އިދިކޮޅު އެމްޑީޕީން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގައި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމުގައިވާ މަރިޔަމް ޒުބެއިރު (މަންދީ) ކުޑަކުއްޖަކާ ގުޅުވައި ދެއްކި ވާހަކައަށް ތާއީދުކުރި ކަމަށް ބުނެ، އަހުމަދު ސަލީމް (މާޒް ސަލީމް) ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ،

މާޒް ސަލީމް، ހާޒިރު ކުރަން ފުލުސް އޮފީހުން އޭނާއަށް އިއްޔެ ވަނީ ޗިޓް ފޮނުވާފައެވެ. އެ ޗިޓުގައި ބުނެފައި ވަނީ މާޒް ސަލީމް ހާރިޒު ކުރަނީ، ޗިލްޑްރަންސް އޮމްބަޑަސްޕާސަންގެ އޮފީހުން ހުށަހަޅާފައިވާ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އާންމު ފަރާތްތަކުން ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ވާހަކަ އަށް ތާއީދުކޮށް، އެ ވާހަކަ ދެއްކުމަށް ހިތްވަރުދީ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

އެހެންކަމުން އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ އެ މައްސަލައިގެ ތަހުގީގަށް އޭނާއާ ސުވާލުކޮށް ބަޔާން ނަގަން ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯ ބްރޮޑްކާސްޓުކޮށް، ދައުރުކުރަމުން ދާތީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. މި މައްސަލައިގައި މަންދީ ޒުބެއިރުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ރައީސްގެ އާއިލާއިން ވަނީ ނިންމައިފައެވެ.