ތާރީހުގެ ތެރެއަށް ބަލައިލައިފި ނަމަ ތިލޭރުކަން ނުވަތަ ރަންރިހީގެ މަސައްކަތްތަކީ މީގެ 400 އަހަރު ކުރިން ވެސް ރާއްޖޭގައި ކުރަމުން އައި ކަމެކެވެ. މި މަސައްކަތް އޭރު ކުރަމުން އައި އިރު، ރާއްޖޭގައި ތިބި މި މަސައްކަތް ކުރާ މީހުން އުފައްދަމުން އައީ ކަރުގައި އަދި އުނަގަނޑުގައި އަޅާ ފައްޓާރާއި އަތުކުރި އާއި ފައިކުރީގައި އަޅާ އުޅާ ފަދަ ގަހަނާއެވެ.
ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އަތްތެރި މަސައްކަތަކީ ފިރިހެނުން ކުރަމުން އައި މަސައްކަތެކެވެ. ނަމަވެސް މިހާރު މި މަސައްކަތަކީ އަންހެނުން ވެސް ކުރާ މަސައްކަތެވެ. އެގޮތުން މިއަދު 'ދަ ޕްރެސް' ގެ 'މީހުން' ސެގްމެންޓްގައި މި ގެނެސްދެނީ ތިލޭރުކަން ކުރަމުން އަންނަ 5 އަންހެނުންގެ ވާހަކައެވެ. ޝަދީއާ އަދީލް ޖަލީލް، މަރިޔަމް އިބްރާހިމް، ހަދީޖާ ނަޒްވާ، އާމިނަތް ޖުލައިލާގެ އިތުރުން އައިޝަތު ރިފްގާ އާޒިމް ގުޅިގެން ފެށި މި މަސައްކަތު ވާހަކައަކީ އެތައް ކިޔުންތެރިންތަކަކަށް އިބްރަތްތެރި ވާހަކައަކަށް ވާނެ ކަން ޔަގީނެވެ.
ފަސް އަންހެނުން ވެގެން މި މަސައްކަތް ފެށި ގޮތް ކިޔައިދެމުން އަންބަލަންގޭގެ މެނޭޖިން ޑިރެކްޓަރު، ޝަދީއާ އަދީލް ޖަލީލް، ޝަދީ ބުނީ، ތިލޭރުކަން ދަސްކޮށްދިނުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ހިންގި ކޯހުގެ ފުރަތަމަ ބެޗުގައި ހިމެނުނު ބައިވެރިންގެ ތެރެއިން ފަސް ބައިވެރިން އެ ކޯސް ނިންމުމަށް ފަހު އަމިއްލަ މަސައްކަތެއްގެ ގޮތުގައި މި ވިޔަފާރި ފަށަން ނިންމީ ކަމަށެވެ. 2016 ވަނަ އަހަރުން ފެށިގެން ވެސް އަތްތެރިކަމުގެ މަސައްކަތް ކުރަމުން އައި ޝަދީ ބުނީ، މި ކޯހަށް އެމްއައިޓީން ހުޅުވާލުމަކީ އޭނާ ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަ ޖެހެން މެދުވެރިވީ ސަބަބު ކަމަށެވެ.
2021 ވަނަ އަހަރު ފެށި އެ ކޯހުން ދިމާވި ހަތަރު އެކުވެރިންނާ ގުޅިގެން މި ފަދަ ވިޔަފާރިއެއް ފެށުމަށް އޭނާ ވިސްނީ މި މަސައްކަތުގެ ބުރަ ކަމުންނާއި ބްރޭންޑެއް އުފައްދައިގެން ގިނަ ޕްރޮޑަކްތްތަކެއް މާކެޓަށް ނެރޭ ނަމަ އެކަނި ކުރުމަކީ ދަތި އަދި ބުރަ ކަމަށް ވާނެތީއެވެ. އެގޮތުން ހަ މަސް ދުވަހަށް ކުރިއަށް ގެންދިޔަ ކޯސް ނިމުނުތަނާހެން ކުންފުންޏެއް ރަޖިސްޓާކޮށް، ފަސް އަންހެނުން އެކުގައި މި ވިޔަފާރީގެ މަސައްކަތް 2021 ވަނަ އަހަރުގެ ފަހުކޮޅުގައި ފެށިއެވެ.
