އިޒރޭލުގެ އުދުވާނީ ހަމަލާތަކުން ފުނޑު ފުނޑުވެފައިވާ ގާޒާ އާރާސްތުކުރުމަށް އަރަބި ގައުމުތަކުން ހުށަހަޅައިފައިވާ މަގުޗާޓަށް ރާއްޖެއިން ތާއިދު ކޮށްފިއެވެ.

އެ މަގު ޗާޓަށް ރާއްޖެއިން ތާއީދުކޮށްފައި މި ވަނީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތަކާ ދެކޮޅަށް އަޑުއުފުލުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހާރިޖީ ވަޒީރުންގެ ފެންވަރުގައި އިއްޔެ ބޭއްވި އެކްސްޓްރާއޯޑިނަރީ ސެޝަންގައި ބައިވެރިވެވަޑައިގެންނެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ހާރިޖީ ވަޒީރު، ޑރ. އަބްދުﷲ ހަލީލް ވަނީ ހާއްސަ ތަގްރީރެއްވެސް ދެއްވާފައެވެ. އެގޮތުން އެ ތަގްރީރުގައި ވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާކަން ފާހަގަކޮށް، މެދުކެނޑުމެއްނެތި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރިކުރައްވައި އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ކުށްވެރިކޮށް، ގާޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ. މީގެ އިތުރުންވެސް އަރަބް ލީގް ސަމިޓްގައި ފާސްކުރި ގާޒާ އާރާސްތުކުރުމުގެ މަގުޗާޓަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަންވެސް ވަނީ ހާމަކުރެއްވާފައެވެ.

ހަމަ އެހެންމެ ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ރާއްޖެއިން ވަނީ ދީފައެވެ. އަދި ފަލަސްތީނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއެޅޭ ގޮތަށް އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކާ ގުޅިގެން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެ ކޯޓަށް ބަޔާނެއް ހުށަހެޅިކަން ފާހަގަކުރެއްވިއެވެ.

އަދި މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރެވުމުންކަމުގައި ހަލީލް ވިދާޅުވިއެވެ.

އޯއައިސީއަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްގުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމިއްޔާއެކެވެ. ރާއްޖެ އަކީ 1976 މި ޖަމިއްޔާގެ މެމްބަރަކަށް ވުމަށްފަހު މި ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.