ހަމާސް އިން އެއްބަސް ވުމާ ހިލާފު ވެއްޖެ ކަމަށް ބުނެ، އިޒްރޭލުން ގާޒާގެ އެތަން މިތަނަށް ހަމަލާދީ އެއް ދުވަހާ 400 މީހުން ޝަހީދު ކޮށްލުމަށް ފަހު ނަތަންޔާހޫ ބުނީ "އެއީ އަދި ފެށީ ކަމަށް" އެވެ.

އިޒްރޭލު ޓީވީގައި ވާހަކަ ދައްކަމުން އޭނާ ބުނީ، ދެން ހަމަލާތައް ވަރުގަދަ ވާނެ ކަމަށާއި ސުލްހައިގެ ވާހަކަތައް ކުރިއަށް ދާއިރުވެސް ހަމަލާތައް ކުރިއަށް ދާނެ ކަމަށެވެ.

އޭނާ ބުނަނީ ހަމާސްގެ އަތްދަށުގައި ތިބި ރަހީނުން ދޫކޮށްލަން ހަމާސް އިން ދެކޮޅު ހެދީ ކަމަށެވެ.

ހަމާސް އިން ބުނެފައި ވަނީ، ހަމާސްގެ މަގާމުތަކަށް ކަމަށް އިޒްރޭލުން ހަމަލާ ދެމުން ގެންދަނީ އާންމުންގެ ތަންތަނަށް ކަމަށާއި ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ހަމަލާތައް އަމާޒު ކުރާ ކަމަށެވެ.

އަދި ސުލްހައިގެ އެއްބަސްވުމާ ހިލާފު ވީ އިޒްރޭލުން ކަމަށާއި 3 ފިޔަވައްސަކަށް އޮތް އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ނިމޭ އިރު މިސްރާއި ގާޒާ ގުޅޭ ބޯޑަރުން އިޒްރޭލު ސިފައިން ފައިބަން އެއްބަސްވެފައި އޮތް ނަމަވެސް އެމީހުން އެކަން ނުކުރި ކަމަށެވެ. އަދި ގާޒާގެ އުތުރާއި ދެކުނު ވަކިކުރަން ކެނޑި މަގާ ހިސާބުން އުތުރަށް އޮތް ބައިން އިޒްރޭލު ސިފައިން ފައިގެން ނުދާ ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން ދޭތެރެ ދޭތެރެއިން ޑްރޯން ހަމަލާ ދީ މީހުން ޝަހީދު ކޮށްފައި ވާ ކަމަށާއި ބަޑި ޖެހުން ފަދަ ޖަރީމާތައް ވެސް ހިންގާފައި ވާ ކަމަށެވެ.

ނަތަންޔާހޫގެ އިންޒާރުތަކާ ގުޅިގެން ސުލްހައިގެ ވާހަކަތަކަށް ވަނީ ހިޔަނި އެޅި މަޑުޖެހިފައެވެ. ސުލްހައިގެ ވާހަކަތައް ވިލަރެސް ކުރާ އެއް ފަރާތްތަ ކަމަށް ވާ މިސްރުން ބުނީ، އިޒްރޭލުގެ ހަމަލާތަކުގެ އަމާޒަކީ ގާޒާއިން މީހުން ބޭލުން ކަމަށާއި އެއީ ބަލައިގަންނާނެ ކަމުން ނޫން ކަމަށެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާ ދެމުން ގެންދާ އިރު އެމެރިކާ އިން ދަނީ މެދުއިރުމައްޗާއި މުޅި ދުނިޔެއަށް ކޮށްދޭ ހެޔޮކަމެއް ކަމަށް ބުނެ ޔަމަނުގެ ހޫތީންނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ހޫތީންނަކީ އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކަށް ދޭ ރައްދެއްގެ ގޮތުން ރަތްކަނޑުގައި އިޒްރޭލާއި އެމެރިކާގެ އުޅަނދުތަކަށް ހަމަލާ ދެމުން ގެންދާ ހަތިޔާރު އެޅި ޔަމަނުގެ ޖަމާއަތެކެވެ. އެ ޖަމާއަތަކީ އީރާނުގެ މަދަދު ލިބޭ ޖަމާއަތަކަށް ވާއިރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ، ހޫތީން ދޭ ރައްދުގެ ބަދަލު ހިފާނީ އީރާނުގެ ކިބައިން ކަމަށް ބުނެ އީރާނަށް ވެސް އިންޒާރު ކުރައްވާފައެވެ.

އެމެރިކާ އާއި އިޒްރޭލުން މެދު އިރުމަތި ތަޅާ ސުންނާފަތި ކުރާ އިރު އަރަބި ބޮޑެތި ބާރުތައް ތިބީ ކަނު ބަނދެގެން ހަނެވެ.