މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒު ފައިދާ ހޯދަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިމިގްރޭޝަންގެ ތިން މުވައްޒަފުން ބަންދުކޮށްފިއެވެ.
މި މައްސަލައިގައި އޮޕަރޭޝަނެއް ހިންގައި ގެއެއް ބަލައި ފާސްކުރުމަށް ފަހު އިމިގްރޭޝަންގެ ތިން މުވައްޒަފަކު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައެވެ.
މީޑިޔާ އާ ހިއްސާކުރި މައުލޫމާތުގައި ފުލުހުން މިރޭ ބުނީ މި މައްސަލައިގައި ތުހުމަތުވާ ތިން މުވައްޒަފުންގެ ތެރެއިން އެކަކު ތިން ދުވަހަށް އަދި ދެ މީހަކު 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ހަމަ މި މައްސަލައިގައި ކުރީގެ ކޮންޓްރޯލަރު ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށް އޭނާ 15 ދުވަހަށް ބަންދުކުރުމަށް ވެސް ކޯޓުން އަމުރުކޮށްފައިވެއެވެ.
މައްސަލައިގެ ތަހްގީގާ ގުޅޭ ބައެއް ތަފްސީލުތައް ހާމަކޮށް ނެރުނު ބަޔާނެއްގައި ފުލުހުން ތުހުމަތުކުރި ގޮތުގައި ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުން ދޫކޮށްލި ބިދޭސިއެއްގެ އަތުން އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ޝަމްއާންގެ ގެއަށް އެ ފައިސާ ހިފައިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ގޮސްފައިވެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.