ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި 10 ބިދޭސިއަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުކުރު ދުވަހުގެ ދަންވަރު ހިންގި އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ހަތް ކިލޯގެ ތަކެއްޗާ އެކު ކަމަށެވެ.
މި މައްސަލައިގައި އިންޑިއާގެ ހަތް މީހަކާއި އިންޑޮނޭޝިއާގެ ތިން މީހަކު ހައްޔަރުކުރިއެވެ. އެގޮތުން ފުލުހުން ހައްޔަރުކުރި އިންޑޮނޭޝިއާގެ މީހުންނަކީ:
- ނަސްވަން އާދިލް (30އ)
- އެޑްރިއަންސަޔާ (25އ)
- މުހައްމަދު އިގްބާލް މަކްރޫމް (30އ)
ހަމަ މި މައްސަލައިގައި ހައްޔަރުކުރި އިންޑިއާގެ މީހުންނަކީ:
- ޕްރަބާކަރަން ނަގަރާޖަން (35އ)
- ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ)
- ގަނޭޝް ބޮމްމާލީ (22އ)
- ޑަތުކިލޭ ދަރްޝަން ވިޖޭ (22އ)
- ޕީޓާ ވިނީ (28އ)
- ސަރަން ޕަދްމަން (28އ)
- ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ)
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް މީހަކު އެއް ދުވަހަށް އަދި ދެން ތިބި ފަސް މީހުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އަދި އެއް ދުވަހަށް ބަންދުކުރި މީހުންގެ ބަންދު އިތުރުކުރުމަށް ކޯޓަށް މިއަދު ހާޒިރުކުރުމުން އެކަކަށް ތިން ދުވަސް އިތުރުކޮށް ދެން ތިބި މީހުންގެ ބަންދަށް 15 ދުވަސް އިތުރުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.