ރާއްޖެއަކީ ދުނިޔެމަތީގައި ނެތްވަރުގެ ރީތި ހިތްގައިމު މަންޒިލެއް ކަމަށް ބުނަމުން, ރާއްޖެއަށް ވުރެވެސް ރީތި އަދި އަދި އަގުހެޔޮ މަންޒިލްތައް ހުރި ކަމަށް ބުނެ ބޭރުގެ ބައެއް ނޫސްތަކުން ކެމްޕެއިނެއް ހިންގަން ފަށައިފިއެވެ.

ބޭރުގެ ބައެއް ޓެބްލޮއިޑްތަކުގައި ރާއްޖޭގެ މަގުބޫލުކަން ފަނޑު ވާނެ ގޮތަށް ޝާއިއު ކޮށްފައި ވާ އެ ރިޕޯޓުތަކުގައި ބުނެދޭނެ މަސައްކަތް ކޮށްފައި ވަނީ, ރާއްޖެއަށް އެތެރެވެ ފުރާއިރު ކޮންމެ މީހަކު 40 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭ ކަމަށާއި އެއީ އާންމު ދަތުރަކަށް ޓިކެޓާއެކު ހޭދަކުރާ 2000 ޕައުންޑުގެ އިތުރުން ކުރަން ޖެހޭ ހޭދައެއް ކަމަށެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ މެޓްރޯ އަދި އެކްސްޕްރެސް ނޫހުގައި ރާއްޖެ ފަޑުކޮށް އެހެން ބައެއް މަންޒިލްތައް މާ ރަނގަޅު ކަމަށް ބުނެދޭން ކޮށްފައި ހުރި މަސައްކަތުގައި ރާއްޖެ އަށް ވުރެ ރީތި އަދި އަގުހެޔޮ 12 މަންޒިލެއް އޮތް ކަމަށް ފާހަގަ ކޮށް ބުނެފައި ވަނީ, މޯލްޓާ, ތައިލޭންޑް, އަލްބޭނިއާ, ގްރީށްގެ ކޯފޫ ފަދަ ތަންތަން ހިމަނާފައި ވެއެވެ. އަދި އެތަންތަނާ ބެހޭގޮތުން ސޯޝަލްމީޑިއާގެ އެކި އިންފްލުއެންސަރުން ހަދާފައި ވާ ބައެއް ވީޑިއޯ ކްޕިލްތައް ވެސް ހިމަނާފައި ވެއެވެ.

މި ދެ ޓެބްލޮއިޑްގެ ތެރެއިން އެކްސްޕްރެސް ގައި ސްޕެއިންގައި އޮންނަ 'މޯލްޑިވްސް' އެއްގެ ވާހަކަ ޕްރޮމޯޓް ކޮށްފައި ވެއެވެ. ރާއްޖޭގައި އޮންނަ ފަދަ ވެލި ގޮނޑުދޮށާއި މޫދު ހިމެނޭ ކެނަރީ އައިލޭންޑްސްގެ ސޮޓަވެންޓޯ ބީޗަކީ މާރީތި ތަނެއް ކަމަށް ބުނެފައި ވެއެވެ. ޔޫރަޕްގައި އެ ތަން މަޝަހޫރު ކުރަނީވެސް އަދި ވިއްކަނީ ވެސް 'މޯލްޑިވްސް އޮފް ސްޕެއިން – ހެވަން އޮން އާތު' ގެ މަރުކާގައެވެ.

ދުނިޔެމަތީގެ ސުވަރުގެ އަކީ އެއީ ކަމަށް ބުނެ އިޝްތިހާރު ކުރަމުން ބުނެފައި ވަނީ, ސޮޓަވެންޓޯ ބީޗަކީ ގެ އާ މާ ކައިރީގައި އޮންނަ 'މޯލްޑިވްސް' ކަމަށެވެ. އަދި އަގު ހެޔޮ ކަމަށާއި ޔޫރަޕުން ރާއްޖެއަށް ދަތުރު ކުރަން ހާހުން ދެހާހުން ހަދަރު ކުރަން ޖެހޭ އިރު ހޮލިޑޭ އާއެކު އެ ހަދަރު މާބޮޑު ކަމަށާއި ގޭ ބިއްދޮށުގައި (ޔޫރަޕްގައި( އޮތް މޯލްޑިވްސް އެއް މާ ހިތްގައިމު ކަމަށް ބުނެފައި ވެއެވެ.

ރާއްޖޭގެ ދޮންވެލި ގޮނޑުދޮށްތަކުގެ ސާފު ކަމާއި ފެހިކަން ގަދަ މަލަމަތީގެ އިތުރުން މާ ދުރަށް ފެތުރިފައި އޮންނަ ސާފު ވިލު ނޫ މޫދަކީ އެފަދަ ދެވަނައެއް ނުވާ ގުދުރަތީ ރީތި ޖަޒީރާ ރާއްޖޭގެ އެންމެ މަގުބޫލު އެއް ސިފައެވެ.

ފަތުރުވެރިންގެ ލޯބި ރާއްޖެއަށް ލިބެނީ އަދި ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރު ވަމުން ދަނީ, ރާއްޖޭގެ ރީތި ކަމުގެ ސަބަބުން ކަމަށް ވާއިރު ރީރިކަން ދެމެހެއްޓުމަކީ ދިވެހިންގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެކެވެ.