ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އިއްޔެ އުފުލައިފިއެވެ.
މިދިޔަ ޑިސެމްބަރު މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފުވައްމުލަކުގެ ދެ މީހުންނަކީ:
- އަހްމަދު ނިއުޝާދު، ދޫޑިގަން، ކަރަންކާވިލާ / ފުވައްމުލައް (34އ)
- ހަސަން އާޒިމް، ދޫޑިގަން، ޒަމާނީގެ / ފުވައްމުލައް (29އ)
މި ދެ މީހުންގެ މައްޗަށް ދައުލަތުން ދެ ދައުވާ އެއް ކުރެއެވެ. އެއީ މަނީ ލޯންޑަރިންގެ ދައުވާގެ އިތުރުން ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުުގެ ދައުވާއެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، މިދިޔަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ފުވައްމުލަކުގެ ދޫޑިގަން، ގަސްދޮށުގެ ބަލައި ފާސްކުރިކުރުމުން ފެނުނު މަސްތުވާތަކެއްޗާ ގުޅިގެން، ނިއުޝާދާއި އާޒިމްގެ ބޭންކް ސްޓޭޓްމަންޓްތައް ބަލައި ދިރާސާކުރުމުން، އެކި އެކި ފަރާތްތަކުން ކުދި އަދަދުތަކުން ފޮނުވާ ފައިސާ ގަނޑުކޮށް އެ ދެ މީހުންގެ އެކައުންޓަށް ޖަމާވެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ މިކަން އިތުރަށް ތަހްގީގުކޮށް ބެލިބެލުމުން އާޒިމް އިސްވެހުރެ ނިއުޝާދާ އެކު މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމްކޮށް އެކި ފެންވަރުގައި އެކި މިންވަރަށް އެ ތަކެތިން މުއާމަލާތުކުރުމުގައި ހަރަކާތްތެރިވި ކަމަށާއި، އެކި ޑީލަރުންނަށް މުސާރަ ދީގެން ވަކި ތަރުތީބެއްގެ ތެރެއިން މިދިޔަ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް މި ނެޓްވޯކް ހިންގިކަން ފާހަގަކުރެވުނު ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ ބަޔާނުގައި ވެއެވެ.
އަދި ޖުލައި 2019 އިން ފެށިގެން މިދިޔަ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހާ ދެމެދު ދެ މީހުންގެ އެކައުންޓުން ޖުމްލަ 28 މިލިޔަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަން ފުލުހުންގެ ތަހްގީގަށް ފާހަގަކުރެވުނު ކަމުގައި ވެސް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
ދައުލަތުގެ ފަރާތުން ވަނީ މި ދެ މީހުންގެ އަތުން 1.19 މިލިޔަން ރުފިޔާ އާއި ހަތަރު ސައިކަލަކާއި ފަސް ކާރަކާއި ދެ ޕިކަޕަކާއި ކަނޑު އުޅަނދަކާއި 29 ސަންކޮނުއާ ގުރާގެ އިތުރުން ނުވަ ރިންގްނެކް ގުރާ ނަގައިދިނުމަށް ދައުވާގައި އެދިފައެވެ.