ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 12 އަހަރަށް ޖަލަށްލުމަށާއި، 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުކުމްކޮށްފިއެވެ.

ރާއްޖެއަށް ކިލޯއެއްހާ ކެނެބިސް އެތެރެކުރި މައްސަލައިގައި ހުކުމްކޮށްފައިވަނީ މ.ތިރިންގަލި، އަހްމަދު ވިސާމްގެ މައްޗަށެވެ.

ވިސާމްގެ މައްޗަށް ހުކުމްކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހު، ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކަރުދާސް ފޮށްޓެއް ބަލައި ފާސްކުރުމުގެ ތެރެއިން އެ ފޮށީގައި ހުރި ދެ ފުޅިއަކުން ޖުމްލަ 962.7 ގްރާމުގެ ކެނެބިސް ފެނުމާއި ގުޅުމުންނެވެ.

މި ބާވަތުގެ މައްސަލަތަކުގައި އާންމު އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުން ނަމަވެސް، ދައުލަތުން ވަނީ ވިސާމްއާއި އެކު ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން، އަދަބު ލުއިކޮށްދީފައިވެއެވެ.

ވިސާމްގެ ކުށަށް އިއުތިރާފްވުމާ ގުޅިގެން އޭނާގެ އަދަބު ލުއިކޮށްދީފައިވާއިރު ކޯޓުން ކުރި ހުކުމުގައި، މައްސަލައިގެ ތަހުގީގު މަރުހަލާ އަދި ޝަރީއަތުގެ މަރުހަލާގައި އެ ފަރާތް ހޭދަކުރި އެއް އަހަރާއި ހަތް މަސް ދުވަސް މުއްދަތުން ވަނީ އުނިކޮށްފައެވެ. އެހެންކަމުން އޭނާ ޖަލުގައި ހޭދަކުރަންޖެހޭނީ 10 އަހަރާއި 11 މަސް ދުވަހެވެ. މީގެ އިތުރުން ކޯޓުން ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި 50،000 ރުފިޔާ ދައުލަތަށް ދެއްކުމަށް ހުކުމްކޮށްފައެވެ.