އިޓަލީގެ ފުޓުބޯޅަ ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ރާއްޖޭގެ އެމްބެސެޑަރަކަށް ހަމަޖައްސައިފިއެވެ.

ވިޒިޓް މޯލްޑިވްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ގްލޯބަލް ބްރޭންޑު އެމްބެސެޑަރުގެ ހައިސިއްޔަތުން ފެބްރީޒިއޯ ރޮމާނޯ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކުރަމުންދާނެ ކަމަށާއި މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރުވާ އިސްތިހާރު ކުރުމަށް ކުރެވިގެންދާ މަސައްކަތެއް ކަމަށެވެ.

ފެބްރީޒިއޯ ވަނީ ބުރަ ދުވަސްތަކަކަށްފަހު ވެކޭޝަން ހަދާލަން ނުވަތަ އަރާމުކޮށްލަން ދާން އެންމެ ރަނގަޅު މަންޒިލަކީ ދިވެހި ރާއްޖެ ކަމަށް ބުނެފައެވެ. ރާއްޖެ އަކީ ގުދުރަތީ ރީތިކަމުން ފުރިގެންވާ އުފާވެރި މަންޒިލެއްގެ ގޮތުގައި ސިފަކޮށް ފެބްރީޒިއޯ ވަނީ ރާއްޖޭގެ ރީތިކަން ފެނި ހައިރާންވި ކަމަށް ބުނެފައެވެ.

ފެބްރީޒިއޯ ރާއްޖެއަށް މީގެކުރިން އެތައް ފަހަރެއްގެ މަތިން އައިސްފައިވާއިރު 2022 ވަނަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި، ސްޕޯޓްސް އައިކަން އެވޯޑުވެސް ވަނީ ހާސިލުކޮށްފައެވެ.

ފެބްރީޒިއޯ ރޮމާނޯ އަކީ މިވަގުތު ދުނިޔޭގައި ފާހަގަކޮށްލެވޭ އެންމެ ނުފޫޒުގަދަ އެއް ފުޓުބޯޅަ ނޫސްވެރިޔާއެވެ.