އެއް ޒަމާނެއްގައި އަންބަލަންގެއޭ ބުނުމުން އެއީ އަންހެނުން މަސައްކަތް ކުރާ ތަނޭ ބުނެވިދާނެއެވެ. އެއީ އިހުޒަމާނުގެ ގޭގޭގެ ދެކުނު ފަރާތުގައި ހަދާފައި ހުންނަ މަރިޔާދުގެ އަށް ކިޔާ ނަމެކެވެ. އެތަނަކީ ކެއްކުމާއި އަތްތެރި މަސައްކަތްކުރުން ފަދަ ކަންކަން ކުރުމަށް އަންހެނުންނަށް ހާއްސަކޮށްފައިވާ ގެއެއް، ނަމަވެސް މިހާރު އަންބަލަންގެއޭ ބުނީމަ އެއީ ކޮން ބައެއް ކަން ނޭނގޭ މީހުން މަދުވާނެއެވެ.
ކޯސް ފުރިހަމަ ކުރި އިރު، ޕްރެސެންޓޭޝަންއެއް ހުށަހަޅަން ޖެހި، ޝަދީ ހުށަހެޅި ޕްރެސެންޓޭޝަންގައި ފަށާނެ އަމިއްލަ ބިޒްނަސްއަކަށް ދޭނެ ނަމެއްގެ ގޮތުގައި އޭނާ ދިން ނަމަކީ އަންބަލަންގެއެވެ. ނަން ދިން އިރުގައި ސަގާފީ ނަމެއް ދިނުމަށް އިސްކަން ދީ، އަދި އަންހެނުން ކުރާ މަސައްކަތަކާ ގުޅުވާލުމަށް އަންބަލަންގެ އިހުތިޔާރު ކުރި ކަމަށް އޭނާ ބުނެއެވެ. އަދި ކޯސް ފުރިހަމަ ކުރުމަށް ފަހު ފަސް ބައިވެރިން އެކުވެގެން ވިޔަފާރި ފެށުމަށް ނަމެއްގެ ގޮތުގައި މި ނަން ބޭނުން ކުރަން އެންމެންގެ ތާއީދާއެކު ކުރިއަށް ދިޔައީ ކަމަށް ޝަދީ ބުނެއެވެ.
މި މަސައްކަތް ފެށި އިރު ބައިވަރު ހުރަސްތަކާ ކުރިމަތިވިއެވެ. މަސައްކަތް ފެށި އިރު އެދެވޭ ވަރަށް ފައިސާ ނެތުމުން ލޯންއެއް ބޭނުންވެ ބައެއް ހުރަސްތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ފަސް ބައިވެރިންގެ އުންމީދާއި ވަރުގަދަ އަޒުމް އެ މަޑުޖެހުމަށް ތަން ދޭކަށް ބޭނުމެއް ނުވިއެވެ. ބައިވެރިން އަމިއްލައަށް ކުރި ކުޑަ އިންވެސްޓްމަންޓަކާއެކު މަސައްކަތް ފަށަން ބޭނުންވާނެ ބައެއް ސާމާނުތައް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ގެނެސް މަސައްކަތް ފެށީއެވެ.
