ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރަތް ކަމަށްވާ "ގޯލްޑެން ފުޓްސަލް" 2025 ގައި ގިނަ ބައެއްގެ ލޯތައް އަމާޒުވެ ތައުރީފު އޮހިގެން ދިޔަ އެއް ނަމަކީ ރަޔާން އެވެ. ޓީމުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ ހައިސިއްޔަތުން ރަޔާން ދައްކުވައިދިނީ އާދަޔާ ހިލާފު މޮޅު ކުޅުމެކެވެ. ގިނަ ބަޔަކު އާޝޯހު ކޮށްލި ކުޅުމެއް ރަޔާންގެ ފަރާތުން ފެނިގެން ދިޔަ އިރު، މެޗުތަކުގައި އޭނާގެ ހިތްވަރަށާއި އަޒުމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. މަސައްކަތްކުރީ އެއް ރޫހެއްގައި އެއް އަމާޒަކަށް ވާސިލުވުމަށެވެ. ރަޔާން ފަދައިން ޒުވާން މޫނުތައް މިފަދަ މުބާރާތްތަކުން ފެނިގެން ދިއުމަކީ ހަގީގަތުގައިވެސް ރާއްޖޭގެ ފުޓްސަލްގެ މުސްތަގުބަލު އުޖާލާ ވަމުން ދާ ކަމުގެ ހެއްކެކެވެ.
ކ. ކާށިދޫއަށް އުފަން އުމުރުން 19 އަހަރުގެ އިސްމާއިލް ރަޔާން އެންމެ ކުޑައިރުން ފެށިގެންވެސް ފުޓްސަލް ކުޅުމަށް ޝައުގުވެރިވެއެވެ. ރަޔާން ކިޔައިދިން ގޮތުގައި ކާށިދޫގައި މެޓް ފުޓްސަލް ދަނޑެއް އެޅުން ވެގެން ދިޔައީ ފުޓްސަލް ކުޅުމަށް ރަޔާން ލޯބި ޖެހުން އެންމެ ބޮޑު އެއް ސަބަބަށެވެ. މި ފުޓްސަލް ދަނޑު އެޅި ފަހުން ގަވައިދުން ކުޅެން ދާ ކުދިންގެ ލިސްޓުގެ އެއްވަނައިގައި އޮންނަނީ ރަޔާންގެ ނަމެވެ. ސުކޫލު ދައުރުގައިވެސް ގިނަ މުބާރާތްތަކެއް ކުޅުން ރަޔާން އަށް 2024 ވަނަ އަހަރު ކާށިދޫގެ ޓީމަށް ކުޅުމަށް ފުރުސަތު ލިބިގެން ދިޔައެވެ.
ރަށުގައި ބޭއްވުނު މުބާރާތްތަކުން މޮޅު ކުޅުމެއް ދައްކާ ކާށިދޫގެ ޓީމުން ޖާގަ ހޯދި ރަޔާން އެހާ ހިސާބުން ހުއްޓާލީއެއް ނޫނެވެ. ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި ބޮޑެތި ރަށްރަށުގެ ނަން ވިދާލާ ތަޖުރިބާކާރު ކުޅުންތެރިންނާ ވާދަ ކޮށް ކާށިދޫއަށް ހޯދައިދިނީ "ޗެމްޕިއަން ޓްރޮފީ" އެވެ.
ކާށިދޫ ގޯލްޑެން ފުޓްސަލް ކާމިޔާބު ކުރުމުގައި ރަޔާންގެ ދައުރު ބޮޑު
ކާށިދޫގެ ތާރީހުގައިވެސް އެ ޓީމު ގޯލްޑަން ފުޓްސަލްގެ ފައިނަލަށް ދަތުރުކުރި މިއީ ފުރަތަމަ ފަހަރަށް ވާއިރު، ފުރަތަމަ ފަހަރުން އުފުލާލީ ތައްޓެވެ. މި މުބާރާތުގެ ސެމީ ފައިނަލްގައި ބާރުވެރި ވާދޫ 4-2 ގެ ނަތީޖާއަކުން ބަލިކޮށް ކާށިދޫ ފައިނަލަށް ދަތުރުކުރި އިރު މި މެޗުގައި ރަޔާންގެ އާދަޔާ ހިލާފު މޮޅު ކުޅުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ.
މި މެޗުގައި ފުރަތަމަ ވާދޫއިން ލީޑު ނެގިނަމަވެސް މެޗުގެ 13 ވަނަ މިނެޓުގައި ވާދޫގެ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) ގައިގައި ޖެހި ވަތް ގޯލަކުން ނަތީޖާ ހަމަހަމަވެގެން ދިޔައެވެ. އެއާއެކު ދެވަނަ ހާފުގައި ކާށިދޫގެ ކުޅުންތެރިޔަކު ގޯލެއް ޖަހާ ފުރަތަމަ ފަހަރަށް ކާށިދޫއަށް ލީޑުނަގައިދިނެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ވާދޫއިން އަނެއްކާވެސް ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ ފަހު 10 މިނެޓުގައި ކާށިދޫގެ ރަޔާން ދެ ގޯލު ޖަހާފައިވާއިރު، ރަޔާންގެ ގޯލާއެކު ކާށިދޫ ފައިނަލަށް ދަތުރުކުރިއެވެ.
