ދިވެހިރާއްޖެއަކީ ކުޅިވަރަށް ލޯބިކުރާ ގައުމެކެވެ. ތަފާތު ކުޅިވަރުތަކަށް ލޯބިކުރާ ޒުވާނުންނާއި ޅަ ފުރައިގެ ކުދިން އިތުރުވަމުން އަންނައިރު ކުޅިވަރުގެ ދާއިރާގައި ރާއްޖޭގެ މުސްތަގުބަލު ފެންނަނީ އުޖާލާކޮށްނެވެ. ފުޓުބޯޅައާއި ހޭންޑް ބޯޅަ ފަދައިން ވޮލީއަކީ މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރެކެވެ. މި ކުޅިވަރު ކުޅޭ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މި ދާއިރާގައި ފިޔަ ޖަހާ ގިނަ ތަރިންނަކީ ޅަ ފުރައިގެ ކުދިންނެވެ.
އެގޮތުން މ. ވޭވަށަށް އުފަން އުމުރުން 17 އަހަރުގެ އައިޝަތު ނަޝްމާ އަހުމަދަކީ މިފަދައިން ވޮލީ ގައި ކުރިއަރަމުންދާ އުންމީދީ ކުޅުންތެރިއެކެވެ. ނަޝްމާ ކިޔައިދިން ގޮތުގައި އޭނާ ހަނދާން ހުންނަން ފެށީންސުރެ ވޮލީ މެޗުތައް ބަލާ ހަދައެވެ. ހާއްސަކޮށް ކުޑައިރު އޭނާގެ މަންމަމެން ވޮލީ ކުޅޭތަން ބަލައެވެ.
އެންމެ ކުޑައިރުން ފެށިގެން ވޮލީ ކުޅެން ޝައުގުވެރިވާ ނަޝްމާއަށް ލިބުނު ރަނުގެ ފުރުސަތަކަށް ވެގެން ދިޔައީ 2023 ވަނަ އަހަރުގެ "އެޓޯލް ވޮލީ ބޯލް ޓޯނަމެންޓް" ގައި ވޭވަށުގެ ޓީމުން ޖާގަ ލިބުމެވެ. އެ ފަހަރު ވޭވަށުގެ ޓީމުގައި ނަޝްމާ ދެއްކި މޮޅު ކުޅުމަށް ގިނަ ބައެއްގެ ތައުރީފާއި ސަމާލުކަން ލިބިގެން ދިޔައެވެ. އެ މުބާރާތް ވެގެން ދިޔައީ ނަޝްމާގެ ހުނަރުވެރި މޮޅު ކުޅުން ގިނަ ބަޔަކަށް ފެނިގެން ދިޔަ މުބާރާތަށެވެ.
މި މުބާރާތަކީ ނަޝްމާ ބޮޑެތި ކާމިޔާބީތަކެއްވެސް ހާސިލުކުރި މުބާރާތެކެވެ. އެގޮތުން ވޭވަށަށް މުބާރާތުގެ ޗެމްޕިއަންކަން ލިބުނު އިރު ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ ނަޝްމާއެވެ. މީގެއިތުރުން މި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ ލަގަބުވެސް ހާސިލުކުރީ ނަޝްމާއެވެ.
މިހާ ހިސާބަށް އާދެެވުނީ ސޮފްވާން ކޯޗުގެ އެހީތެރިކަމާއެކު
ނަޝްމާ ކިޔައިދިން ގޮތުގައި ވޭވަށުގައި ގްރޭޑު 10 އަކާއި ހަމައަށް ތައުލީމު ހާސިލުކުރުމަށްފަހު މާލެ ބަދަލުވިއެވެ. އެއާއެކު މާލޭގެ ވޮލީ ބޯލް ކްލަބެއް ކަމަށްވާ ވިންގް ޓީމަށް ކުޅުމުގެ ފުރުސަތު ނަޝްމާއަށް ސޮފްވާން ކޯޗު ފަހި ކޮށްދިނެވެ.
