ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި / ކެނެރީގެ، އިބްރާހީމް އިމާދު (30އ) އާއި މއ. ވިންޑްސްޓާ 1 / މާލެ، މުހައްމަދު ސިމްރާހް (43އ) އަދި ގދ. ރަތަފަންދޫ / ޒަމާނީއާގެ، ސަލާހު ޝިހާބް (45އ) ކަމަށެވެ.

މި މަހުގެ 9 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 57.78 ގުރާމު ހިމެނޭ ކަަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ސިމްރާޙް (43އ) އާއި ސަލާހު ޝިހާބް (45އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު އިބްރާހީމް އިމާދު (30އ) ކޯޓުން ވަނީ ދޫކޮށްލާފައެވެ.

އެހެންކަމުން އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އެ ފުލުހުން ވަނީ ބުނެފައެވެ.