ގޯލްޑެން ފުޓްސަލްގެ ފައިނަލުގައި ހދ. ނައިވާދޫއާއި ދެކޮޅަށް ކުޅެ ކާށިދޫ މުބާރާތުގެ ޗެމްޕިއަންކަން ހާސިލުކޮށްފައިވާއިރު މި މުބާރާތުގައި ރަޔާންގެ ކުޅުން ފާހަގަކޮށްލެވެއެވެ. ރަޔާން މި މުބާރާތް ނިންމާލީ މި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމުވެސް ހާސިލުކޮށްގެންނެވެ.
ފުޓްސަލްގައި ރަޔާންގެ އެންމެ ބޮޑު "އިންސްޕިރޭޝަން" އަކީ އަލީ ހާފިޒް
އަލީ ހާފިޒް ނުވަތަ ހާއްޕެ އޭ ބުނުމުން ފުޓްސަލް ދަންނަ މީހަކަށް އެ ނަމަކީ އާ ނަމަކަށް ނުވާނެއެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހާއްޕެ އަކީ މި ދާއިރާގައި ރަޔާންގެ އިންސްޕިރޭޝަން އެވެ.
ރަޔާން ކިޔައިދިން ގޮތުގައި ރަޔާން އަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ރަޔާންގެ މަންމަ އާއި ބައްޕަގެ ފަރާތުންނެވެ. ކޮންމެ މުބާރާތެއްގެ ކޮންމެ މެޗަކާއި ކުރިމަތިލާއިރުވެސް އެ މީހުންގެ ފަރާތުން ލިބޭ ހިތްވަރުގެ ބަސް ތަކަކީ ރަޔާން މިހާ ހިސާބަށް އައުމަށް މެދުވެރިވި ސަބަބު ކަމަށް ރަޔާން ބުނެއެވެ. ރަޔާންގެ މައިންބަފައިންނަށް ރަޔާންގެ ހިތުގައި އޮތީ ހާއްސަ ލޮތްބެކެވެ. އެމީހުން ފަހުރުވެރިވާ ފަދަ ދަރިއަކަށް ވުމަކީ ރަޔާންގެ އުންމީދެވެ.
މީގެއިތުރުން ރަޔާން އަށް ޓީމުގެ މެނޭޖްމެންޓުގެ ފަރާތުންނާއި، ކޯޗުގެ އިތުރުން ޓީމުގެ ކުޅުންތެރިންގެ ފަރާތުން ލިބުން އެހީތެރިކަން ވެސް އޭނާ ފާހަގަކުރެއެވެ. ޓީމުގެ މެނޭޖްމެންޓާއި ކޯޗުގެ އިތުބާރު ލިބިފައިވާ ކުޅުންތެރިއަކަށް ވުމަކީ ލިބުނު ބޮޑު ކާމިޔާބީ އެއް ކަމަށް ރަޔާން ގަބޫލު ކުރެއެވެ.
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ޖާގަ ލިބުމަކީ ދެކޭ ހުވަފެނެއް
ރަޔާން މިހާރު ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނަކީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ޖާގަ ލިބުމެވެ. މި ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ރަޔާން މަސައްކަތް ކުރަނީ ކަށިން ހިތްވަރު ނެރެގެންނެވެ. ރަޔާން ކިޔައިދިން ގޮތުގައި ގޯލްޑެން ފުޓްސަލް އެކޭ އެއްފަދައިން ރާއްޖޭގައި ބާއްވާ އެހެން ބޮޑެތި މުބާރާތްތަކުންވެސް މޮޅެތި ކާމިޔާބީތައް ހާސިލުކުރުމަކީ ދެކޭ ހުވަފެނެކެވެ.
ރަޔާން މިހާރު އެއްވެސް ކްލަބަކަށް ނުކުޅެއެވެ. ނަމަވެސް 2024 ވަނަ އަހަރު އެފްއޭއެމް އަންޑާ 19 ޗެމްޕިއަންޝިޕްގައި ކްލަބް އީގަލްސް އަށް ވަނީ ކުޅެފައެވެ.
ރަޔާން ފަދައިން މޮޅު ފުޓްސަލް ކުޅުންތެރިއަކަށް ވާން ބޭނުންވާ ކުދިންނަށް ރަޔާންގެ މެސެޖަކީ ހިތްވަރު އެލުވައި ނުލާ ގަދައަޅާ މަސައްކަތް ކުރުމެވެ. އަހުލާގު ރަނގަޅު ކުޅުންތެރިއަކަށް ވުމަކީވެސް ނުހަނު މުހިންމު ކަމެއް ކަން ފާހަގަކުރަމުން ރަޔާން ބުނީ ކާމިޔާބަށް ވާސިލުވުމަށް ދާއިރާގައި "ކޮމިޓް" ވުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. މިފަދަ ކުޅިވަރު ކުޅޭއިރު ބަލިވާ ފަހަރުވެސް އަންނާނެ ކަމަށާއި، ނަމަވެސް އެފަދަ ދަނޑިވަޅުތަކުން އިބްރަތް ހާސިލުކޮށް ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރުމަކީ ކާމިޔާބަށް ވާސިލުވުމަށް ކުރަން ޖެހޭ ކަމެއް ކަމުގައި ރަޔާން ބުނެއެވެ.