އިންސާނީ ވަސީލަތް މަދު މި ގައުމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ގިނަ ބަޔަކު އުޅޭ ކަމަކީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ދިމާވާ ކާރިސާތަކުގައި އިސް ސަފުގައި ނިކުމެ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި މިފަދަ މީހުން އަންނަނީ ނަމޫނާ ދައްކަމުންނެވެ. އަންނަން އޮތް ޖީލަށް ވެސް މިއީ ކުރެވިދާނެ ކަމެއް ކަން ސާބިތުކަމާ އެކު ދައްކާ ޒުވާނުންގެ ވާހަކަތައް ހިއްސާކޮށްލުމުގެ ގޮތުން މި ގެނެސްދެނީ އެފަދަ ހުނަރުވެރި އަންހެނެއްގެ ވާހަކައެވެ.

ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާ އުމުރުން 37 އަހަރުގެ މަރިޔަމް ޝިފާނާ ހުސައިން އަކީ، އެތައް މަސައްކަތެއް ކުރަމުން އަންނަ ހީވާގި އަންހެނެކެވެ. އެގޮތުން އޭނާ އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ހިލޭ ސާބަހަށް މަސައްކަތް ކޮށް މި މުޖުތަމައުއަށް އަގު އަދާ ނުކުރެވޭ ފަދަ ގިނަ ހިދުމަތްތަކެއް ކޮށްދޭ ފަރާތެއްގެ ގޮތުގައެވެ. މި ވަގުތު ނަރުހުންގެ ޖަމިއްޔާގެ ރައީސްގެ މަގާމުގައި މަސައްކަތް ކުރަމުން އަންނަ ޝިފާނާއަކީ ވިލާ ކޮލެޖާއި ޕޮލިޓެކްނިކްގައި ވެސް ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތެކެވެ. ހަމައެއާއެކު ލޭކޮކާ މެޑިކަލްސް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ މެނޭޖަރެއްގެ ގޮތުގައި ވެސް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

މަރިޔަމް ޝިފާނާ ހުސައިން

ވޮލަންޓިއާ މަސައްކަތް ލޯބި ޖެހި ހަރުފަތަކަށް ފަހު ހަރުފަތެއް މައްޗަށް!

ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް ޝައުގުވެރިކަން އުފެދުނު ގޮތް ހިއްސާކުރަމުން ޝިފާނާ ބުނީ، މި މަސައްކަތަށް އޭނާއަށް ވަދެވުނީ އެމްއާރްސީ މެދުވެރިކޮށް ކަމަށެވެ. އެއީ ސުނާމީ ކާރިސާއަށް ފަހު 2009 ވަނަ އަހަރު އިންޓަނޭޝަނަލް ފެޑްރޭޝަން އޮފް ރެޑް ކްރެސެންޓް (އައިއެފްއާރްސީ) އިން ރާއްޖެއަށް އެހީވުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން އެތަނުގައި ސުޕަވައިޒަރެއްގެ ގޮތުގައި ފެށި މަސައްކަތުންނެވެ. އަދި އެއަށް ފަހު އެމެރިކަން ރެޑްކްރެސެންޓުން ރާއްޖޭގައި ހިންގި ސާވޭ މަސައްކަތްތަކުގައި ޝިފާނާ ވަނީ މަސައްކަތް ކޮށްފައެވެ.

ސުނާމީ އަށް ފަހު އެ ކާރިސާގައި ލިބުނު ގެއްލުމާއި ރަށްރަށަކުން މީހުން ބަދަލު ކުރުމަށް ކުރި މަސައްކަތުގައި އުޅެގެން މިއީ ވެސް އޮތް ފީލްޑެއް ކަން އޭނާއަށް އެނގުނު ކަމަށް ޝިފާނާ ބުނެއެވެ. އެއަށްފަހު ރާއްޖޭގައި ރެޑް ކްރެސެންޓް ޖަމިއްޔާ އުފެދި، އެ މަސައްކަތުގެ ތެރޭގައި އުޅެން ފެށީއެވެ. އެގޮތުން އެންމެ ފުރަތަމަ ރެޑް ކްރެސެންޓް އުފެދުނު ފަހުން 2011 ވަނަ އަހަރުން ފެށިގެން ރެޑް ކްރެސެންޓްގެ މަސައްކަތުގައި އޭނާ ފުރަތަމަ މަސައްކަތް ކުރީ ޓްރެއިނާއެއްގެ ގޮތުގައެވެ. ފަސްޓަ އެއިޑްގެ ޓްރެއިނިން ނިމުނު އިރު މި މަސައްކަތަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދުނު ކަމަށާއި އެއަށް ފަހު މިއަދާ ހަމައަށް ވެސް އެމްއާރްސީގައި މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުނެއެވެ.

ރެޑް ކްރެސެންޓްގައި ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

އެގޮތުން މިހާރު އޭނާ ކުރާ މަސައްކަތަކީ ރެޑް ކްރެސެންޓްގައި ފަސްޓް އެއިޑް އަދި ސައިކޯ ސޯޝަލް ސަޕޯޓް ޓްރެއިނިން ދިނުމުގައި ކަމަށް ޝިފާނާ ބުނެއެވެ. ހަމައެއާއެކު މި ވަގުތު ރެޑް ކްރެސެންޓްގެ ބޯޑް މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރާ އިރު، މާލެ ސިޓީ ޔުނިޓްގެ އެމަޖެންސީ ކޮމިޓީގައި ވެސް ޝިފާނާ ހިމެނެއެވެ. އެ ގޮތުން އެމަޖެންސީ ހާލަތްތަކުގައި ރެޑް ކްރެސެންޓް އިން ހިދުމަތް ދޭން ނިކުންނަ އިރު އެ ޓީމްގައި ވެސް އޭނާ ނިކުމެއެވެ.

އެގޮތުން ރާއްޖޭގައި ހިނގާ ބޮޑެތި އަލިފާނުގެ ހާދިސާތަކުގައި އާއި ފެނުގެ ދަތިކަން ތަހައްމަލު ކުރި ކާރިސާގައި އެންމެ ކުރީ ސަފުގައި ރައްޔިތުންނަށް ހިދުމަތް ކޮށް ދިނުމުގައި ޝިފާނާ ވަނީ ހަރާކަތެރިވެފައެވެ.

އެވެއާނަސް ޕްރޮގްރާމެއްގައި ޝިފާނާ މައުލޫމާތު ފޯރުކޮށް ދެނީ

ރެޑް ކްރެސެންޓަގައި މަސައްކަތް ކުރަމުން ދަނިކޮށް ނާސިން ފީލްޑަށް ޝައުގުވެރިކަން އުފެދިގެން ނާސިން ކޯހުގައި ބައިވެރިވާން ޝިފާނާ ނިންމިއެވެ. ތިން ކުދިންގެ މަންމައެއް ކަމުގައިވާ ޝިފާނާ އެ ކޯސް ފުރިހަމަ ކުރި އިރު ދެ ކުދިން ވަނީ ލިބިފައެވެ. އެ ކޯސް އޭނާ ފުރިހަމަ ކޮށްފައި ވަނީ 2014 ވަނަ އަހަރުގައެވެ. ނާސިން ކޯސް ފުރިހަމަ ކުރި ކަމުގައި ވިޔަސް ޝިފާނާ އެންމެ ކުރާ ހިތްވާ ކަމަކީ ޓީޗިން ކަމަށް އޭނާ ބުނެއެވެ. އެ ގޮތުން ނާސިން ކޯސް ފުރިހަމަ ކުރުމަށް ފަހު މިހާރު އޭނާ އަންނަނީ ދެ ކޮލެޖެއްގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

https://www.facebook.com/MinistryOfHealthMV/videos/970643844969983/

ޝިފާނާގެ "ކެއާ ގިވާސް ގައިޑް" ފޮތް މި އަހަރު ޕަބްލިޝް ކުރާނެ!

ރާއްޖޭގައި މިވަގުތު ކޮމިއުނިޓީ ހެލްތް ނާސްއެއްގެ މަގާމު ނެތް ކަމުގައި ވިޔަސް ޝިފާނާ އުންމީދު ކުރަނީ ކޮމިއުނިޓީ ހެލްތް ނާސްއަަކަށް ވާށެވެ. ކޮމިއުނިޓީ ހެލްތް ނާސްއަކަށް ވާން އެންމެ ބޭނުންވާ ސަބަބަކީ މި މުޖުތަމައުއަށް ހިދުމަތް ކޮށް ދިނުމަށް ކަމަށާއި އެއީ ކުރިއަށް އޮތް ތަނުގައި ވަރަަށް ބޭނުން ޖެހޭނެ ބައެއް ކަމަށް ޝިފާނާ ބުނެއެވެ. އެގޮތުން މި ވަގުތު އޭނާގެ މަންމަ ދުނިޔޭގައި ހުރި އިރު، މަންމަމެން އުމުރުގެ ބަލި މީހުންނަށް ހިދުމަތް ކޮށް ދިނުމަށާއި އާއިލާއަށް ވެސް ހިދުމަތް ކޮށް ދިނުމުގައި އެއީ ރަނގަޅު ފީލްޑެއް ކަމަށް ޝިފާނާ ގަބޫލު ކުރެއެވެ.

ކޮވިޑް ބަލިމަޑުކަމުގެ ދުވަސްވަރު ޝިފާނާ މަސައްކަތުގައި

ކުރިއަށް އޮތް ތަނުގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ ރާއްޖޭގައި އިތުރުވާނެ ކަމަށް ދިރާސާތަކުން ދައްކާ އިރު، ބަލި އެނދުގައި ބާއްވައިގެން ހިދުމަތް ކޮށް ދޭން ޖެހޭ އުމުރުން ދުވަސްވީ މީހުން މިހާރު ވެސް ވަރަށް ގިނައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މި އަދަދުތައް އިތުރުވާނެ ކަމަށްވާ އިރު، ކޮމިއުނިޓީ ހެލްތް ނަރުހުން ރާއްޖޭގައި ނެތުމާ އެކު އާއިލާއަށް އެފަދަ މީހުންނަށް ހިދުމަތް ކޮށްދެވޭނެ ގޮތްތައް އެނގުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ޝިފާނާ ގަބޫލު ކުރެއެވެ.

އެގޮތުން މިފަދަ ފަރާތްތަކަށް ހާއްސަކޮށް ފޮތެއް އޭނާ ވަނީ ލިޔަން ފަށާފައެވެ. "ކެއާ ގިވާސް ގައިޑް" ގެ ނަމުގައި ޝިފާނާ ލިޔެފައިވާ މި ފޮތް މި އަހަރުތެރޭ ފަބްލިޝް ކުރަން ވަނީ ނިންމާފައެވެ. މި ފޮތް އިނގިރޭސި ބަހުން ނެރޭ އިރު ދިވެހި ތަރުޖަމާ ވެސް ނެރެން ނިންމާފައިވާ ކަމަށް ޝިފާނާ ބުނެއެވެ.

ޝިފާނާ ލިޔެފައިވާ ފޮތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ

މީގެ އިތުރުން މެންޓަލް ހެލްތް އެންޑް ސައިކޯ ސޯޝަލް ސަޕޯޓްގެ ރިސާޗެއް ހަދަމުން އަންނަ ކަމަށް ޝިފާނާ ބުނެއެވެ. މި ރިސާޗް މި ހަދަނީ ހެލްތް ޒޯންތަކަކުން ހޮވާލެވޭ ތަށްރަކުގެ މީހުންނާ އިންޓަވިއުކޮށް މައުލޫމާތު އެއްކޮށްގެނެނެވެ. އެ ގޮތުން މިހާރު ވަރަށް ގިނަ ރަށްރަށުން މައުލޫމާތު އެއްކޮށްފައިވާ ކަމަށް އޭނާ ބުނެއެވެ. މި ރިސާޗްގެ މަސައްކަތް މި އަހަރުގެ ޖޫން ހިސާބުގައި ނިންމާލެވޭނެ ކަމަށް ޝިފާނާ ބުނެއެވެ.

ނަރުހުންގެ ޖަމިއްޔާ އާއި ވިލާ ކޮލެޖާއެކު ވެވުނު އެއްބަސްވުމުގެ ތެރެއިން

ނަރުހުންގެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުރި އިރު، ޝިފާނާ އިސްނަގައިގެން މީގެ ދެ އަހަރު ކުރިން ވަނީ ހިލޭ ކޮންމެ އަހަރު ޑިޕްލޮމާ ފެންވަރަށް 3 ނަރުހަކަށް ކިޔަވައި ދިނުމަށް ފުރުސަތު ހޯދައި ދީފައެވެ. މި ސްކޮލަޝިޕްއަކީ ނަރުހުންގެ ޖަމިއްޔާ އާއި ވިލާ ފައުންޑޭޝަން އާ ގުޅިގެން ކުރިއަށް ގެންދާ ސްކޮލާޝިޕެއް ކަމަށް އޭނާ ބުނެއެވެ.

މި ސްކޮލާޝިޕްގެ ފުރުސަތު ދެނީ ދެ އަންހެން އަދި ފިރިހެން ދަރިވަރަށެވެ. މީގެ މަގްސަދަކީ ރާއްޖޭގައި ފިރިހެން ނަރުހުން އިތުރު ކުރުން އަދި މިންތީގެ ހަމަހަމަކަން އިތުރު ކުރުން ކަމަށް ޝިފާނާ ބުނެއެވެ.

މަރިޔަމް ޝިފާނާ ހުސައިން

މީގެ ދެ އަހަރު ކުރިން ހުޅުވާލި މި ސްކޮލަޝިޕްގައި ބައިވެރިވި ތިން ދަރިވަރުންގެ ކިޔެވުން ނިމޭނީ މިއަހަރުއެވެ. މި އަހަރު އެ ސްކޮލަޝިޕްގެ ފުރުސަތަށް ހުޅުވާލާނީ މެއި މަހުގައި ކަމަށް ޝިފާނާ ބުނެއެވެ. މި ސްކޮލާޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ބޮންޑެއްގެ ގޮތުގައި އޮންނާނީ ދެ އަހަރު ޖަމިއްޔާއަކަށް ހިދުމަތް ކޮށް ދިނުމާއި، ސިއްހީ ދާއިރާގައި ދެ އަހަރު ހިދުމަތް ކޮށް ދިނުން ކަމަށް ޝިފާނާ ބުނެއެވެ. އެގޮތުން ޖުމްލަ ހަތަރު އަހަރު މި ސްކޮލަޝިޕްގައި ކިޔަވާ ދަރިވަރުން ހިދުމަތް ކޮށްދޭން ޖެހެއެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރުމުގައި ޝިފާނާ ވަނީ ކޮވިޑް ޕެންޑަމިކްގައި ވެސް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. ކޮވިޑް19ގެ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ)ގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރި އިރު، ޓެގް ޓީމުގެ އިރުޝާދުގެ ދަށުން ސާމްޕަލް ނެގުމާއި، ސައިކޯސޯޝަލް ސަޕޯޓް ދިނުމާއި، ސަސްޕެކްޓް ކުރެވޭ ފަރާތްތައް ޓްރާންސްފާ ކުރުމާއި، ޑީކޮންޓެމިނޭޝަންގައި ވެސް އަމަލީގޮތުން އެންމެ ކުރީ ސަފުގައި ޝިފާނާ ވަނީ މަސައްކަތް ކޮށްފައެވެ. އެ މަސައްކަތުގައި ޝިފާނާ ހޭދަ ކުރީ އޭނާގެ ތިން ދަރިންނާ ވެސް ދުރުގައެވެ.

ކޮވިޑް ދުވަސްވަރު ޝިފާނާ މަސައްކަތުގައި

ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ކޮށް ދިނުމުގައި މިއަދާ ހަމައަށް ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ޝިފާނާ ބުނީ، އެންމެ ކުރީއްސުރެ ވެސް އަންހެނުން ނަކީ މި މަސައްކަތުގައި ވަރަށް ގިނައިން ފެންނަ ބައެއް ކަމަށެވެ. ރަށް ކުރިއަރުވާ ކޮމިޓީތަކުގައި ރަށްރަށުގައި މަސައްކަތް ކުރި އަންހެނުންނަކީ ރަށަށްޓަކައި ހިލޭ ސާބަހަށް މަސައްކަތް ކުރި މީހުން ކަމަށެވެ. މި ފީލްޑަށް ވަދެވުނީ ދަރިން ލިބި ދަރިންނަށް ވެސް ނަމޫނާ އަކަށް ވުމުގެ ނިޔަތުގައި ކަމަށް އޭނާ ބުނެއެވެ.

މިހާރު ސްކޫލް ނިމިގެން މުޖުތަމައުއަށް ނިކުންނަ ކުދިންނަށް ޝިފާނާ ދޭން ބޭނުންވާ މެސެޖަކީ ހިލޭ ސާބަހަށް މަސައްކަތް ކުރަން ނިކުތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. މުޖުތަމައު އަށް ލޯ ހުޅުވި، ލޯބި ޖެހި މަސައްކަތުގައި ޓީމެއްގެ ގޮތުގައި އުޅެން ދަސްކޮށްލަން މިއީ ރަނގަޅު ތަޖުރިބާއެއް ކަމަށެވެ. މިއީ ވަރަށް ދަރުމަ އާއި ސަވާބު ލިބޭ ރަނގަޅު މުޖުތަމައު އެއް ބިނާ ކުރުމަށް ކުރެވޭނެ ރަނގަޅު މަސައްކަތެއް ކަމަށާއި ހިލޭ ސާބަހަށް މަސައްކަތް ކުރެވޭނެ ބައިވަރު ފީލްޑްތައް އެބަހުރި ކަމަށް ޝިފާނާ ބުނެއެވެ. މި ވަގުތު ވެސް މިފަދަ ގައުމީ މަސައްކަތްތައް ކުރާ އެތައް ބަޔަކު އުޅޭ އިރު، އެކި ޖަމިއްޔާތައް ވެސް އެބަ ހުރި ކަމަށް އޭނާ ބުނެއެވެ.

ރެޑް ކްރެސެންޓަގައި މަސައްކަތް ކުރާ އަޒުމާ އާއި އެކު ޝިފާނާ

2009 ގެ ސުނާމީ ސާވޭ ތަކަކުން ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ތެރެއަށް ވަދެވި، 2011 ވަނަ އަހަރުން ފެށިގެން ދިވެހި ރެޑް ކެރެސްންޓްގައި މަސައްކަތް ކުރުމުގެ ތެރޭގައި ސިއްހީ ދާއިރާއަށް ޝައުގުވެރިކަން އުފެދި 2014 ވަނަ އަހަރު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އިން ކިޔަވައިގެން ރެޖިސްޓާޑް ނަރުހެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޝީފާނާ ދިވެހި ނަރުހުންގެ ޖަމިއްޔާއާ ގުޅުނީ 2021 ވަނަ އަހަރުއެވެ. މިމުއްދަތުގެ ތެރޭގައި މެދުނުކެނޑި އެކި އެކި ޖަމިއްޔާތަކަށް ސިއްހީ ރޮނގުން ވަނީ ހިލޭ ސާބަހަށް މަސައްކަތް ކޮށްދީފައެވެ.

ސްކޫލް ކުދިންނަށް ހާއްސަކޮށް ބޭއްވި ފަސްޓް އެއިޑް ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން

ޝިފާނާ އިސްނަގައިގެން މާލެ އަތޮޅު އާއްމު ސިއްހަތު ރަނގަޅު ކުރުމުގެ ޕްރޮގްރާމް، "ބްރެސްޓް ސެލްފް އެގްޒެމިނޭޝަން" ސެޝަން، އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮ ހެލްތް ޕްރޮފެޝަނަލްސް އަދި ދިވެހި ބަހުގެ ރަދީފުން "ނަރުސް" މިބަހުގެ މާނަ އަދާ ހަމަކުރުން ފަދަ މުހިއްމު މަސައްކަތްތަށް ކޮށްފައި ވެއެވެ.

މީގެ އިތުރުން "ވޮލަންޓިއާޒް މޯލްޑިވްސް" ގެ ނަމުގައި އާ ޖަމިއްޔާއެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، މީގެ މަގްސަދަކީ އިންސާނިއްޔަތަށްޓަކައި، ދަރުމައަށް ހިލޭސާބަހަށް މަސައްކަތް ކުރުމަށް ލޯބިކުރާ ޖީލެއް އުފައްގައި މި ރޫހު ފަނޑުނުވެ އަޅުގަނޑުމެންގެ ގައުމުގައި ދަމަހައްޓާ އާލާކުރުމެވެ.