މިއަހަރުގެ ޕީކް ހޭންޑްލިންއަށާއި، ގްރޭޓާ މާލޭ ޕަވާ ބެކަޕްގެ ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީ ކުރި ސްޓެލްކޯ ހުޅުމާލެ އެނެކްސް-2 އިންޖީނުގެ ހުޅުވައިފިއެވެ.

ރޭ ހުޅުމާލެ އިންޖީނުގެ އެނެކްސް- 2 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިންޖީނުގެ ރަސްމީކޮށް ހުޅުވީ ސްޓެލްކޯ އާއި ގައުމީ ދިދަ އިންޖީނުގޭގައި ނެގުމާއެކު. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ، އަދި ދިވެހި ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު މުޒްނާއެވެ.

އަދި އިންޖީނުގޭގައި އިންސްޓޯލްކޮށް ނިމިފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރެއް ހުސައިން ފަހުމީ ވަނީ ސްޓާޓް ކޮށްދެއްވާފައި.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަތިވެރި ރޫހާއެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން މި ނިންމާލީ ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ. އެގޮތުން 48،000 އަކަފޫޓޫގެ ބިމެއް ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރު ކުރުމާއި، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެ (ބާ އިންޖީނުގެ) އިން ކާނުތަކެއް އެ ބިމާހަމަޔަށް ރައްޔާރުކޮށް، އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި، ހުޅުމާލޭ މައި އިންޖީނުގެއާއި ހަމަޔަށް މި އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާއި ގުޅާލުމުގެ ބުރަ މަސައްކަތައް ހޭދަވީ ނުވަ ވަރަކަށް ދުވަސް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ކުރުމުއްދަތެއްގެ ތެރޭގައި ތަރައްގީކުރި ސްޓެލްކޯ ހުޅުމާލެ އެނެކްސް2 އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ދިދަ ނަގަނީ

އަދި މި މަސައްކަތް ފެށި ހިސާބުން، އިންޖީނުތައް ގެނައުމާއި، އެ ހުރިހާ މަސައްކަތެއް ކުރިއަށް ދިޔަގޮތް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބެއްލެވިކަމަށާއި، މި މަސައްކަތުގައި ދިމާވެދާނެ ހުރަސްތައް ބައްލަވައި، އެހުރަސްތައްނައްތާލުމަށް ކުރެވިދާނެ ކަންކަމާއި މެދު ލަފަޔާއި އިރުޝާދު ދެއްވަމުންގެންދެވުމުގެ އިތުރުން އިންޖީނުގޭގެ ބިން ހޯދުމަށް ބޭއްވި ބައެއް ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގެންނެވުމުން ފަހުމީ ވަނީ ރައީސަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

މީގެ އިތުރުންވެސް ރޯދަ މަހު އައްވާއި، ވާރެއަށް ބެލުމެއްނެތި، އަދި އެއްވެސް ފަސްޖެހުމެއްނެތި ސްޓެލްކޯގެ މުވައްޒަފުން މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ހައްގުގައި ކަން ފާހަގަކޮށް ފަހުމީ ވަނީ މުވައްޒަފުންނަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ހަމައެހެންމެ ސްޓެލްކޯއިން އަތޮޅުތެރޭގައި ހިދުމަތްދޭ 33 ރަށުގައިވެސް ރޯދަމަހާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މުވައްޒަފުންކޮށްފައިވާކަން ފާހަގަކޮށް ފަހުމީ ވަނީ އެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވާފައި.

ކުރުމުއްދަތެއްގެ ތެރޭގައި ތަރައްގީކުރި ސްޓެލްކޯ ހުޅުމާލެ އެނެކްސް2 އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ރޯދަމަހު ސްކޫލްތައް ބަންދުވުމާއި، ފަހު 10 ގައި އޮފީސްތައް ބަންދުވާތީ މި އަހަރުގެ ޕީކް ރޯދަމަހު ނުފެށުނު ކަމުގައިވި ނަމަވެސް، މި ރޯދަމަސް ނިމިގެން ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން، ރައްޔިތުންނަށް އަބަދުވެސް ދޭން ބޭނުންވާ ޔަގީންކަމަކީ ސްޓެލްކޯ އަބަދުވެސް އޮންނާނީ ދުރު މުސްތަގުބަލަށް ވިސްނައި، ދުރާލާ ތައްޔާރަށް ކަމަށާއި، އެގޮތުން މި ޕީކް ސީޒަންގައި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ފަހުމީ ވަނީ ދެއްވާފައެވެ. އަދި ސްޓެލްކޯއިން ފޯރުކޮށްދޭ މި ހިދުމަތަކީ ޓެކްނިކަލް ހިދުމަތަކަށްވުމުން، އިންޖީނަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެހެން ނަމަވެސް އެފަދަ ހާލަތެއްގައިވެސް، ވީއެންމެ އަވަހަކަށް އަލުން ހިދުމަތްދޭން ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތުގައި އިސްކޮށް އުޅުއްވި ޖެނެރަލް މެނޭޖަރު އަހުމަދު ޝަރުނީޒް ވިދާޅުވީ، ރޯދަ މަހު މި މަސައްކަތް ކުރިއަށްގެންދިއުމުގައި މުވައްޒަފުން ރެއާއި ދުވާލު ދައްކާފައިވަނީ އާދަޔާއި ހިލާފު ހިތްވަރެއް ކަމަށާއި، ރޯދަ އަށްތިބެ ދުވާލުގެ އެންމެ ހޫނުގަދަ ގަޑީގައިވެސް ބޮލަށް ފެންކޮޅެއް އަޅާލައިގެން، މުވައްޒަފުން އެ ދެއްކީ ކުންފުނީގެ ކޯ-ވެލިއުސްތަކުގެ ތެރޭގައި ހިމެނޭ އެކްސެލެންސާއި ޓީމްވޯކްގެ ވަރުގަދަ ނަމޫނާއެއް ކަމަށް.

މީގެ އިތުރުން މި މަސައްކަތުގެ ސަބަބުން ގްރޭޓާ މާލޭ ގްރިޑްގެ ފްލެކްސިބިލިޓީ އިތުރުވެގެންގޮސްފައިވާ ކަމަށާއި، ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ކުރުމުއްދަތެއްގެ ތެރޭގައި ތަރައްގީކުރި ސްޓެލްކޯ ހުޅުމާލެ އެނެކްސް2 އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހުޅުމާލޭ އިންޖީނުގެ އެނެކްސް – 2 ގެ ގޮތުގައި މި ހުޅުވި އިންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެތަނުން މި ވަގުތު 7 ޖަނަރޭޓަރުސެޓް ވަނީ ކޮމިޝަން ކުރެވިފައި. އަދި އިތުރު ފަސް ޖަނަރޭޓަރު ސެޓް ގެނެވި މި ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައި ވެއެވެ. އެއާއެކު ހުޅުމާލެ އިންޖީނުގެ އެނެކްސް – 2 ގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ގްރޭޓާމާލޭ ސަރަހައްދުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައި.