ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުސްނުއްސުއޫދު އުޅުއްވިއިރުވެސް ގެންގުޅުއްވީ ސިޔާސީ އެކްޓިވިޒަމްގެ އުސޫލުތައް ކަަމަށް ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ތުހުމަތުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދު އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ކުރިއަށް އޭނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ސަސްޕެންޑްކޮށްފައެވެ.

ސުއޫދު، އެންމެ ފުރަތަމަ އިސްތިއުފާގެ ސިޓީ ފޮނުވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށެވެ. ނަމަވެސް ޖޭއެސްސީން ބަލަމުންދާ މައްސަލަތައް ކުރިއަށް ގެންދަން އެ ކޮމިޝަންގެ ބައްދަލުވުމުން ނިންމުމާއެކު އިސްތިއުފާގެ ސިޓީ ސުއޫދު ވަނީ ޖޭއެސްސީއަށް ފޮނުވާފައެވެ.

އެ ސިޓީގައި ސުއޫދު ފާހަގަކުރައްވާފައިވަނީ ސިޔާސީ ޕާޓީތަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރި މައްސަލަ ރައީސް ބޭނުންވެލައްވާ ގޮތަށް ނިންމެވުމަށް ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށެވެ. އަދި ހަމައެހެންމެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވާކަން ސުއޫދު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެއީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ވާހަކަތަކަށް ރައްދު ދެމުން ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިއްޔެ އިސްތިއުފާދެއްވުމުގައި އަމަލު ކުރެއްވި ގޮތުން ފަނޑިޔާރު ސުއޫދު ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރު ކަމުގައިވެސް ގެންގުޅުއްވީ އެ މަގާމަށް ވަޑައިގަތުމުގެ ކުރިންވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިޒަމްގެ އުސޫލުތައްކަން ސާފުވެފައިވާ ކަމަށެވެ.

އަދި އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ޖެހޭނެ ކަމަށް ބަޔާން ކުރާ އިސްތިއުފާގެ ސިޓީ އެ ކޮމިޝަނަށް ހުށަހެޅުމުގެ ބަދަލުގައި ރައީސް އޮފީހަށް ހުށަހެޅީ އެވަގުތުވެސް ރާއްޖޭގެ ރައީސްގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް އެޅުއްވުމަށް ކަމީ ސުއޫދު ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަދެވަޑައިގެން ހުންނެވި ކަމުގެ އަލިގަދަ ދަލީލެއް ކަމަށް ޕީއެންސީން ބުނެއެވެ.

ހަމައެއާއެކު ފަނޑިޔާރު ސުއޫދާ މެދު އަދި ސްޕްރީމް ކޯޓުގެ އެހެން ފަނިޔާރުންނާ މެދު ވެސް އަމަލުކުރެވެމުން ދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި އެކަށައަޅާފައި އޮންނަ އުސޫލުން ކަމަށާއި ފަނޑިޔާރަކާމެދު ޖިނާއީ ތަހުގީގެއް ފެށުމުން އެ ފަނޑިޔާރަކު ވަގުތީ ގޮތުން މަސައްކަތުން ދުރުކުރުވާމެދު ގޮތެއް ކަނޑައެޅުމަކީ ވަކި ފަނޑިޔާރަކަށްވީތީ އެގޮތަށް އަމަލުކުރާ ކަންތައްތަކެއް ނޫން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ހަމައެހެންމެ ރާއްޖޭގައި ގާއިމުވެފައި އޮތް ދުސްތޫރީ ނިޒާމަކީ ބާރުތައް ވަކިވެ އެއް ބާރު އަނެއް ބާރު ޖަވާބުދާރީ ކުރުވައި، ބާރުތަކުގެ މައްޗަށް ފާރަވެރިވާނެ މުސްތަގިއްލު މިނިވަން މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައި އޮތް ނިޒާމެއް ކަމަށް ޕީއެންސީން ބުނެއެވެ.

މީގެ އިތުރުން ވެސް ގާނޫނުތައް ނެގެހެއްޓުމުގައި ރައީސް ދައްކަވަނީ ނަމޫނާއެއް ކަމަށާއި އެކަމަށް މަރުހަބާ ކިޔަމުން ޕީއެންސީން އިތުރަށް ބުނެފައި ވަނީ ފަނޑިޔާރުކަމުގެ މަގާމުގައިވެސް އަދި މަގާމުން ވަކިވެވަޑައިގަތުމުގައިވެސް ފަނޑިޔާރުން ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުސޫލު އިސްކުރުމަކީ ގާނޫނީ ނިޒާމުތައް ދަންނަ ކަމެއް ނޫން ކަމަށާއި އެއީ މުޅި ޖުޑިޝަރީގެ އިތުބާރު ގެއްލި ޝަރުއީ ދާއިރާ ސިޔާސީ ވާދަވެރިކަމުގެ ތެރެޔަށް ވަނުމަށް ހިތްވަރު ލިބޭ ފަދަ މައްސަލައެއް ކަމަށެވެ.

ސުއޫދަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރެވެ. ސުއޫދުގެ އިތުރުން ސަސްޕެންޑޫކޮށްފައި ވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއެވެ.

އެ ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުންނާއި އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ.