އަލް ސާލިހް މިސްކިތަކީ ޔަމަނުގެ ވެރިރަށް ސަނާއާގެ ހުރި އެންމެ ބޮޑު އަދި އެންމެ ޒަމާނީ މިސްކިތެކެވެ. މި މިސްކިތް އިފްތިތާހު ކޮށްދެއްވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޔަމަނުގެ ރައީސް އަލީ އަބްދުالله ސަލާހްއެވެ.

27،300 އަކަމީޓަރުގެ މި މިސްކިތުގެ ސެންޓްރަލް ހޯލްގައި 13،596 އަކަމީޓަރު (146،350 ސްކްއާ ފޫޓު) ހުންނައިރު މިސްކިތުގެ ކެޕޭސިޓީއަކީ 44،000 އެވެ. މި މިސްކިތް ބިނާކުރުމަށް ގާތްގަނޑަކަށް 60 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްފައި ވެއެވެ. ޔަމަނުގެ އިޖްތިމާއީ އަދި އިގްތިސާދީ ހަމަނުޖެހުމެއްގެ ތެރޭގައި އޮތް ދުވަސްވަރެއްގައި މިފަދަ ބޮޑު މަޝްރޫއެއް ހިންގަން ފެށުމުން އެ ގައުމުގެ ރައީސްއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ.

އަލް ސާލިހް މިސްކިތް

މި މިސްކިތް ބިނާކޮށްފައި ވަނީ ތަފާތު ވައްތަރުގެ ހިލަ ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި ކަޅު ކުލައިގެ ބެސަލްޓް ހިލަތަކުގެ އިތުރުން ރަތް، ހުދު އަދި ކަޅު ކުލައިން ލައިމްސްޓޯން ބޭނުންކޮށްފައިވެއެވެ. އަލް ސަލާހް މިސްކިތުގައި 'ޔެމެނީ އާކިޓެކްޗާ އެންޑް އިސްލާމިކް ސްޓައިލްސް' ތައް ގެނެސްފައިވާއިރު މިސްކިތުގެ ފާރުތަކުގައި ޤުރުއާނުގެ އާޔަތްތައް ލިޔެފައިވެއެވެ. މި މިސްކިތުގެ ފުރާޅުގައި އޯނަޓް ފަސް މުންނާރު ހުރިއިރު ރޭގަނޑު މިސްކިތް ދިއްލާލުމުން އެ މުންނާރުތަކަށް އިތުރު ރީތިކަމެއް ގެނެސްދެއެވެ. މީގެ އިތުރުން މިސްކިތުގެ ފުރާޅު ލެވެލް އަށް ވުރެ 20.35 މީޓަރު (66.8 ފޫޓު) ގެ އުސްމިނުގައި 6 މުންނާރު ހަދާފައިވާއިރު ދުރުން ފެންނައިރު މިސްކިތުގެ ފުރިހަމަކަން ވަރަށް ބޮޑަށް ދައްކައިދެއެވެ.

އަލް ސާލިހް މިސްކިތް

ސްޓޭންޑް ގްލާސް ޖަހާފައިވާ 15 ކުޑަދޮރު ހުރި އިރު މިސްކިތުގެ އެތެރޭގެ ޖާގައަކީ ތަޅުންގަނޑުން ފެށިގެން ސީލިންގާއި ހަމައަށް 24 މީޓަރު (79 ފޫޓު)އެވެ. މިސްކިތުގެ ޕްލަޝް ކާޕެޓިންގައި ތަފާތު ޕެޓަންސް ތަކެއް ހުރިއިރު، ބޮޑެތި ޗެންޑަލިއާ ތަކުގައި އަލިއާއި އަދި މާ ފަދަ ޕެޓަންސް ތަކުން މިސްކިތުގެ އެތެރެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އަލް ސާލިހް މިސްކިތުގައި އަންހެނުންނަށް ނަމާދުކުރުމަށް ހާއްސަ ތަނެއް ހަދާފައިވާއިރު މި މިސްކިތުގެ އެންމެ ބޮޑު ތިން ކޮޓަރި ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ.

އަލް ސާލިހް މިސްކިތް

މިސްކިތުގެ 3 ބުރީގެ އިމާރާތުގައި ޤުރުއާން ކޮލެޖާއި، ކްލާސްތަކާއި ލައިބްރާރީއެއް ހުރިއިރު މި ސަރަހައްދުގައި ރީތި ބަގީޗާތައް ވަނީ ހައްދާފައެވެ. މި މިސްކިތުގައި ޒަމާނީ އެއާކޮންޑިޝަންތަކާއި ސައުންޑް ސިސްޓަމްތަކުގެ އިތުރުން ފުރިހަމަ ސެކިއުރިޓީ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. ޔަމަނުގެ މިސްކިތްތަކުގެ ތެރެއިން އަޅުންކަންކުރާ މީހުންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ފުލުހުންނާއި، ކުއްތާތައް ބޭނުންކުރާ ހަމައެކަނި މިސްކިތަކީ އަލް ސާލިހް މިސްކިތެވެ. އަދި މި މިސްކިތުގައި ކުރެވޭ ނަމާދު ޔަމަނުގެ ގައުމީ ޓީވީއިން އަބަދުވެސް ވަގުތުން ދުރަށް ދައްކައެވެ.