މި މަސައްކަތް ފެށިތާ މިހާރު ތިން އަހަރު ވެފައިވާ އިރު، އާންމުންގެ ބޮޑު ތަރުހީބެއް ލިބޭ ކަން ޝަދީ ފާހަގަ ކުރިއެވެ. އާންމުކޮށް މާލެއިންނާއި ހުޅުމާލެއިން އަންބަލަންގޭގެ އުފެއްދުންތަކަށް ތަރުހީބު ބޮޑުވަމުން އަންނަ އިރު ބައެއް ފަތުރުވެރިންނާއި ބިދޭސީން ވެސް އަންބަލަންގޭގެ އުފެއްދުން ބަލައިގަންނަ ކަން ޝަދީ ފާހަގަ ކުރެއެވެ. އަދި ބަރޭންޑެއްގެ ގޮތުގައި އަންބަލަންގެ ކުރި އަރައިގެން ދިއުމަކީ މި ފަސް މެންބަރުންގެ ވެސް އުންމީދެވެ. ރާއްޖޭގެ ނަންބާ ވަން ބްރޭންޑަށް ވުމުގެ ފޮނި ހުވަފަންތައް ދެކެމުން އަންނަ މި ވިޔަފާރިން މިހާރު ވެސް އަމިއްލަ އެކި ޑިޒައިންތަކާއި ކަލެކްޝަންތައް ތައްޔާރުކޮށްފައި އެބަހުއްޓެވެ. އަންބަލަންގޭގެ އުފެއްދުންތައް ބަލައިލަން ލިބޭނެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމަކީ އިންސްޓަގަރާމެވެ.
އަންބަލަންގެއިން ތަފާތު އެކި ވައްތަރުގެ ގަހަނާތައް އުފައްދާ އިރު އެ ގަހަނާތައް ހާއްސަ ވަނީ ހަމައެކަނި އަންހެނުންނަކަށް ނޫނެވެ. ކަރުގަ އަޅާ ފަށާއި ފަޔާއި އަތުގައި އަޅާ ކެވެއްޔާއި ބޭންގްލްސްގެ އިތުރުން ކަންފަތުގައި ލާ އެއްޗެހި ވެސް އަންބަލަންގެއިން އުފައްދައެވެ. އަނގޮއްޓި އުފައްދާ އިރު، ކަޕްލް ރިންގްސް ވެސް އަދި ފިރިހެނުން ހާއްސާކޮށް ވެސް އަންބަލަންގެއިން އަންނަނީ އަނގޮއްޓި ވެސް އުފައްދަމުންނެވެ.
މިހާރު އެއް ރިސޯޓަށް އަންބަލަންގޭގެ އުފެއްދުންތައް ސަޕްލައި ކުރަމުން އަންނަ އިރު، މި ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށް ޕްލޭންތައް އަންނަނީ ރާވަމުންނެވެ. ސަމާ އައިލެންޑްގެ ގެސްޓް ޝޮޕް 'ހިރި' އަށް މިދިޔަ އަހަރު ތެރޭ އަންބަލަންގޭގެ އުފެއްދުންތައް ސަޕްލައި ކުރަން ފެށި އިރު މިއީ މި ވިޔަފާރިއަށް އިތުރުވެގެން ދިޔަ ބޮޅެކެވެ.
އުންމީދަކީ ކުރިއަށް އޮތްތަނުގައި ގިނަ ރިސޯޓްތަކުން ވެސް އަންބަލަންގޭގެ އުފެއްދުންތައް ލިބެން ހުރުން ކަމަށް ފަސް ބައިވެރިން ބުނެއެވެ. ދިވެހިންގެ އުފެއްދުންތެރިކަން ކުރިއަރުވައި ދިވެހިންގެ މަސައްކަތް އިސްތިހާރުކޮށް ކުރިއަރައިގެން ދިއުމަކީ ކޮންމެ ދިވެއްސަކު ވެސް ފަހުރުވެރިވާނެ ކަމެއް ކަން ޔަގީނެވެ. އެގޮތުން މިހާރު ރިސޯޓްތަކުގައި ހުންނަ ބިދޭސީ ގަހަނާ ބްރޭންޑްތަކުގެ ބަދަލުގައި ދިވެހިންގެ ބްރޭންޑްތައް ފެނިގެން ދިއުމަކީ އަންބަލަންގޭގެ އުންމީދެވެ.
