަސް ކޮންމެ ދުވަހަކު 30 މިނެޓް ހިނގާލަނިކޮށް ވެސް ވަރަށް ބޮޑު ބަދަލުތަކެއް ފެންނަން ފަށާނެ ކަމަށް އޭނާ ބުނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޝިފްނީގެ ނަންބަރު 7600119 މެސެޖް ކޮށްގެން މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ހޯދޭނެއެވެ. ބަރުދަން ލުއި ކުރުމުގައި އެތައް މާޔޫސް ކަމަކާ ކުރިމަތިލާން ޖެހިފައި ތިބި މީހުންނަށް ޝިފްނީ މި ހޯދައި ދެނީ އުންމީދުން ފުރިގެންވާ ހައްލެކެވެ. މިއީ ކުރެވިދާނެ ކަމެއް ކަން ހުދު ޝިފްނީ މި ވަނީ ސާބިތު ކޮށް ދީފައެވެ.
މިއީ ވަރަށް ހަރަދު ބޮޑު ޕްރޮގްރާމެއް. ނަގާ ފީ މާ ބޮޑު. ރުފިޔާ ހުރި މީހަކަށް ވާނެ