މޭކަޕް ކުރުމަކީ މިއަދު ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެއްޖެއެވެ. މޭޕަކް އިންޑަސްޓްރީ ރާއްޖޭގައި ފުޅާވެ ކުރިއަރަމުން ދާއިރު މި ދާއިރާއަށް ޝައުގުވެރިވާ ޒުވާނުން ގިނައެވެ. ވެޑިންއެއް ނުވަތަ ގްރެޖުއޭޝަން ހަފްލާއެއް ނުވަތަ އުފަންދުވަހުގެ ހަފްލާއެއް ބާއްވާ ނަމަވެސް އެންމެ ފުރަތަމަ ހޯދާނީ އެ ދުވަހަކަށް ތިމާ މޭކަޕް ކޮށްދީ ތައްޔާރުކޮށްދޭނެ މީހެއްކަން ޔަގީނެވެ.

އެގޮތުން ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ހައްވާ އަޒްމާ ނާޒިމް އަކީވެސް މޭކަޕްގެ ދާއިރާގައި ކުރިއަރާފައިވާ ކުޅަދާނަ މޭކަޕް އާޓިސްޓެކެވެ. އަޒްމާގެ ފިހިން މޭކަޕު ކުރުމަށް އަބަދުވެސް ދިގު ކިއުއެއް އޮވެއެވެ. ދާއިރާގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އަޒްމާ މޭކަޕްގެ ތެރެއަށް ވަދެފައިވަނީ އުމުރުން އެންމެ 15 އަހަރުގައެވެ. މޭކަޕް ކުރުމަކީ އަޒްމާ އަބަދުވެސް ކުރާ ހިތްވާ އެކަމަށް ޝައުގުވެރިވާ މަސައްކަތެކެވެ.

މޭކަޕް ކުރުމުގަ އިންސްޕިރޭޝަން އަކަށްވީ ޔޫޓިއުބް. އޭރު އަޅުގަނޑަށް ވާނީ އެންމެ 15 އަހަރު. އަތުގަ ހުރި މޭކަޕް ޕްރޮޑަކްޓުތައް ބޭނުން ކޮށްގެން އޭރު ތަފާތު މޭކަޕްތައް ކުރަން ޕްރެކްޓިސް ކުރީ
ހައްވާ އަޒްމާ ނާޒިމް

މި ދާއިރާއަށް ނިކުތުމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ދައްތަގެ ބްރައިޑަލް މޭކަޕަށް ލިބުން ތައުރީފް

މޭކަޕް ދާއިރާގައި ފިޔަޖަހަމުންދާ އަޒްމާ ބުނި ގޮތުގައި އަމިއްލަ މޭކަޕްތައް ކުރުމުގެ އިތުރުން ފުރަތަމަ މޭކަޕެއް ކޮށްދިނީ އޭނާގެ ދައްތައަށެވެ. ދައްތައަށް ކޮށްދިން ބްރައިޑަލް މޭކަޕަށް ލިބުނު ބޮޑު ތަރުހީބު ވެގެން ދިޔައީ މި ދާއިރާއަށް ނިކުތުމަށް އަޒްމާއަށް ލިބުން އެންމެ ބޮޑު ހިތްވަރަށެވެ.

އަޒްމާ މިވަގުތު އެންމެ ގިނައިން ކޮށްދެނީ ބްރައިޑަލް މޭކަޕެވެ. ބްރައިޑަލް މޭކަޕްގެ އިތުރުން ބްރައިޑްސްމެއިޑް މޭކަޕް، ގްރެޖުއޭޝަން މޭކަޕް، މެޓާނިޓީ މޭކަޕް އަދި ތަފާތު ހަފްލާތަކަށް މޭކަޕް ކޮށްދެއެވެ.