ގިނަ ރިސޯޓްތަކަށް ސަޕްލައި ކުރަން އަންބަލަންގެއިން ވިސްނާ އިރު، ޕްރޮޑަކްޝަން އިތުރު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރަންޖެހޭ ކަން ޝަދީ ފާހަގަ ކުރެއެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި މި ވިޔަފާރި އިތުރަށް ފުޅާކޮށް އަތްތެރި މަސައްކަތަށް ލޯބި ކުރާ މީހުންނަށް މި މަސައްކަތް ދަސްކޮށްދީ ވަޒީފާގެ ފުރުސަތު ވެސް ފަހިކޮށް ދިނުމަކީ މުސްތަގުބަލަށް އަމުނާލާ ބޮޅެއްގެ ގޮތުގައި ޝަދީ ފާހަގަ ކުރެއެވެ.
އަންބަލަންގޭގެ ބައިވެރިއެއް ކަމުގައިވާ ނަޒްވާ ބުނާ ގޮތުގައި އޭނާ އަބަދުވެސް ކަވި މަސައްކަތް ކުރަން ވަރަށް ޝައުގުވެރިކަން ހުރެއެވެ. އެމްބްރޮއިޑަރީ މަސައްކަތަކީ މީގެ ކުރިން ވެސް ކުރަމުން އައި މަސައްކަތެކެވެ. އެ ގޮތުން މިފަދަ މަސައްކަތެއް ދަސްކުރަން ހުޅުވާލި ކޯހުގައި ބައިވެރިވެގެން އަތްތެރި މަސައްކަތަށް ޝައުގުވެރިވެ މަސައްކަތައް ލޯބި ޖެހުނު ކަމަށް އޭނާ ބުނެއެވެ. އަންބަލަންގޭގެ މަސައްކަތް ފެށިގެން މިހާ ހިސާބަށް އައި އިރު ނަޒްވާ އަކީ އެ މަސައްކަތުގައި ހުރިހާ ކަމެއްގައި ވެސް ބައިވެރިވާ ފަރާތެކެވެ.
އަމިއްލަ ވިޔަފާރިއެއް ފަށާއިރު، އާންމުންގެ ތެރޭގައި ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ބަޔަކާ އެކުވެގެން މަސައްކަތް ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން ގޮތުގައި ގަބޫލު ކުރާ މީހުން ގިނައެވެ. ނަމަވެސް އަންބަލަންގެ އުފެދުނު ގޮތާއި މިއަދާ ހަމައަށް ކުރި މަސައްކަތުގެ ތަޖުރިބާ އަށް ބަލާފައި ނަޒްވާ ބުނީ، ފަސް މީހުން އެކުގައި މަސައްކަތް ކުރާ އިރު، އެންމެ ފަސޭހަވާ އެއް ކަމަކީ އަންޑަސްޓޭންޑިންއެއްގެ ތެރެއިން އެކަކު އަނެކަކާ މުއާމަލާތް ކުރުމާއި އެކަކު އަނެއްކަކަށް އިހްތިރާމް ކުރުން އެ ފަސް މެންބަރުންގެ މެދުގައި އޮންނަ އޮތުން ކަމަށެވެ. އެކަކު އަނެކަކުގެ ހިޔާލާއި މަޝްވަރާތައް އަޑުއަހައި ވިޔަފާރިއަށް އެންމެ ރަނގަޅު ގޮތް އިސް ކުރުމަކީ ގިނަ ބަޔަކު އެކުވެގެން މަސައްކަތް ކުރާ ނަމަ ކުރިއަށް ދިއުމުގައި އެންމެ ފަސޭހަ ވާނެ އެއް ކަމެއްގެ ގޮތުގައި ނަޒްވާ ފާހަގަކުރިއެވެ.
އަންބަލަންގޭގެ ބައިވެރިއެއް ކަމުގައިވާ ޖޫލީ މި މަސައްކަތަށް ވަދެވުނު ގޮތް ހިއްސާ ކުރަމުން ބުނީ، ސްކޫލް ދައުރު ނިންމާލި ފަހުން ވެސް އާރްޓްގެ ދާއިރާއެއްގައި މަސައްކަތް ކުރަން އަބަދުވެސް ބޭނުންވި ކަމަށެވެ. އަބަދުވެސް ވަރަށް ކްރިއޭޓިވް މަސައްކަތެއް ކުރަން ޝައުގުވެރިކަން އޮތް އިރު، ޖޫލީ އަކީ އަންބަލަންގެ އުފެދުމުގެ ކުރިންވެސް އަތްތެރި މަސައްކަތްތައް ކޮށް އުޅުނު ފަރާތެކެވެ. ގްރެފިކްސް ޑިޒައިނަރެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ވެސް ކުރި ޖޫލީ ބުނީ، ކޯހުގައި ބައިވެރިވުމަކީ މި ދާއިރާއަށް ލޯ ހުޅުވި މިއީ ވެސް ކުރިއަށް ގޮސް ކުރެވިދާނެ މަސައްކަތެއް ކަން އެނގުނު ކަމަށެވެ.
މި ފަސް މެންބަރުންގެ ތެރެއިން މަރީ އަކީ އޭނާގެ ދަރިފުޅު ތުއްތު އިރު އެ ދަރިފުޅު ހެދުން ފެހުމާއި ކަރުގައި އަޅާ މިނާފަށްތައް ހެދުމާއި އެ ފަދަ ކަވި މަސައްކަތްތައް ކުރުމުގައި އުޅުނު މީހެކެވެ. އެގޮތުން އޭރު ވެސް ފެބްރިކް ބޭނުންކޮށްގެން ގަހަނާ ހަދަމުން އައި އިރު ތިލޭރުކަމުން ގަހަނާ ހަދަން ފެށީ ކޯހުގައި ބައިވެރިވުމަށް ފަހުގައެވެ. މިކަމަށް އުފެދުނު ޝައުގާ އެކު ވިޔަފާރިއެއް ފެށުމުގެ އުންމީދުގައި ހުއްޓައި ފަސް މެންބަރުން އެކުވެގެން މަސައްކަތް ފެށުން މިއީ އަންބަލަންގޭގެ ބިންގާ ކަމުގައި އޭނާ ދެކެއެވެ.
ވިޔަފާރިއާ މެދު މަރީގެ ހިޔާލަކީ އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެ ކަމަށެވެ. ބައެއް ފަހަރު އަތުން އެއްޗެއް ބީވާ ފަހަަރު ވެސް އަންނާނެ ކަމަށާއި އަދި އަތުން ބީވާ އެއްޗެއް އަނބުރާ ލިބޭ ފަހަރު ވެސް އަންނާނެ ކަމަށް މަރީ ބުނެއެވެ. މި ވިޔަފާރީގައި ވެސް އަޑި ގަނޑުތަކާއި އުސްގަނޑުތައް ވެސް އައި ކަމަށާއި މި ދަތުރުގައި ދާން ބޭނުންވާ މަންޒިލާ ހަމައަށް އަދި ވާސިލް ނުވެވުނު ކަމުގައި ވިޔަސް އެ މަންޒިލަށް ދިއުމުގެ ދަތުރުގައި ފަސް މެންބަރުން ވެސް އެކުގައި ހިތްވަރާއި މިންނަތުން ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުނެއެވެ. އަދި އަންބަލަންގޭގެ މަންޒިލާ ހަމައަށް ވާސިލް ވެވޭނެ ކަމަށް ވަރަށް ފޮނި އުންމީދެއް އޮތް ކަަމަށް ވެސް އޭނާ ބުނެއެވެ.
އަންބަލަންގޭގެ މުސްތަގްބަލް ސިފަކޮށް ދެމުން ރިފްގާ ބުނީ، މުސްތަގްބަލް ފެންނަނީ ވަރަށް ކުލަ ގަދަކޮށް ވަރަށް އުފާވެރި ފާގަތިކޮށް ކަމަށެވެ. މި މަސައްކަތް ފެށި ދުވަހުން ފެށިގެން މިއަދާ ހަމައަށް މިވީ ތިން އަހަރު ދުވަހުގެ ތެރޭގައި އުފެއްދުންތަކާއި ޑިޒައިންތަކާއި ކަލެކްޝަންތައް އިތުރުވެގެން ދިއުމަކީ ފެންނަ އެންމެ ބޮޑު ކުރިއެރުން ކަމަށް ރިފްގާ ބުނެއެވެ. އަދި މިހާރު ރާއްޖޭގައި މި ފަދަ މަސައްކަތް ދަސްކޮށްދޭ ކޯސްތައް ހިންގުން މަދުކަން ފާހަގަކުރަމުން އަންބަލަންގެއިން ފަށައިގެން ކުރިއަށް ގެންދާ ވޯކްޝޮޕް އަށް އާންމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަކީ ވެސް އަންބަލަންގޭގެ މުސްތަގްބަލް ދައްކުވައިދޭ މަންޒަރެއްގެ ގޮތުގައި ރިފްގާ ބުނެއެވެ.
އަންބަލަންގޭގައި ކުރާ މަސައްކަތަކީ ކިހާ ބުރަ މަސައްކަތެއްކަން ގަހަނާ ގަންނަން ދާ މީހަކަށް ނޭނގިދާނެއެވެ. އެގޮތުން އާންމުންނަށް މި މަސައްކަތުގެ އަގުވަޒަން ކުރެވޭނީ މި މަސައްކަތުގެ ތަޖުރިބާ އެނގިގެން ކަމަކީ ގަބޫލު ކުރެވޭނެ ހަގީގަތެކެވެ. އެ ގޮތުން މިހާރު އަންބަލަންގެއިން އަންނަނީ އަނގޮޓި ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއް ހިންގަމުންނެވެ.
މި ވޯކްޝޮޕްގައި ބައިވެރިވާ ފަރާތްތަކަށް އަނގޮއްޓިއެއް އުފައްދަން ކުރާ މަސައްކަތް ފެށިގެން ނިމެންދެން ކިޔައިދީ، އެ މަސައްކަތް އެމީހުންނަށް ދަސްކޮށްދެއެވެ. މި ވޯކްޝިޕްގެ ބައިވެރިން އުފައްދާ އަނގޮޓި ވޯކްޝިޕް ނިންމާލުމުން އެ ފަރާތަކަށް ދޭނެއެވެ. އެގޮތުން މި ވޯކްޝޮޕްގައި އެންމެ ގިނައިން ބައިވެރިވަނީ ކައިވެނި ކުރަން ތައްޔާރުވާ ދެ ބައިވެރިން ކަމަށާއި އެ ފަދަ ބައިވެރިން ބުނާ ގޮތުގައި މިއީ ވަރަށް ވެސް ރަނގަޅު ތަޖުރިބާ އެއް ކަމަށް އަންބަލަންގެއިން ބުނެއެވެ.
އެކުގައި ދެމީހުން ކައިވެނީގެ ދުވަހު ނުވަތަ އެންގޭޖްވާ އިރު އަޅާ އަނގޮއްޓި ހަދާ ލުމަށް މިއީ ރަނުގެ ފުރުސަތެވެ. އަދި އެހާމެ މަޖާ އަދި ރަނގަޅު ތަޖުރިބާއަކަށް ވާނެ ކަމަށް އަންބަލަންގެއިން ބުނެއެވެ. މިހާރު ވެސް މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު އެބަ އޮތެވެ. ޝައުގުވެރިވާ ފަރާތްތަކުން އަންބަލަންގޭގެ އިންސްޓަގްރާމްއަށް މެސެޖެއް ފޮނުވާ ވޯކްޝޮޕްގައި ބައިވެރިވެވޭނެއެވެ.