ކުޑައިރު ދެކެމުން އަންނަ ހުވަފެންތަކަކީ މުސްތަގުބަލު ބައްޓަން ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ބައެއް މީހުން އެމީހުން ކުޑައިރު ދެކެމުން އައި ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސާއިރު އަނެއް ބަޔަކު ދިރިއުޅުމުގައި ކުރިއަށް ދާން ބޭނުންވާ ދާއިރާ ވަކި ހިސާބަކުން ބަދަލު ކޮށްލައެވެ. މިގޮތުން ކުރެހުމުގެ ދާއިރާއަކީވެސް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރާ ދާއިރާއެކެވެ. ނަމަވެސް ކާމިޔާބު ކުރެހުންތެރިއަކަށް ނުވަތަ އާޓިސްޓަކަށް ވުމަކީ ފަސޭހަ ކަމެއް ނޫނެވެ.

"ދަ ޕްރެސް މީހުން" ސެގްމެންޓުގައި މިއަދު މި ގެނެސްދެނީ އެންމެ ކުޑައިރުން ފެށިގެންވެސް ކުރެހުމުގެ ދާއިރާއިން ކުރިއަށް ގޮސް އާޓިސްޓަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހެދި ށ. ފުނަދޫ އަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ނާޖިއާ މުހައްމަދުގެ ވާހަކައެވެ.

ކުޑައިރު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދާ އާޓިސްޓަކަށްވި ނާޖިއާ / ފޮޓޯ: ނާޖިއާ

ނާޖިއާ އަކީ ކުޑައިރުވެސް އޭނާގެ އަތަށް ފަންސޫރަކާ ކަރުސްދާކޮޅެއް ލިބިއްޖެނަމަ ހިތުގައި ސިފަވާ މަންޒަރުތަކަށް ކުރަހާ ކުލަ ޖެއްސުމުގެ ޒަރީއާއިން ދިރުން ގެންނަ ކުޅަދާނެ ފަންނުވެރިއެކެވެ. ކުރެހުމަކީ އަބަދުވެސް ނާޖިއާގެ ހޮބީއެވެ. ކުލާހުގައި އިންނައިރުވެސް ކުރެހުމާއި ކުލަ ޖެއްސުމަކީ ނާޖިއާ ކުރާ ކަމެކެވެ. ނަމަވެސް އޭރު އެހާ ބޮޑަށް ކުރެހުމާ ބެހޭ ނޮލެޖް ނުވަތަ އެ ކަމުގެ މައުލޫމާތެއް ނޭނގެއެވެ.

ނާޖިއާ ކިޔައިދިން ގޮތުގައި ބޮޑަށް ކުރަހަން ޕްރެކްޓިސް ކުރަން ފެށީ ފުރާވަރަށް އެޅި ދުވަސްވަރުއެވެ. އެ ދުވަސްވަރު ކުރެހީ ސްކެޗެސް އާއި ޕޯޓްރެއިޓްސް އެވެ. މަޝްހޫރު ސެލެބްރިޓީންގެ ފޮޓޯތައް އޭރު ނާޖިއާ ކުރަހާލަނީ ހަމައެކަނި ފަންސޫރަކާ ސްކެޗް ފޮތެއް ބޭނުންކޮށްގެންނެވެ.

ނާޖިއާ ކުރަހާފައިވާ ސެލެބްރިޓީއެއްގެ ޕެންސިލް ސްކެޗެއް / ފޮޓޯ: ނާޖިއާ

އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުގައި އާޓް ކިޔެވި ފުރަތަމަ ބެޗުގައި ނާޖިއާ

ސުކޫލު ދައުރުގައި ވަކި މާއްދާއެއް ގޮތަށް އޭރު އާޓް ތައާރަފެއް ނުކުރެއެވެ. 2015 ވަނަ އަހަރު އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލަށް އާޓް ސަބްޖެކްޓު ތައާރަފް ކުރި އިރު އެ މާއްދާ ކިޔެވި ފުރަތަމަ ބެޗަކީ ނާޖިއާމެންގެ ބެޗެވެ. ނަމަވެސް އާޓް ތައާރަފްކޮށްފައިވަނީ ނާޖިއާ މެން 10ގެ ފަހު ސެމިސްޓާގައި ކަމުން އެހާ ގިނަ ދުވަހު ސުކޫލުގައި އާޓް ޕްރެކްޓިސްއެއް ނުކުރެވުނެވެ.

ސުކޫލުގަ އަނެއްހެން ނުކިޔަވަން އާޓެއް. އަހްމަދިއްޔާގެ ގްރޭޑް 10 ގެ ލާސްޓް ސެމިސްޓާގަ މުޅިން އަލަށް އާޓް ސަބްޖެކްޓް އިންޓްރޮޑިއުސް ކުރީ. ވީ ވާ ދަ ފަސްޓް ބެޗް . އެންމެ ސެމިސްޓާއެއް ކިޔެވުނީ. އެ އަހަރު އަލަށް ޕެއިންޓު ކުރީ އޯލެވެސް އަށް.
ނާޖިއާ މުހައްމަދު

އޯލެވެލްއަށް ފަހު ޕެއިންޓުނުކޮށް ގިނަ ދުވަސްތަކެއް ނާޖިއާ ދިޔައެވެ. އޭގެފަހުން އަނެއްކާވެސް ކުރެހުމުގެ ތެރެއަށް ވަނީ 21 އަހަރުގައެވެ. ނަމަވެސް އޭރު ނާޖިއާ ފުލް ޓައިމް ވަޒީފާއެއްގައި އުޅެމުން ދިއުމާއެކު އެކަށީގެންވާ ވަރަށް ކުރެހުމުގެ ކަންކަން ދަސްކޮށް ޕްރެކްޓިސް ކުރުމަށް ވަގުތެއް ނުދެވުނެވެ. ދިމާވި ގޮންޖެހުންތަކާއެކުވެސް ވަޒީފާގައި އުޅެމުން ނާޖިއާ ދިޔައީ އާޓް ޕްރެކްޓިސް ކުރަމުންނެވެ. ނާޖިއާ ކިޔައިދިން ގޮތުގައި އޭރު ކުރަހާ ކުރެހުންތައް ހިއްސާ ކުރާކަށް ނާޖިއާ އަކަށް ނުކެރެއެވެ.

ނާޖިއާ އަލަށް އާޓް ޕޭޖެއް ހުޅުވީ ރައްޓެހިން ދިން ހިތްވަރާއެކުއެވެ. ޕޭޖަށް އޭރު ލީ ހަމައެކަނި ޕެންސިލް ސްކެޗެސްއާއި ޕޯޓްރެއިޓްސް ކަމަށް ނާޖިއާ ބުނެއެވެ. ހީކުރެވުނު ގޮތާއި ހިލާފަށް ނާޖިއާގެ ކުރެހުމަށް ލިބުނީ ބޮޑު ތަރުހީބެކެވެ. ގިނަ ބަޔަކަށް ކަމުދިޔައެވެ.

އޭރު މީހުންނަށް ކުރަހާފަ ހުންނަ އެއްޗެހި ދައްކަން ވަރަށް ލަދުގަނޭ. އޭރު ހިތައް އަރަނީ އެހާ މޮޅެއް ނޫނޭ. ޕަބްލިކް އެކައުންޓެއްވެސް ހަދަން ނުކެރިފަ ހުރީ އެހެންވެ. ވަރަށް މީހުން މެސެޖު ކުރާނޭ އެކަހަލަ އެއްޗެހި ހިތައް އަރާފަ. އެކަމް ފްރެންޑްސް ވަރަށް ބޮޑަށް ޕުޝްކޮށްގެން މޯޓިވޭޓް ކޮށްގެން ޕޭޖެއެއްވެސް ހެދީ.
ނާޖިއާ މުހައްމަދު

އިންސްޓަގްރާމްގައި އާޓް ބައި ޖިރާޕީގެ ނަމުގައި ނާޖިއާ ހިންގާ ކުރަހާ ޕޭޖަށް މިއަދު ވަނީ ގިނަބައެއްގެ ސަމާލުކަން ލިބިފައެވެ.

ވަޒީފާއިން ކެނޑި އެއްކޮށް އާޓް ޕްރެކްޓިސް ކުރަން ވަގުތު ހުސްކުރި

އާޓިސްޓަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ނާޖިއާ އަދާކުރަމުން ދިޔަ ފުލް ޓައިމް ވަޒީފާ ދޫކޮށްލިއެވެ. އެއާއެކު 1 މަސް ވަންދެން އާޓް ޕްރެކްޓިސް ކުރީ ހެނދުނެއް ރޭގަނޑެއް ހަވީރެއް ބެލުމެއް ނެތިއެވެ. ނާޖިއާ ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިިޔައީ ދިވެހިރާއްޖޭގެ އާޓިސްޓް ކޮމިއުނިޓީ އިން 2023 ވަނަ އަހަރު ބޭއްވި ފަރުމާ ޕްލަސް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދިއުމެވެ.

މި އެކްސްޕޯގެ ތެރެއިން ރާއްޖޭގެ ކުރެހުމުގެ ދާއިރާގައި އެންމެ ފުންނައިބު އުސް އެއް އާޓިސްޓް ރާއްޕެ، އޭނާގެ އާޓިސްޓް ޓީމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ނާޖިއާ އަށް ދިނެވެ. އެއާއެކު މިއަދާ ހަމައަށްވެސް ނާޖިއާ ގެންދަނީ ރާއްޕެމެންގެ ޓީމާއެކު ފުލް ޓައިމް އާޓިސްޓެއް ގޮތުގައި މަސައްކަތް ކުރަމުންނެވެ.

އަންވީލިން ވިޝަން 2024ގެ އާޓް އެކްސްޕޯގައި ނާޖިއާ އޭނާގެ ކުރެހުމާ ބެހޭ ގޮތުން މައުލޫމާތު ދެނީ / ފޮޓޯ: ނާޖިއާ

ކުރެހުމުގެ ތަފާތު މީޑިއަމްތައް ނާޖިއާ ދަސްކުރީ ރާއްޕެގެ އެހީތެރިކަމާއެކު ކަން އޭނާ ފާހަގަކުރެއެވެ. މިހާރުވެސް ތަފާތު ވައްތަރުގެ ކުރެހުންތައް ކުރަހަން ދަސްކުރަމުންދާކަމަށް ނާޖިއާ ބުނެއެވެ. ނާޖިއާ މިހާރު ދަނީ އެކްރެލިކް، ޕެންސިލް އެންޑް ޗާކޯލް، ކޮފީ އާޓްގެ އިތުރުން ރެސިން އާޓް އަދި ފްލުއިޑް އާޓްގެ ކުރެހުންތައް ކުރަހަމުންނެވެ. ރާއްޕެގެ އެހީތެރިކަމާއެކު ސެރަމިކް އާޓް ނާޖިއާ މިހާރު ދަނީ ދަސްކުރަމުންނެވެ.

ނާޖިއާ ފާހަގަކުރާ ގޮތުގައި މި ދާއިރާގައި އުޅޭ އިރު ބައެއް ފަރާތްތަކުގެ ނެގަޓިވް ކޮމެންޓުތައް ލިބެއެވެ. ނަމަވެސް އެފަދަ ކަންކަމަށް ނާޖިއާ މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. މީގެއިތުރުން ބައެއް ކުރެހުންތައް ކުރަހަން އެތައް ގަޑީރެއްވެސް ނަގައެވެ. ނަމަވެސް އެއީ ނާޖިއާ އަށް އުނގަދޫ ކަމެއް ނޫނެވެ.

ނާޖިއާގެ ރެސިން އާޓް މަސައްކަތެއް / ފޮޓޯ: ނާޖިއާ

ނާޖިއާގެ ކުރެހުންތަކުގެ ފަހަތުގައި ވަނީ މާނަ ފުން މެސެޖުތަކެއް

ނާޖިއާގެ ކުރެހުންތަކަށް ބަލާލުމުން ނަޒަރު ހުއްޓިގެން ދިޔައީ ބޮޑު އަންހެން ކުއްޖަކު ކުޑަ އަންހެން ކުއްޖެއްގެ ގައިގައި ބައްދާލައިގެން އިން ކުރެހުމަކަށެވެ. ނަމަވެސް މި ކުރެހުމުގެ ފަހަތުގައި ފޮރުވިފައިވަނީ މާނަ ފުން މެސެޖެކެވެ.

ނާޖިއާ ކިޔައިދިން ގޮތުގައި އެއީ ނާޖިއާ އަލަށް ބައިވެރިވި ފަރުމާ ޕްލަސް އެކްސްޕޯގައި ކުރެހި ވަރަށް ޕާސަނަލް ކުރެހުމެކެވެ. އެ ކުރެހުމުގެ ޒަރީއާއިން ނާޖިއާ ކިޔައިދެނީ ދިރިއުޅުމުގައި މިހާރު ވާސިލުވެފައިވާ ހިސާބާމެދު އޭނާ އަމިއްލަ އަށް ފަހުރުވެރިވާކަމެވެ. އެގޮތުން އެ ކުރެހުމުން ފެންނަ ބޮޑު އަންހެން ކުއްޖަކީ ނާޖިއާއެވެ. އަދި ކުޑަ އަންހެން ކުއްޖަކީ ނާޖިއާ ކުޑައިރެވެ.

އޭގަ އިންނާނި އައިއޭމް ހަގިން މައި ޔަންގާ ސެލްފް. އައިއޭމް ޓެލިން ހާ އައި ޑިޑް އިޓްއޭ ދޯ. ވަރަށް ކުޑައިރު ދުވަހަކުވެސް ހިއެއްވެސް ނުކުރަން މިގޮތަށް ވޯކް ކުރެވޭނެކޭ އާޓިސްޓެއް ގޮތަށް. ޑްރީމް އެޗީވް ކުރެވޭނެ ކަމަށް.
ނާޖިއާ މުހައްމަދު

މި ކުރެހުމުގެ ޒަރީއާއިން ނާޖިއާ ބޭނުންވަނީ ނާޖިއާ ފަދައިން އާޓިސްޓަކަށް ވުމަށް އެދޭ ކުދިންނަށް ހިތްވަރެއް ދިނުމެވެ. އެއްވެސް ކަމަކީ ގަދަ އަޅާ މަސައްކަތް ކޮށްފިނަމަ ހާސިލު ނުވާނެ ކަމެއް ނޫންކަން ބުނެދިނުމެވެ.

މުޅިން އަލަށް ބައިވެރިވި އާޓް އެކްސްޕޯގައި ނާޖިއާ ކުރެހި "ނާޖިއާ އެންޑް ހާ ޔަންގާ ސެލްފް" ޕެއިންޓިން / ފޮޓޯ: ނާޖިއާ

އެންމެ ދެކެން ބޭނުންވަނީ އަމިއްލަ އާޓް ސްޓޫޑިއޯއެއް ހުޅުވާތަން

މުސްތަގުބަލަށް ނާޖިއާ ފޮނި އުންމީދުތަކެއް ކުރެއެވެ. ނާޖިއާ މިހާރު އެންމެ ބޭނުންވަނީ އަމިއްލަ އާޓް ގެލެރީއެއް ނުވަތަ ސްޓޫޑިއޯއެއް ހުޅުވުމަށެވެ. ނާޖިއާގެ ހުނަރުތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ނާޖިއާ ބޭނުންވެއެވެ.

ނާޖިއާ ގަބޫލުކުރާ ގޮތުގައި އާމްދަނީ ހޯދުމަށް އެހެން ވަޒީފާތަކެކޭ އެއްފަދައިން މިއީ ކުރަން ރަނގަޅު ކަމެކެވެ. މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ނާޖިއާގެ ނަސޭހަތަކީ ވީހާވެސް ގިނައިން ތަފާތު ވައްތަރުގެ ކުރެހުންތައް ކުރަހަން ޕްރެކްޓިސް ކުރުމެވެ. އަދި ހާއްސަކޮށް ކުރަހާ ކުރެހުންތައް އެހެން މީހުންނަށް ފެންނާނެ ފަދައިން ޕަބްލިޝް ކުރުމެވެ.