އަޒްމާ ކޮށްފައިވާ ބްރައިޑަލް މޭކަޕެއް / ފޮޓޯ: މިހާޒް

އަޒްމާގެ މި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް އަޒްމާއަށް ލިބެނީ ފިރިމީހާގެ ފަރާތުންނެވެ. އަދި އާއިލާއާއި ރައްޓެހިންގެ ފަރާތުން ލިބޭ އެހީތެރިކަމަށްވެސް އަޒްމާގެ ހިތުގައި އޮތީ ފުން ލޯތްބެކެވެ. އަޒްމާ ފާހަގަކުރާ ގޮތުގައި އަޒްމާގެ ކައިރިން އެއްފަހަރު މޭކަޕެއް ކޮށްފަ ތިބި ގިނަ ކްލަޔަންޓުން ދެވަނަ ފަހަރަށްވެސް އާދެއެވެ. މިއީ މޭކަޕްތަކާމެދު ކްލަޔަންޓުން ހިންހަމަ ޖެހޭކަން ހާމަވާ ކަމެއްކަން އަޒްމާ ވަނީ ފާހަގަކޮށްފައެވެ.

މިވަގުތު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އަމިއްލަ ސްޓޫޑިއޯއެއް ނެތުން

އަޒްމާ ފާހަގަކުރި ގޮތުގައި މިވަގުތު މޭކަޕް ކޮށްދޭނެ އަމިއްލަ ސްޓޫޑިއޯއެއް ނެތުމަކީ މި މަސައްކަތުގައި އޭނާއަށް ދިމާވާ ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން މޭކަޕްތައް ކޮށްދޭން ދާން ޖެހެނީ ކްލަޔަންޓުންގެ ގެއަށެވެ. މި މަސައްކަތް އަޒްމާ ފުރަތަމަ ފަށާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. ފަހުން އަޒްމާގެ ދިރިއުޅުން ވަނީ މާލެ ބަދަލުކޮށްފައެވެ.

ކުޅުދުއްފުށީގައި ދިރިއުޅުން ދުވަސްކޮޅު ކައިރި ރަށްރަށަށްވެސް މޭކަޕް ކޮށްދޭން އަޒްމާ ވަނީ ގޮސްފައެވެ. އެގޮތުން ހދ. އަތޮޅުގެ ރަށްތައް، ހއ. އަތޮޅުގެ ރަށްތައް އަދި ށ. އަތޮޅުގެ ރަށްތަކަށް މޭކަޕް ކޮށްދިނުމަށް އަޒްމާ ދިޔައެވެ.

ސީޒަން ތެރޭގަ ވެޑިން މޭކަޕްތަކަށާއި އެހެނިހެން މޭކަޕްތައް ކޮށްދިނުމަށް އެކި ރަށްރަށަށް ދަތުރު ކުރުމަކީ ވަރަށް ޗެލެންޖިން ކަމެއް
ހައްވާ އަޒްމާ ނާޒިމް

މާލެ ބަދަލުވުމާއެކު މިހާރު އަޒްމާ މާލޭގެ އިތުރުން ހުޅުމާލެއަށް ގޮސް މޭކަޕްތައް ކޮށްދެއެވެ. އަޒްމާ ފާހަގަކުރި ގޮތުގައި އޭނާއަށް ވަރަށް ހިންހަމަ ޖެހޭ މޭކަޕްތައް ކުރެވިފައި އެބަހުއްޓެވެ. އެކި މޭކަޕްތައް ކުރުމަށް ވަގުތު ނަގަނީ އެކި ވަރަށްކަން ފާހަގަކުރަމުން އަޒްމާ ބުނީ އެންމެ އުފާވަނީ ކްލަޔަންޓުންގެ ފަރާތުން ލިބޭ ޕޮޒިޓިވް ކޮމެންޓުތަކުގެ ސަބަބުން ކަމަށެވެ.

ކުޅަދާނަ މޭކަޕް އާޓިސްޓެއްގެ އިތުރުން އަޒްމާއަކީ ހުނަރުވެރި ފެހުންތެރިއެއް

އަޒްމާގެ ހުނަރު ފެނިގެން ދަނީ ހަމައެކަނި އޭނާ ކޮށްލާ މޭކަޕްތަކުން އެކަންޏެއް ނޫނެވެ. މޭކަޕް އާޓިސްޓެއްގެ އިތުރުން އަޒްމާއަކީ މޮޅު ފެހުންތެރިއެއްވެސް މެއެވެ. އަޒްމާގެ އާއިލާގައި އޭނާގެ ދައްތަމެންނަކީ ފެހުންތެރިންނެވެ. އެމީހުންގެ މަސައްކަތްތައް ފެނި ފެހުމަށް ޝައުގުވެރިވި އަޒްމާއަށް ފަހާ ފޮއްޓެއް ގަނެދިނީވެސް އޭނާގެ ދައްތަމެންނެވެ. އަޒްމާ މިހާހިސާބަށް އައިސްފައިވަނީ އޭނާގެ އަމިއްލަ ބުރަ މަސައްކަތްތަކުންނެވެ. މޭކަޕް ކުރުމަށްވެސް އަދި ފެހުމަށްވެސް އެއްވެސް ކަހަލަ ކޯހެއް އަޒްމާ ހަދާފައެއް ނުވެއެވެ.

އަޒްމާ ފަހާފައިވާ ހެދުމެއް، މޭކަޕް ވެސް ކޮށްފައިވަނީ އަޒްމާ / ފޮޓޯ: މިހާޒް

ކުޅުދުއްފުށީގައި ދިރިއުޅުނު އިރު ފަހަން ބޭނުންވާ ތަފާތު މެޓީރިއަލްތައް ހޯދުމަށް އުނދަގޫވިކަން ފާހަގަކޮށް އަޒްމާ ބުނީ މާލެ ބަދަލުވުމާއެކު އެކަމަށް ލުޔެއް ލިބުނު ކަމަށެވެ. ފެހުމަށް ބޭނުންވާ ތަފާތު މެޓީރިއަލްސް އަޒްމާ ގިނައިން ގެންނަނީ ބޭރުންނެވެ. އޭރުން މާލެ އިން ގަތުމަށްވުރެ މާ އަގުހެޔޮ ވެގެން ދާކަމަށް އޭނާ ބުނެއެވެ.

އަޒްމާ ރަށުގައި ދިރިއުޅުނު އިރު އޭނާ ފަހަން ހާއްސަކޮށްގެން ވަކި ތަނެއް ހަދާފައިވެއެވެ. މާލެ ބަދަލުވުމާއެކު މިހާރު ފަހަން ވަކިން ތަނެއް ނެތް ނަމަވެސް އަޒްމާގެ އުންމީދަކީ މުސްތަގުބަލުގައި ފަހާ ތަނެއްގެ އިތުރުން މޭކަޕް ސްޓޫޑިއޯއެއް ހުޅުވުމެވެ.

މި ދާއިރާގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަޒްމާގެ ނަސޭހަތަކީ ހުނަރުތައް ކުރިއެރުވުމަށް މަސައްކަތްކުރުމެވެ. އެއާއެކު ކޮންމެ ކްލަޔަންޓަކަށްވެސް އިހްތިރާމާއެކު މުއާމަލާތުކުރުމާއި އެ މީހުންގެ ލޯބި ހޯދުމަކީ މުހިންމު ކަމެއްކަމުގައި އަޒްމާ ފާހަގަކުރެއެވެ.

މި ކަހަލަ މަސައްކަތެއް ފަށާކަށް ކޮންމެހެން ބޮޑު ފިހާރައަކާއި ފެންސީ ސެޓަޕެއް ހުންނާކަށް ނުޖެހޭ. އަޅުގަނޑުވެސް ފުރަތަމަ މޭކަޕް ކޮށްދިނީ ރައްޓެހިންނާ އާއިލާއަށް. މަސައްކަތް ފުޅާ ކުރީ އޭގެ ފަހުން
ހައްވާ އަޒްމާ ނާޒިމް
އަޒްމާ ފަހާފައިވާ މެޓާނިޓީ ހެދުމެއް، މޭކަޕް ވެސް ކޮށްދީފައިވަނީ އަޒްމާ / ފޮޓޯ: މިހާޒް

މިދަފަ ކޮންމެ މަސައްކަތެއް ކާމިޔާބު ކަމާއެކު ކުރުމުގެ ސިއްރަކީ ކެރިގެން އެކަމަކާ ކުރިމަތިލުން ކަމުގައި އަޒްމާ ބުނެއެވެ. އަޒްމާގެ މި މަސައްކަތުގައި އޭނާއަށް އެހީތެރެވެދޭ އެންމެހާ ފަރާތްތަކަށް އަޒްމާ ހިތުގެ އަޑިން ޝުކުރު އަދާކުރެއެވެ. ހާއްސަކޮށް އާއިލާ އާއި ރައްޓެހިންގެ އިތުރުން އޭނާގެ ފިރިމީހާގެ އެހީތެރިކަން އަޒްމާ ފާހަގަކުރެއެވެ.