މި ކްލަބުގައި ނަޝްމާ ދައްކުވައިދިން މޮޅު ކުޅުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އަންޑާ 20ގެ ދިވެހިރާއްޖޭގެ ގައުމީ ވޮލީ ބޯލް ޓީމުން ޖާގަ ލިބުމެވެ. ގައުމީ ޓީމުން ނަޝްމާ ޖާގަ ހޯދިއިރު ނަޝްމާއަށް އެންމެ 16 އަހަރެވެ. ގައުމީ ޓީމުގައިވެސް ނަޝްމާ ވަނީ ފާހަގަކޮށްލެވޭ މޮޅެތި ކާމިޔާބީތައް ހާސިލުކޮށްފައެވެ.
އެގޮތުން ނޭޝަަނަލް ވޮލީ ބޯލް ލީގުގެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ނަޝްމާ ވަނީ ހާސިލުކޮށްފައެވެ. ކުޅުނު ގިނަ މުބާރާތްތަކުން އެންމެ މޮޅު 6 ކުޅުންތެރިންގެ ލިސްޓުންވެސް ޖާގަ ހޯދި ނަޝްމާ ވަނީ ނޭޝަނަލް ވޮލީ ބޯލް ޗެމްޕިއަންޝިޕްގެ އަންޑާ 19ގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމުވެސް ހާސިލުކޮށްފައެވެ.
ނަޝްމާގެ ޝުކުރުގެ ލިސްޓުގެ އެންމެ ކުރީގައި ސޮފްވާން ކޯޗް
ވޮލީ ބޯލްގައި ނަޝްމާ ހޯދި ކާމިޔާބީތަކުގެ ސިއްރަކީ ސޮފްވާން ކޯޗުގެ އެހީތެރިކަން ކަމުގައި ނަޝްމާ ފާހަގަކުރެއެވެ. ޓޯނަމެންޓުތަކުގައި ނަޝްމާއަށް އިތުބާރުކޮށް ޗާންސް ދިން ކަމަށާއި އަބަދުވެސް ހިތްވަރު ދެމުން ގެންދިޔަ ކަމަށް ނަޝްމާ ބުންޏެވެ. އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަން ބުނެދިނުމުގައި ސޮފްވާން ކޯޗު މަސައްކަތްކުރީ ވަރުބަލި ކަމެއް ނެތިއެވެ.
ސޮފްވާން ކޯޗުގެ އިތުރުން ނަޝްމާގެ ހިތުގައި އާއިލާއަށާއި ރައްޓެހިންނަށް އޮތީ ހާއްސަ ލޮތްބެކެވެ. ހާއްސަކޮށް ނަޝްމަގެ މަންމަ އަށެވެ. ނަޝްމާ ކިޔައިދިން ގޮތުގައި މާލޭގައި މުބާރާތްތައް ކުޅޭއިރު މަންމަ ކައިރިއަކު ނުހުރެއެވެ. ރަށުގައި ދިރިއުޅެމުންދާ މަންމައަށް މުބާރާތްތައް ބަލަން ނާދެވުނަސް މަންމަ ނަޝްމާއަށް އަބަދުވެސް ދެނީ ހިތްވަރެވެ.
ނަޝްމާ މިހާރު ތައްޔާރުވަމުން އަންނަނީ މި އަހަރުގެ އޭޕްރީލް މަހު ފަށާ ވީއޭއެމް ކަޕް 2025 އަށެވެ. ނަޝްމާ މިހާރު ތައުލީމު ހާސިލުކުރަމުން ދަނީ އެމްއެންޔޫ ބިޒްނަސް ސުކޫލުގައެވެ. ނަމަވެސް ނަޝްމާގެ އުންމީދަކީ ވޮލީ ބޯލް ގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ.
ނަޝްމާ ފަދައިން ކާމިޔާބު ވޮލީ ކުޅުންތެރިއަކަށް ވާން ބޭނުންވާ ކުދިންނަށް ނަޝްމާގެ މެސެޖަކީ ހިތްވަރު އެލުވައި ނުލާ ގަދައަޅާ މަސައްކަތް ކުރުމެވެ. ކުޅިވަރުގައި ބަލިވާ ފަހަރުވެސް ދާނެ ކަން ހަނދާން ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެފަދަ ކަންކަމުން އިބްރަތް ލިބިގަނެ ކުރިއަށް އޮތް މެޗުތަކާ ކެރިގެން ކުރިމަތި ލުމަކީ ކާމިޔާބީއަށް ވާސިލުވުމަށް ކުރަން ޖެހޭ މުހިންމު ކަމެއް ކަމުގައި ނަޝްމާ ބުނެއެވެ.